ބުންޑެސްލީގާ ސީޒަނެއްގައި މެޗަކުން ބަލިނުވެ، ލީގު ކާމިޔާބުކުރުމުގެ ރެކޯޑާއެކު ބަޔާ ލެވަކޫސަނުން ތާރީޚުގެ ތެރެއަށް ޖެހިލައިފިއެވެ.
މި ފަހަރުގެ ސީޒަނުގެ ލީގުގައި ލެވަކޫސަނުން ވަނީ ކުޅުނު 34 މެޗުގެ ތެރެއިން 28 މެޗު ކާމިޔާބުކޮށްފައެވެ. އަނެއް ހަ މެޗުން އެއްވަރުވިއިރު، މެޗަކުން ބަލިވެފައެއްނުވެއެވެ. މިއީ ޖަރުމަނުގެ ފުޓްބޯޅައިގެ ތާރީޚުގައި ޓީމަކުން ބަލިނުވެ، ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، ލެވަކޫސަންގެ އިތުރުން އިންގްލެންޑްގެ އާސެނަލް އާއި އިޓަލީގެ ޔުވެންޓަސް ވަނީ ބަލިނުވެ ލީގު ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން މިއީ ލެވަކޫސަނުން ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ. މީގެއިތުރުން، ލެވަކޫސަނަށް މެޗަކުން ބަލިނުވެ، 'ޓްރެބަލް' ހޯދުމުގެ ފުރުޞަތު އެބައޮތެވެ. އެ ޓީމުން ލީގު ކާމިޔާބުކޮށްފައިވާއިރު، އަދި ކުރިއަށް ޖަރުމަނު ކަޕް ފައިނަލް މެޗާއި ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލް މެޗު އޮތުމުން އެ ތާރީޚީ ކާމިޔާބީ ހާސިލްކޮށް ބަލިނުވެ ދަމަހައްޓަމުން އަންނަ ސިލްސިލާ 53 މެޗަށް އިތުރުކޮށް ރެކޯޑެއް ގާއިމްކުރެވޭނެ އެވެ.
ލީގުގެ ކުޅުން މިރޭ ނިމިގެންދިޔައިރު ލެވަކޫސަން އެއްވަނައިގައި އޮތީ 34 މެޗުން 90 ޕޮއިންޓް ހަމަކޮށްގެންނެވެ. ތާވަލްގެ ދެވަނަ މަގާމް ހާސިލްކުރި ވީއެފްބީ ސްޓުޓްގާޓަށް 34 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮވެ ސީޒަން ނިންމާލީ ބަޔާން މިއުނިކެވެ. ހަތަރެއްގައި އޮތް އާރްބީ ލީޕްޒިގަށް 34 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. ފަހެއްގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް 34 މެޗުން 63 ޕޮއިންޓެވެ.
ލެވަކޫސަންގެ ބޭއެރީނާގައި މިރޭ ކުޅުނު މެޗުން އައުސްބާގްގެ މައްޗަށް އެ ޓީމުން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ޓީމުން ވަނީ މި މެޗުގެ ފުރަތަމަ 30 ވަރަކަށް މިނެޓުގެ ތެރޭގައި ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު، 12 ވަނަ މިނެޓުގައި ލެވަކޫސަނަށް ޖަހައިދިނީ ނައިޖީރިއާގެ ފޯވާޑް، ވިކްޓަ ބޮނިފޭސް އެވެ. އަދި އޭގެފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ރޮބަޓް އެންޑްރިކް ވައްދާލި ލަނޑާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.

މި މެޗުގައި އައުސްބާގުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، 62 ވަނަ މިނެޓުގައި ޖަހައިދިނީ މާޓް ކޮއެމޫރް އެވެ. އޭނާ މި ލަނޑުޖެހީ އާން މައިއާ ތަނަވަސްކުރި ފުރުޞަތަކުންނެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ރެލިގޭޝަން ޒޯންގައި އޮތް ޔޫނިއަން ބާލިން އާއި މައިންޒް މޮޅުވެ ސަލާމަތްވިއިރު، ވީއެފްއެލް ބޯކުމް ވަނީ ރެލިގޭޝަން ޕްލޭއޮފް ކުޅެން ޖެހިފައެވެ. ފްރެއިބާގް އަތުން ޔޫނިއަން ބާލީން މޮޅުވީ 1-2 އިންނެވެ. ވުލްފްސްބާގް އަތުން 1-3 އިން މައިންޒް މޮޅުވިއިރު، ވާޑާ ބްރޭމަން އަތުން ބޯކުމް ބަލިވީ 4-1 އިންނެވެ.
ކުރިން ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ބަޔާން ވަނީ ރަށުން ބޭރުގައި ހޮފެންހެއިމް އަތުން 2-4 އިން ބަލިވެފައެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވާ، ޑޯޓްމަންޑް ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެސްވީ ޑާމްސްޓަޓް ބަލިކޮށްފައެވެ. މި މެޗަކީ ޑޯޓްމަންޑްގެ ލެޖެންޑް، މާކޯ ރޮއިސް އެ ޓީމަށް ލީގުގައި ކުޅެދިން އެންމެ ފަހު މެޗެވެ. އޭނާ ވަނީ މި މެޗުގައި ލަނޑެއްޖަހައި، އިތުރު ގޯލެއްޖެހުމަށް އެހީތެރިވެދީފައެވެ.
HISTORIC.??❤️#DeutscherMeisterSVB | #Winnerkusen pic.twitter.com/lTU992wRiB
— Bayer 04 Leverkusen (@bayer04_en) May 18, 2024