"އާނ... މީ ކަލޭގެ ކާފަ ދަރި!، ކަލޭގެ އަންހެންދަރި ވިހޭ ދަރި މަށަކީ!" އަހަރެން ނޭނގުމުގެ ތެރެއިން ޔަގީކަމެއް ހޯދަމުން ބާރަަށް ހަޅޭ ލަވައިގަތީމެވެ. އެމީހަކު ކިތަންމެ ރުޅި އައިސްފާ ހުއްޓަސް ބަހެއް ނުބުނެ އެވެ. ހުރީ އަހަރެންނާ ދިމާލަށް ރުޅިވެރި ނަޒަރަކުން، ވިސްނުމުގެ ރާހަތަކުން ބަލާށެވެ. "އާނ... މިދިމާލުން.... އެހެރި... ފެނޭ!... އެއީ ކޮންތަނެއްކަން ކަލެއަށް އެނގޭތަ؟!.. ކަލޭ ހަނދާންވޭތަ!؟" އަހަރެން އަނެއްކާވެސް އެހީމެވެ. އެ ދިމާލަށް އަތް ދިއްކުރަމުންނެވެ.

******

ހުރިހާ ކަމެއް ހާމަވެ، އަހަރެންގެ މާޒީ ކަޝްފުވެގެން ދާކަށް ދެން ހިނދުކޮޅެއްވެސް ނުނެގިއެވެ. އަހަރެންނަަށް ފެނުނު މަންޒަރުވެސް އަހަރެންނަށް ގަބޫލެއް ނުކުރެވުނެވެ. ހުވަފެނެއްގައި އުޅޭކަމުގެ އިހުސާސް ތަކުރާރުކޮށް ކުރެވެން ފެށިއެވެ. ނަމަވެސް އެއީ ހަމަ ހަގީގަތެވެ. ރުޅި އައިސް ރަތްވެފައިވާ އެ މީހާގެ އެ ރުޅިވެރިކަން ފިލާ، މޫނުމަތީގައި އެ ހުރި ބާރުގަނޑު ފިލައިގެން ދިޔައީ ފުއްޕާހަމަކުން ވައި ދިޔަހެންނެވެ. މުޅި އެ މޫނު މަތިން މާޔޫސްކަން ވެރިކުރުވަމުންނެވެ. އެމީހަކު އަހަރެންނާ ދިމާލަށް އަތް ދިއްކުރިއެވެ. އަހަރެން ބިރުން ސިހުނެވެ. ނަމަވެސް އެމީހާގެ ކިބައިގައި އެވަގުތު ހަރުކަށިކަމެއް ނެތެވެ. މަޑުމައިތިރި ކަމާއި މޮޅިވެރިކަން ނޫން ކަމެއް އެ މީހާގެ ކިބަޔަކު ނެތެވެ. ކަމެއް ވާން ވިއްޔާ ލަހެއް ފަހެއް ނުވޭތާއެވެ. އަލިފާން އަރަމުން ދިޔަ ދަރު ބުރިގަނޑަކުން އައު ހިނދޫ ކުރިތަކެއް ޖަހާ ފެހިކަން އެ ލިބުނީ ސާއަތެއްގެ ކުޑަ ކުޑަ ވަގުތުކޮޅަކުންނެވެ.

"އަހަރެންގެ ކާފަ ދަރީގެ ފޫޅު ކައިރީގައި ލަކުނެއް އިންނަން ވާނެ!" އެމީހަކު މަޑުމައިތިރި ކަމާއި އެކު އެހެން ބުނުމުން އަހަރެންގެ ހިތް ވަރަަށް ބާރަށް ތެޅިގަތެވެ. އަހަރެންގެ ފޫޅު ކައިރީގައިވެސް ލަކުނެއް އިނދެއެވެ. އަހަރެންނަށް އެނގިފައިވާ ގޮތުގައި އެއީ އަހަރެން ވަރަށް ކުޑައިރު ލިބުނު އަނިޔާއެކެވެ. އަނިޔާގެ ތަފްސީލެއް އަހަންނަކަށް ވެސް ނޭނގެއެވެ. އެމީހަކު އެދުނީ އެ ލަކުނު ދައްކާލާށެވެ. އަހަރެން ލައިގެން ހުރި ޓީޝާޓު ހިއްލާލާ ދައްކާލީމެވެ.

"ތީ.. ތީ.. ހަމަ މަގޭ ދަރިއެއްތަ؟؟، ތީ ހަމަ އެ ލަކުނު... ތީ ހަމަ އޭނާ... ތީ ހަމަ މަގޭ ދަރިއެއް!" އެމީހާ ހައިރާން ކަމާއި އެކީ ރޮއެގަތެވެ. އަހަރެންގެ ފައިބުޑަށް ވެއްޓި ރޯން ފެށިއެވެ. "ބައްޕައަށް މާފުކުރޭ..! ކާފައަށް މާފުކުރޭ...!" މިހެން ކިޔާ އެ މީހާ ދިޔައީ ރޮއެ ހޭރެމުންނެވެ.

