ރާއްޖެއަކީ ހަނީމޫނަށް އައުމަށް އެންމެ ރަގަޅު މަންޒިލުގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރު ގައުމެކެވެ. މިކަމުގެ ސަބަބުން ކޮންމެ އަހަރަކު އެތައް އެވޯޑެއް ރާއްޖޭގެ ރިސޯޓްތަކަށް ލިބެއެވެ. ނަމަވެސް ދާދިފަހުން އިނގިރޭސިވިލާތުން ހެދި ދިރާސާއަކުން މިކަމަށް ހިޔަނި އެޅޭ ކަހަލަ ނަތީޖާއެއް ދައްކައިފިއެވެ.

އިނގިރޭސިންގެ ތެރެއިން ކައިވެނިކުރުމަށްފަހު ވަރިވެ ނުވަތަ ވަކިން ދިރިއުޅޭ މީހުންގެ މެދުގައި ހެދުނު މި ދިރާސާއިން އެނގުނީ މީގެ ތެރެއިން 20 އިންސައްތަ މީހުން ނުވަތަ 3،100 މީހުން ހަނީމޫނަށް ގޮސްފައިވަނީ ދިވެހިރާއްޖެއަށް ކަމަށެވެ.

ދިވެހިރާއްޖެއަކީ ނިސްބަތުން ވަރި އެންމެ ގިނަ ގައުމެވެ. ނަމަވެސް މި ގައުމަށް ޒިޔާރަތްކުރުމުގެ ސަބަބުން ވަރިވުމަށް ނުވަތަ ވަރިކުރުމަށް ހިތްވަރު ލިބުން މިއީ ގަބޫލު ކުރެވޭ ވާހަކައެއް ނޫނެވެ. މި ދިރާސާއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ހަނީމޫނަށް ގޮސްފައި އައި ފަހުން ވަރިވި ކަމަށް ފާހަގަ ކުރެވުނީ މޮރޮކޯގެ ރީތި ސިޓީއެއް ކަމަށްވާ މަރާކޭޝް އަށެވެ. އެއީ ސާރވޭގެ ބައިވެރިންގެ ތެރެއިން 17 އިންސައްތަ މީހުނެވެ.

މި ލިސްޓުގައި 13 އިންސައްތަ މީހުން ދިޔަ ކަމަށް ބުނަނީ ބޮރަބޮރާ އައިލެންޑަށެވެ. އޭގެ ފަހުން 10 އިންސައްތަ މީހުން ދިޔައީ އިންޑޮނޭޝިޔާގެ ބާލީއަށެވެ. މި ލިސްޓުގައި ދެން ހިމެނިފައިވަނީ މޮރިޝަސް، ފިންލެންޑްގެ ލެޕްލޭންޑް، ގްރީސްގެ ސެންޓޮރީނި، އިޓަލީގެ ވެނީސް، މެކްސިކޯގެ ކަންކޫން އަދި އާޖެންޓީނާގެ ބޭނޮސް އައިރިސް އެވެ.