އިންޑިއާގައި ކުރިއަށްދާ "މަހަރާޝްތުރަ އޯޕަން ކެރަމް ޗެލެންޖާސް ޓްރޮފީ" މުބާރާތުގައި ރާއްޖޭގެ އަށް ކުޅުންތެރިއަކު ވާދަކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި އޯޕަން ކެރަމް މުބާރާތެއްގައި މިހާ ގިނަ އަދަދެއްގެ ދިވެހި ކުޅުންތެރިން ވާދަކުރާ ފުރަތަމަ ފަހަރެވެ.

މީގެކުރީން، މިދިޔަ އޮގަސްޓް މަހު އިންޑިއާގެ ތެލަންގަނާ ސްޓޭޓްގައި ކުޅެވުނު ޑެކަން ޕްރިމިއާ ކެރަމް ލީގުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖޭގެ ދެ ކުޅުންތެރިއަކަށް ލިބިފައިވެއެވެ.

މަހަރާޝްތުރަ ކެރަމް އެސޯސިއޭޝަން (އެމްސީއޭ) އިން އިންތިޒާމްކޮށްގެން މި މަހުގެ 13 އިން 16 ގެ ނިޔަލަށް މުމްބާއީގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރުމަށް ހުޅުވާލީ ފިރިހެން ކުޅުންތެރިންނަށެވެ. އެގޮތުން، ގިނަ އަދަދެއްގެ ދިވެހި ކުޅުންތެރިންނަށް މި ފުރުޞަތު ފަހިކޮށްދެއްވީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިންނެވެ.

މަހަރާޝްތުރަ އޯޕަން ކެރަމް ޗެލެންޖާސް މުބާރާތަށް ފުރި ދިވެހި ކުޅުންތެރިންގެ ތެރޭގައި މިދިޔަ ޖަނަވަރީ މަހު ކުރިއަށްދިޔަ ސިލެކްޝަންގައި ވާދަކޮށް، ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިން ހިމެނޭކަމަށް ސީއޭއެމްގެ ޖެނެރަލް ސެކެޓްރީ، ހުސެއިން ރައުޝާން ވަނީ ކަށަވަރުކޮށްދީފައެވެ. 

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިންނަކީ؛ ހަސަން ނާޒިމް (ނާނަ)، އަހުމަދު އިކްލީލް، އިސްމާއިލް އަޒްމީން، މުޙައްމަދު މުންތަސިރު (މުންކޮ) އާއި އަލީ ނިޔާޒްގެ އިތުރުން އިބްރާހިމް ހުޖާން އަލީ އާއި ޔަމާން އަބްދުލް ޖަލީލް އަދި ޚާތިމް ޚަލީލް އެވެ.

ރާއްޖޭގެ ކެރަމް ކުޅުންތެރިންނާއެކު ސީއޭއެމްގެ ޖެނެރަލް ސެކެޓްރީ ރައުޝާން މިވަގުތު ހުންނެވީ އިންޑިއާގެ މުމްބާއީ ގައެވެ.