ވާވޭ ކުންފުނީގެ އަމިއްލަ އޮޕަރޭޓިން ސިސްޓަމް ހާމަނީ އޯއެސް ތައާރަފްކޮށްފިއެވެ. ހާމަނީ އޯއެސް ނަމުން ނަން ދެވިފައިވާ މި އޯއެސް ހަދަން ވާވޭއިން ފެށީ 2016 ވަނަ އަހަރުއެވެ. އެކުންފުނިން މި އޯއެސް ތައާރަފްކޮށްފައިވަނީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން އެގައުމުގެ ޓެކްނޮލޮޖީތަކުން ޗައިނާގެ ކުންފުނިތައް އެކަހެރިވެފައިވާ ދަނޑިވަޅެއްގައިއެވެ

ދުނިޔޭގެ އެއްވަނަ މޯބައިލް ފޯނު ކުންފުންޏަށް ވާވޭ ވިތާ މާގިނަ ދުވަހެއް ނުވަނީސް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެކުންފުނީގެ ވިޔަފާރިއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިއެވެ. އެގޮތުން 2019 ވަނަ އަހަރު އެމެރިކާ ސަރުކާރުން ވާވޭ ބްލެކްލިސްޓް ކުރުމާއި ގުޅިގެން އެކުންފުންޏަށް ވަނީ ގޫގަލްގެ އެންޑްރޮއިޑް އޯއެސް ބޭނުންކުރުމުގެ މަގު ބަންދުވެފައިއެވެ. މީގެ އިތުރުން ފަހުން އެގައުމުން ވާވޭ އާއި ދެކޮޅަށް އަޅާފައިވާ އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެކުންފުންޏަށް ވަނީ އެކުންފުނީގެ ފޯނުތައް އުފެއްދުމަށް ބޭނުންވާ ސެމީކޮންޑަކްޓާ ލިބުމުގައިވެސް ދަތިތަކެއް ކުރިމަތިވެފައިއެވެ

އެކުންފުނިން ހާމަކުރާގޮތުގައި މި އޯއެސް އަކީ އެކުންފުނީގެ ފޯނުތަކާއި ގަޑިތައް އަދި އިންޓަނެޓާއި ކަނެކްޓްވެފައިވާ އެހެންވެސް ޑިވައިސްތަކުގައި މަސައްކަތްކުރާނެ އޯއެސްއެކެވެ