އަންނަ ޖުލައި މަހު ޕެރިހުގައި ފަށާ އޮލިމްޕިކްސް ގޭމްސް އިން ފުރުޞަތު ހޯދައި، ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި، ފާތިމަތު ދީމާ އަލީ ފަޚުރުވެރި ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.

މި މަހުގެ 13- 15 އަށް ނޭޕާލުގައި ކުރިއަށްދިޔަ ޓީޓީގެ ދެކުނު އޭޝިއާ ރީޖަނަލް ކޮލިފިކޭޝަން ބުރުގެ ފައިނަލްގައި ރާއްޖޭގެ ދީމާ ވަނީ ސްރީ ލަންކާގެ ބިމަންދީ ބަންޑާރާ ބަލިކޮށްފައެވެ.

މިއާއެކު، ދީމާ ވަނީ ރާއްޖޭގެ ތާރީޚުގައި އޮލިމްޕިކްސް އަށް ކޮލިފައިވީ ފުރަތަމަ އެތުލީޓުގެ ޝަރަފު ހޯދާފައެވެ. 

މިއަދު މެންދުރު ފަހު ކުޅުނު ކޮލިފިކޭޝަނުގައި ފައިނަލް މެޗު ދީމާ ކާމިޔާބުކުރީ 4-1 ސެޓުންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު ދީމާ ކާމިޔާބުކުރީ 11-8 އިންނެވެ. އެކަމަކު، ދެން ޖެހިގެންއައި ސެޓު 11-8 އިން ގެންދިޔައީ ބިމަންދީ އެވެ. ނަމަވެސް، ދީމާ ވަނީ ވާދަވެރިކޮށް ފެނިގެންދިޔަ ތިންވަނަ ސެޓު 13-11 އިން ގެންގޮސްފައެވެ. އެއަށްފަހު ދެން ޖެހިގެންއައި ހަތަރު ސެޓުން ދީމާ މޮޅުވީ 11-7 އިންނެވެ. އޭގެފަހުން، ދެން ކުޅެވުނު ފަހު ސެޓު ދީމާ ކާމިޔާބުކުރީ 11-5 ގެ ނަތީޖާއަކުންނެވެ.

އޭގެކުރީން، ކުޅުނު ސެމީ ފައިނަލް މެޗުގައި ދީމާ ވަނީ ލަންކާގެ އިޝާރާ މަދުރަންގީ އަތުން 4-1 ސެޓުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު ދީމާ ގެންދިޔައީ 11-7 އިންނެވެ. އެކަމަކު، ދެން ޖެހިގެންއައި ދެވަނަ ސެޓު 11-8 އިން އިޝާރާ ކާމިޔާބުކޮށްފައިވަނިކޮށް، ދީމާ ވަނީ ދެން ޖެހިގެންއައި ދެ ސެޓު 11-5 އަދި 11-9 އިން ގެންގޮސްފައެވެ. ދެން އެއަށްފަހު، ފަސްވަނަ ސެޓު ކާމިޔާބުކުރީ 11-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަން ބުރުގައި ސަރަހައްދުގެ ގަދަބާރު އިންޑިއާ ފިޔަވައި ހުރިހާ ޓީމަކުން ވާދަކުރިއިރު، މި ބުރުގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ކުޅެފައިވެއެވެ. އޭގެތެރެއިން، ރާއްޖޭގެ މިޝްކާ މުޙައްމަދު އިބްރާހިމް ވަނީ ކުއާޓާ ފައިނަލްގައި ކުޅެފައެވެ. މިޝްކާ އަށް ނާކާމިޔާބުވީ ކުއާޓާގައި ލަންކާގެ ބިމަންދީ އަތުން 4-0 ސެޓުން ބަލިވުމުންނެވެ. ދީމާ އާއި މިޝްކާގެ އިތުރުން ރާއްޖޭން ދެން ވާދަކުރީ މޫސާ މުންސިފް އާއި އަޚްޔާރް އަހުމަދު ޚާލިދު އެވެ.