ކުޅިވަރުގެ ބޮޑެތި ކްލަބްތައް މާލީ އަނދަވަޅުތަކުން ސަލާމަތްކޮށް، ކުރިއަރާނެ ގޮތްތައް ފަހިކުރަން އެބަޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ހިނގާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، އިރާދަކުރެއްވިއްޔާ، މިއަހަރު ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާއި ހަރަކާތްތެރިކަން އަންނާނޭ މަގުތައް ފަހިކޮށްދޭނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން، ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާއި ކުޅުންތެރީން ތަމްރީނުކުރުމާއި، ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީއަށް އަމާޒު ހިފައިގެން އެ ކަމުގެ މަސައްކަތްތައް ފަށާނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ބިމުގެ ޖާގައަށް ބަލާއިރު، ފަންގިފިލާތަކަށް މަތިމައްޗަށް ހެދިފައިވާ ކުޅިވަރު ކުޅޭ ތަންތަން ޤާއިމުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުރަތަމަ ފަހަރަށް މަލްޓިސްޓޯރީ "ފުޓްސަލް ކޮމްޕްލެކްސް" އަދި މަލްޓިސްޓޯރީ "ނެޓްބޯޅަ ކޮމްޕްލެކްސް"އެއް އެޅުމަށް ހުޅުމާލެއިން 2 ބިން މިހާރުވަނީ ކަނޑައަޅާފައިވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

"އަދި ކުޅުންތެރީންނަށް ތަމްރީނާއި އާމްދަނީގެ ފުރުޞަތު އިތުރުކޮށްދޭންޖެހޭ. މި ހުރިހާ ކަމެއްގައިވެސް ދިވެހި ހުރިހާ އެތުލީޓުންނާއި ކުޅުންތެރީންގެ އަޑުއަހައިގެން، ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިގޮތުން، ކުޅިވަރާއި ހަށިހެޔޮކަމަށް މުހިންމުކަން ދީ، މިހާރުގެ ސަރުކާރުން ވާނީ ޚާއްސަ ވަކި ވުޒާރާއެއް ޤާއިމުކޮށްފައި ކަމަށާއި، އަދި އެ ވުޒާރާގެ ދަށުން ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ކަންކަން ހޯދައި، އެކަންކަމަށް އެދެވިގެންވާ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ ތެރޭގައި، ޤައުމީ އަދި ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމް ޞިއްޙީ ޚިދުމަތްތަކާ ބެހޭ މިންގަނޑުތައް އެކުލަވައިލުމުގެ ގޮތުން، ދިވެހިރާއްޖޭގައި ރާވައި ހިންގާ ކުޅިވަރު މުބާރާތްތަކުގައި ފުރިހަމަކުރަންޖެހޭ "މިނިމަމް މެޑިކަލް ރިކްއަރމަންޓް"އާ ބެހޭ އުސޫލު ތައްޔާރުކޮށް، މި ޚިދުމަތް 15 ޖަނަވަރީ 2024 ގައި ވަނީ އިފްތިތާޙުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

"އަދި މި ޚިދުމަތް އަތޮޅުތެރޭގައާއި މާލޭގައި ބޭއްވޭ ޤައުމީ އަދި ބައިނަލްއަޤުވާމީ މުބާރާތްތަކަށް ލިބިދޭނެ އިންތިޒާމު މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. އަދި ޤައުމީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ "ހައި ޕާރފޯމަންސް ސެންޓަރ"ގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށާނަން. އަދި ކުޅިވަރާއި ކަސްރަތުގެ މުހިންމުކަމާ ގުޅޭގޮތުން ސްކޫލް ކުދިންނާއި، އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރޮގްރާމް ހިންގުމަށް ވަނީ ނިމިފައި. ހަމަ އެހެންމެ، ސްޕޯޓްސް ސައިކޮލޮޖީ، ސްޕޯޓްސް ނިއުޓްރިޝަން އަދި ކުޅިވަރުގެ ރިވެތި އަޚްލާޤާ ގުޅޭގޮތުން ކުޅުންތެރިންނަށް މަޢުލޫމާތުދީ، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ފެށިގެންދާނެ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދުނިޔެއަށް އަންނަ ބަދަލުތަކާއެކު، ދިވެހި ޒުވާނުންގެ ޝައުޤު އިތުރުވަމުންދާ، ރޭސިންގ، ސަރފިންގ، މޫދުކުޅިވަރު، އީ-ގޭމިންގ ފަދަ ކަންކަން ރާއްޖޭގައި ކުރިއަރުވާން ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތް ފަށާނެ ކަމަށެވެ.

މީގެއިތުރުން، ކުޅިވަރުގެ މައިދާނާއި، ސިޔާސީ މަސައްކަތްތަކާއި، ޤައުމީ ޚިދުމަތާއި، އިޖުތިމާޢީ ކަންކަމާއި، މިނޫން ހުރިހާ ކަމެއްގައިވެސް ދެ ޖިންސަށްވެސް، ސަރުކާރުން ގެންގުޅޭނީ ހަމަހަމަ ސިޔާސަތެއް ކަމަށާއި، ކުރިއަށްދިޔުމުގައި، ދެ ޖިންސަށް ހަމަހަމަ ފުރުޞަތު، މި ސަރުކާރުގައި އަބަދުވެސް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.