އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ނޮނީ މަޑުއޭކޭ ވައްދާލި ހެޓްރިކާއެކު، ވުލްވްސް އަތުން 2-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެއެވެ.

މިއީ މިފަހަރުގެ ސީޒަނުގައި ޗެލްސީ ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަތުން 2-0 އިން ބަލިވެފައެވެ.

ވުލްވްސްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން ދެވަނަ މިނެޓުގައި ޗެލްސީން ލީޑްނެގީ ނިކޮލަސް ޖެކްސަން ބޮލުން ވައްދާލި ލަނޑުންނެވެ. އޭގެފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ވުލްވްސް އަށް އެއްވަރުކޮށްދިނީ ބްރެޒިލްގެ ފޯވާޑް، މަތެއުސް ކޫންހާ އެވެ.

ޗެލްސީން އަލުން ލީޑްނެގީ، 45 ވަނަ މިނެޓުގައި ކޯލް ޕާމާ ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ޖެކްސަން އެވެ. އޭގެފަހުން، މި ހާފުގެ އިތުރުވަގުތުގެ ތެރޭގައި ވުލްވްސް އަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ ޖޯގެން ސްޓްރާންޑް ލާސެން އެވެ.  މި ގޯލާއެކު ފުރަތަމަ ހާފު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ޗެލްސީ އަށް ތިންވަނަ ފަހަރަށް ލީޑްނަގައިދިނީ ޕާމާ ދިން ބޯޅައަކުން މަޑުއޭކޭ އެވެ. އަދި އޭގެ ނުވަ މިނެޓުފަހުން، މަޑުއޭކޭ ވަނީ ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ.

މި މެޗުގައި ޗެލްސީން ޖެހި ފަސްވަނަ ލަނޑު، 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ މަޑުއޭކޭ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ޕާމާ އެވެ. މިއީ މި މެޗުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ތިންވަނަ އެސިސްޓެވެ.

މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް، ޗެލްސީގެ ހަވަނަ ލަނޑުޖަހައިދިނީ ޕެޑްރޯ ނެޓޯ ދިން ބޯޅައަކުން ޔާއޯ ފެލިކްސް އެވެ. މި ދެ ކުޅުންތެރިންވެސް ކުޅެން ނިކުތީ ފަހު ހާފުގައެވެ.

ލީގުގައި މިރޭ ކުޅުނު އަނެއް މެޗުގައި ބޯންމައުތުގެ ދަނޑުގައި އެ ޓީމުން ވަނީ ނިއުކާސަލް ޔުނައިޓެޑާ 1-1 އިން އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ބޯންމައުތުން ލީޑްނެގީ މާކަސް ޓަވޭނިއާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 76 ވަނަ މިނެޓުގައި ނިއުކާސަލުން އެއްވަރުކުރީ ހާވީ ބާންސް ދިން ބޯޅައަކުން އެންތަނީ ގޯޑަން އެވެ.