އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-0 އިން ބްރެންޓްފޯޑް ބަލިކޮށް، ލިވަޕޫލުން ލީގުގެ ދެވަނަ މޮޅު ހޯދައިފިއެވެ.

މިއީ ލިވަޕޫލްގެ އައު ކޯޗު، އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން އެންފީލްޑްގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ލިވަޕޫލް ކުޅުނު ދެވަނަ މެޗެވެ. މި ދެ މެޗުން ވެސް އެ ޓީމު މޮޅުވީ 2-0 އިންނެވެ.

މި ނަތީޖާއާއެކު ލިވަޕޫލް ވަނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ ތިން ޓީމު ކަމަށްވާ، މެންޗެސްޓާ ސިޓީ އާއި ބްރައިޓަން އަދި އާސެނަލްއާ އެއްވަރުކޮށްފައެވެ. މި ހަތަރު ޓީމަށް ވެސް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ދެވަނައިގައި އޮތް ބްރައިޓަން އާއި ތިނެއްގައި އޮތް އާސެނަލްގެ އިތުރުން ލިވަޕޫލަށް ވެސް ފައިދާ ހަތަރު ގޯލް ލިބިފައިވާއިރު، ބްރައިޓަން އަށް ދެވަނަ ލިބެނީ ޖެހިގޯލްގެ ތަފާތުންނެވެ.

އެންފީލްޑްގައި މިރޭ ކުޅުނު މި މެޗު ފެށިތާ 13 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑްނެގީ ކޮލަމްބިއާ ވިންގް، ލުއިސް ޑިއާޒް ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް، ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުން ޑިއާޒް ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ ލިވަޕޫލްގެ ޖާޒީގައި ޑިއާޒް ކުޅުނު 100 ވަނަ މެޗެވެ.

ބްރެންޓްފޯޑަށް އެއްވަރުކޮށްދޭން އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއަން ނޯގާޑް އަށް ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، އެ ޓީމުގެ ނޭތަން ކޮލިންސް ބޮލުން ފޮނުވާލި ބޯޅަ ލިވަޕޫލްގެ ގޯލްކީޕަރު، އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.

މި މެޗުން ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު އެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ސަލާހު ޖެހި ދެވަނަ ލަނޑެވެ.

ލީގުގައި ލިވަޕޫލަށް ދެން އޮތް މެޗުގައި އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.