ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު، ފަހަތުންއަރައި ސްކޮޓްލެންޑް އަތުން 1-2 އިން ޕޯޗުގަލް މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު ޕޯޗުގަލް ވަނީ ނޭޝަންސް ލީގު އޭ ގެ ގްރޫޕް އެކެއްގައި މިހާތަނަށް ކުޅުނު ދެ މެޗުން ހޯދީ ހަ ޕޮއިންޓާއެކު އެއްވަނައިގައި ހަމަޖެހިލައިފައެވެ. ދެވަނައިގައި އޮތް ކްރޮއޭޝިއާ އާއި ތިނެއްގައި އޮތް ޕޮލެންޑަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސްކޮޓްލެންޑަށް ޕޮއިންޓެއްނުލިބެއެވެ.

ޕޯޗުގަލުން މި މެޗަށް ނިކުތީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އަތުން 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އެ ޓީމުގެ ކެޕްޓަން، ރޮނާލްޑޯ މި މެޗު ފެށީ ބެންޗުންނެވެ. ރޮނާލްޑޯގެ ބަދަލުގައި ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކޯޗު، ރޮބާޓޯ މާޓިނޭޒް ހިމަނާފައިވަނީ ލިވަޕޫލްގެ ފޯވާޑް، ޑިއޯގޯ ޖޮޓާ އެވެ.

އެސްޓާޑިއޯ ޑަ ލޫޒްގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ސްކޮޓްލެންޑުންނެވެ. އެ ޓީމުގެ މިޑްފީލްޑަރު، ކެނީ މެކްލީން ނަގައިދިން ހުރަހަކުން ލިބުނު މި ބޯޅަ ސްކޮޓް މެކްޓޮމިނޭ ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ.

ސްކޮޓްލެންޑްގެ ގޯލަށްފަހު، ޕޯޗުގަލް އިން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން، ފުރަތަމަ ހާފުގައި ފޮނުވާލި 15 ހަމަލާގެ ތެރެއިން އެންމެ ބޯޅައަކުންވެސް ލަނޑެއް ކާމިޔާބުނުކުރެވުނެވެ. އެ ޓީމަށް މި ހާފުގައި ލިބުނު އެންމެ ރަނގަޅު އެއް ފުރުޞަތުގައި އޭސީ މިލާންގެ ފޯވާޑް، ރަފައެލް ލެއާއޯ ފޮނުވާލި ބޯޅަ ސްކޮޓްލެންޑްގެ ގޯލްކީޕަރު، އެންގަސް ގުން ވަނީ މަތަކޮށްފައެވެ.

 

ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި ޕޯޗުގަލް އަށް އެއްވަރުކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންއަންނަ މިޑްފީލްޑަރު، ބްރޫނޯ ފެނާންޑޭސް އެވެ. އޭނާ މި ލަނޑުޖެހީ ލެއާއޯ ދިން ބޯޅައަކުންނެވެ. 

މި މެޗުގައި ޕޯޗުގަލް މޮޅުކޮށްދޭން ޔާއޯ ފެލިކްސް ފޮނުވާލި ދެ ހަމަލާއެއް ސްކޮޓްލެންޑްގެ ކީޕަރު، ގުން މަތަކުރިއިރު، ރޮނާލްޑޯ ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް، ޕޯޗުގަލް މޮޅުވި ލަނޑު، ރޮނާލްޑޯ ކާމިޔާބުކޮށްދިނީ ޕީއެސްޖީގެ ފުލްބެކް، ނޫނޯ މެންޑޭސް ނަގައިދިން ހުރަހަކުންނެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގެ 901 ވަނަ ގޯލެވެ. ޕޯޗުގަލް އެންމެ ފަހުން ކްރޮއޭޝިއާ އަތުން މޮޅުވި މެޗުގައި ރޮނާލްޑޯ ލަނޑުޖެހީވެސް މެންޑޭސް ދިން ބޯޅައަކުންނެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޕޮލެންޑް އަތުން ކްރޮއޭޝިއާ މޮޅުވީ ފަހު ހާފުގެ ކުރީކޮޅު އެ ޓީމުގެ ކެޕްޓަން، ލޫކަ މޮޑްރިޗް ވައްދާލި ލަނޑުންނެވެ. މެޗުގެ 52 ވަނަ މިނެޓުގައި މޮޑްރިޗް މި ލަނޑުޖެހީ ޕޮލެންޑްގެ އޭރިޔާ ބޭރުން ފޮނުވާލި ހިލޭޖެހުމަކުންނެވެ.