މިހާރު ކުރިއަށްދާ އައިޕީއެލްގައި ރޭ ކުޅުނު މެޗުގައި ސަންރައިޒާސް ހައިދަރުއާބާދު އަށް ވިކެޓުން ބަލިކޮށް، ކަލްކަތާ ނައިޓް ރައިޑާސް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ އެ ޓީމުން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. މީގެކުރީން، 2012 އާއި 2014 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު، އެންމެ ފަހުން ފައިނަލްގައި ކުޅުނު 2021 ވަނަ އަހަރު ބަލިވީ ޗެންނާއީ ސުޕަ ކިންގްސް އަތުންނެވެ. އެ ފަހަރުގެ މުބާރާތް ކުޅުނީ ދުބާއީ ގައެވެ.

އަހުމަދުއާބާދުގައި ހުންނަ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ސަންރައިޒާސް އިން ގަސްދުކުރީ ކުޅެން އަރާށެވެ. ސަންރައިޒާސް އިން ކުޅެން އަރައި، 19.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 159 ލަނޑެވެ.

މި އިނިންގްސްގައި ސަންރައިޒާސް އަށް އެންމެ ރަނގަޅަށް ކުޅުނީ ރާހުލް ޓްރިޕާތީ އާއި ވިކެޓްކީޕަރު ބެޓްސްމަން، ހެއިންރިކް ކްލާސެން އަދި އެ ޓީމުގެ ކެޕްޓަން، ޕެޓް ކަމިންސް އެވެ. ތިންވަނަ އަށް ކުޅެން ނިކުތް ރާހުލް ޓްރިޕާތީ ވަނީ 35 ބޯޅައިން 55 ލަނޑުހަދައިފައެވެ. ކްލާސެން 21 ބޯޅައިން 32 ލަނޑުހެދިއިރު، ކަމިންސް ވަނީ 24 ބޯޅައިން 30 ލަނޑުހަދައިފައެވެ. ސަންރައިޒާސްގެ ކެޕްޓަން، ކަމިންސްގެ މި އިނިންގްސްގައި ދެ ފަހަރު ހަތަރަކާއި ހަޔަކަށް ޖަހާފައިވެއެވެ. 

ކަލްކަތާގެ ޝްރެޔާސް އައްޔަރު (ކ) އާއި ވެންކަޓޭޝް އައްޔަރް. މި ދެ ކުޅުންތެރިން ގުޅިގެން 44 ބޯޅައިން ހެދި 97 ލަނޑުގެ ޕާޓްނާޝިޕް ވަނީ އެ ޓީމު މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ. --ފޮޓޯ: އޭޕީ

 

ސަންރައިޒާސް އަށް މި އިނިންގްސްގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންއައި އޮސްޓްރޭލިއާގެ އޯލްރައުންޑަރު، ޓްރޭވިސް ހެޑް ސުމަކަށް ނުބައިވުމެވެ. އޭނާ އާއެކު އޮސްޓްރޭލިއާ ޓީމަށް ކުޅެމުން އަންނަ މިޗޭލް ސްޓާކްގެ އުކުމުގައި ހެޑް ނުބައިވީ ދެވަނަ ބޯޅައިގައެވެ. ކަލްކަތާ އިން އެންމެ ރަނގަޅަށް އުކީ ތިން ވިކެޓްނެގި ސްޓާކް އާއި ދެ ވިކެޓްނެގި ވަރުން ޗަކްރަވަތީ އެވެ. މީގެއިތުރުން، އެ ޓީމުގެ ވައިބާވް އަރޯރާ، ހަރްޝިތު ރާނާ އާއި ސުނިލް ނާރައިން އަދި އަންދްރޭ ރަސެލް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، 13.4 އޯވަރުގެ ތެރޭގައި ކަލްކަތާ އިން ވަނީ ދެ ވިކެޓަށް 164 ލަނޑުހަދައިފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 24 ބޯޅައިން 58 ލަނޑުހެދި ކެޕްޓަން، ޝްރޭޔަސް އައްޔަރު އާއި ނުބައިނުވެ 28 ބޯޅައިން 51 ލަނޑުހެދި ވެންކަޓޭޝް އައްޔަރު އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ފަސް ފަހަރު ހަތަރަކަށް، ހަތަރު ފަހަރު ހަޔަކަށް ޖަހައިފައެވެ. މި އިނިންގްސްގައި ސަންރައިޒާސްގެ ކެޕްޓަން، ކަމިންސް އާއި ތަންގަރަސޫ ނަތަރަޖަން ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކަލްކަތާގެ އުކުންތެރިޔާ، ސްޓާކް އެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ އެލިމިނޭޓަރ މެޗުގައި ރާޖަސްތާން ރޯޔަލްސް ބައްދަލުކުރާނީ ރޯޔަލް ޗެލެންޖާސް ބެންގަލޫރު އާ އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު 7 ޖަހާއިރު އެވެ. މިއަދުގެ މެޗުން މޮޅުވާ ޓީމަކާ ޕްލޭއޮފްގެ ފުރަތަމަ މެޗު (ކޮލިފަޔާ) އިން ބަލިވި ސަންރައިޒާސް ކުޅެގެން މޮޅުވާ ޓީމެއް ފައިނަލްގައި އަންނަ އާދީއްތަ ދުވަހު ނިކުންނާނީ ކަލްކަތާއާ ދެކޮޅަށެވެ.