ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ކުޅުނު އެންމެ ފަހު މެޗުގައި ބަލްގޭރިއާ އަތުން 3-0 އިން މޮޅުވިއިރު، އެ ޓީމުގެ ފޯވާޑް ކަރީމް ބެންޒެމާ އަށް އަނިޔާވެއްޖެއެވެ.

ރޭގެ މެޗަށް ފްރާންސުން ނިކުތީ މިދިޔަ ބުދަ ދުވަހުގެ ރޭ ވޭލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ނިކުތް ފުރަތަމަ އެގާރައިގައި ހިމެނުނު ޔުވެންޓަސްގެ މިޑްފީލްޑަރު އެޑްރިއެން ރަބިއޯގެ ބަދަލުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޗެލްސީގެ ޓީމުގެ މުހިއްމު މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ހިމަނައިގެންނެވެ.

ޕެރިހުގެ ސްޓެޑް ޑެ ފްރާންސްގައި ރޭ ކުޅުނު މި މެޗުގައި ފްރާންސުން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމަށް ޖެހުނީ އެންމެ ގޯލެކެވެ. މެޗު ފެށިގެން 29 ވަނަ މިނެޓުގައި ފްރާންސަށް ލީޑްނަގައިދިނީ ބާސެލޯނާގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. މިއީ ބަލްގޭރިއާގެ ޕެނަލްޓީއޭރިޔާތެރެއިން ބައިސިކަލް ކިކަކުން ގްރީޒްމަން ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ބޯޅަ ގޮސް ގޯލްގެ ތެރެއަށް ވަނީ ބަލްގޭރިއާގެ ކުޅުންތެރިއަކު ގައިގަ ޖެހިފައެވެ.

މި މެޗުގައި ފުރަތަމަ ހާފުގައި ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި ބެންޒެމާ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު މިހާފު ނިމެން ދަނިކޮށް ބެންޒެމާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ޗެލްސީގެ ފޯވާޑް އޮލިވިއޭ ޖިރޫ އެވެ.

ފްރާންސުން ރޭގެ މެޗުގައި ޖެހި ދެވަނަ ލަނޑު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ބަޔާން މިއުނިކްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް ދިން ބޯޅައަކުން ޖިރޫ ކާމިޔާބުކުރިއިރު މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު، ޖިރޫ ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވިސާމް ބެން ޔެޑާ ތަނަވަސްކުރި ފުރުޞަތަކުންނެވެ.

މި ދެ ގޯލާއެކު ފްރާންސްގެ ގައުމީ ޓީމަށް ޖިރޫ ޖެހި ލަނޑުގެ އަދަދު ވަނީ 46 އަށް އަރާފައެވެ. މިއާއެކު ލަނޑުލިސްޓުގެ އެންމެ ކުރީގައި އުޅޭ އާސެނަލްގެ ލެޖެންޑް ތިއެރީ އޮންރީގެ ރެކޯޑާ އަރާ ހަމަކުރުމަށް ޖިރޫ ބޭނުންވަނީ އެންމެ ފަސް ގޯލެވެ. އޮންރީ ވަނީ ގައުމީ ޓީމަށް 51 ލަނޑުޖަހައިދީފައެވެ.

މީގެއިތުރުން، ރޭގެ މެޗާއެކު ޖިރޫ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިންގެ ލިސްޓުގެ ވެސް ފަސްވަނައިގައި އޮތް ޒިނެދިން ޒިދާންއާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ގައުމީ ޓީމަށް ކުޅެފައިވަނީ 108 މެޗެވެ.

ފްރާންސުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ނިކުންނާނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ޖަރުމަނާ ދެކޮޅަށެވެ. ގްރޫޕް އޮފް ޑެތުގެ ނަންދެވިފައިވާ މި ގްރޫޕުގައި ދެން ހިމެނެނީ އެންމެ ފަހުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް އަދި ހަންގޭރީ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސްޕެއިންގެ ޒުވާން ޓީމުން 4-0 އިން ލިތުއޭނިއާ ބަލިކުރިއިރު ޕޯލެންޑުން ވަނީ 2-2 އިން އައިސްލެންޑްއާ އެއްވަރުކޮށްފައެވެ. ޗެކް ރިޕަބްލިކް ވަނީ 3-1 އިން އަލްބޭނިއާ ބަލިކޮށްފައެވެ. ރޭގެ މެޗަކީ ސްޕެއިން ސީނިއާ ޓީމުން ލިތުއޭނިއާއާ ދެކޮޅަށް ކުޅެން ރޭވި މެޗެއް ނަމަވެސް، އެ ޓީމުގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް މެޗުގެ ކުރީން ހެދި ޓެސްޓުތަކުން ކޮވިޑަށް ޕޮޒިޓިވްވުމުން ސީނިއާ ޓީމުގެ ބަދަލުގައި ކުޅެން ހަމަޖެއްސީ 21 އަހަރުން ދަށުގެ ޓީމެވެ.