*****

އަހަރެންގެ ކާފައާއި އެކު އެތަނުގައި ހުރި ބެންޗެއްގައި އަހަރެން އިށީނދީމެވެ. އަދި ކާފަ ކުރެން ހަމަ ޖެހުމަށާއި ހުރިހާ ވާހަކައެއް ކިޔައިދޭން އަހަރެން އެދެމުން ދިޔައީމެވެ. އަހަރެން ކާފައަށް އޯގާތެރި ވިޔަސް އަހަރެންގެ ހިތުގައި އޯގާތެރިކަމެއް އަދި ނެތީ، އަހަރެންގެ މަންމަގެ ހަގީގަތް ނޭނގޭތީއެވެ. ނަމަވެސް އޭގެ ކުރިން، އެެ އަންހެނާގެ ހަގީގަތް، ކާފަކުރެން ހޯދީމެވެ. އެއީ އަހަރެންގެ މާމައެވެ. އަހަރެން ކާފަ ބައިންދާފައި އަވަސްވެގަތީ މާމަ ހޯދާށެވެ!

*****

އެ ސަރަހައްދު ބަލާ ހޯދުމަށް ފަހު މަގު މައްޗަށް ނުކުންނަން ދަނިކޮށް އަހަރެންގެ މާމަ އަހަންނަށް ފެނުނެވެ. މާބާރަށް އަހަރެން މާމައަށް ގޮވާލީމެވެ. އަދި ދުވެފާ މާމައާއި ދިމާލަށް ދިޔައީމެވެ. މަންޒަރު ބަލަންވެސް މީހުން ތިބިކަން އަހަންނަށް އެނގުނަސް، ލަދު، ގަތުމަށް އަހަރެންގެ އަތަކު، ފައިސާއެއް ނެތެވެ. މާމައާއި ހަމައަށް ދެވުމުން ކާފަގެ ވާހަކަ ކިޔައިދުމަށްފަހު މާމަ ގޮވައިގެން ދާން ހިނގައި ގަތީމެވެ. ނަމަވެސް މާމަ ހުރީ އަހަރެންނީ އޭނާގެ މާމަ ދަރިކަން ގަބޫލު ނުކުރެވިފައެވެ. އަދި ކާފަ އާއި ބައްދަލު ކުރަން ޖެހިލުންވާތީވެސް ގާވެފައެވެ. އަހަރެން ކާފަ، މާފަށް އެދޭ ވާހަކަ އާއި މާމައާއި ބައްދަލު ކުރަންވެސް ބޭނުން ވާހަކައާއި، އަހަރެންގެ މާޒީ ކިޔައިދޭނެ ވާހަކަވެސް އަހަރެން ބުނީމެވެ. ގުޑާވެސް ނުލާ ހުރި މާމަ ހަމަ ހިލާ ގުޑައެއް ނުލިއެވެ. ނަމަވެސް އަހަރެންގެ އާދޭހަތް ކެތް ނުވެގެން މާމަ ގުޑާލިއެވެ.

*** 

ކާފަ މާމައަަށް މާފަށް އެދި އަހަރެންގެ މަޒީ ކިޔައިދިނެވެ. އަހަރެންގެ މާޒީ ހާމަވެގެން ދިޔައީ އެހިސާބުންނެވެ. ކާފަ އަހަރެންގެ މަންމަ ގޮވައިގެން އައީ އެދިމާލަށެވެ. އަދި މަންމަގެ އަނގަމަތީ ބާރަށް ފޮތިގަނޑެއް އައްސާ ބާރުކޮށް ބިންމައްޗަށް ވައްޓާލިއެވެ. ރޮމުން ދޮޔަ މަންމަގެ އަނގައިން ގަދަ އަޑެއް ބޭރެއް ނުވެއެވެ. އެ ވޭނުގައި އެ ފަކީރު އޮވެ، އަހަރެން ވިހީ ބިންމައްޗަށެވެ. އަހަރެންގެ ފޫޅު ބުރިކޮސްލީ ވަޅިއަކުން ކަމަށް ކާފަ ބުންޏެވެ. އެވަގުތު ވަޅިން ޖެހި އަހަރެންގެ ފޫޅުކައިރިއަށް އަނިޔާވިއެވެ.

މަސްތުރަ ވުމާއި އެކު ބިންމަތީގައި އޮތް އަހަރެންގެ މަންމަ ތެދުވެ ދުއްވައިގަތެވެ. އެހާލުގައި ތެދުވެ އެހެން ދުއްވައި ގަނެވޭނީ ހާދަ ހިތްވަރެއް ހުރެގެންނެވެ. މަންމަ ދުއްވައިގަތުމާއި އެކު މަންމަގެ ަފަހަތުން ކާފަ ދުއްވައިގަތީ އަހަރެން ދޫކޮށްލާފައެވެ. ކާފައަށް މަންމައެއް ނުފެނުވެ. ހޯދާ ހޯދާވެސް ނުފެނުނެވެ. ކާފައަށްވެސް އަހަރެންގެ މަންމަ އަށް ވީގޮތެއް ނޭނގުނެވެ. ކާފަ އެނބުރި އަހަރެން ހޯދަން އައިސް އުޅި އުޅި އަހަރެންވެސް ކާފައަކަށް ނުފެނުނެވެ. ލެޔާއި ލޭގެ އަސަރު ފެންނަން ހުއްޓަސް މީހަކު ފެންނާކަށް ނެތެވެ.

މާގިނަ ވަގުތެއް ހޭދަ ނުކޮށް ހާސްވެފައިވާ ކާފަ، އަވަސްވެގަތީ ކޮންމެ ވެސް ގޮތަކުން އެކަމުން ސަލާމަތް ވާށެވެ. އަވަސް އަވަހަށް އެކިއެކި އިންތިޒާމުތައް އިންތިޒާމުކޮށް ހުޅުމާލެއިން ފުރައިގެން މާލެ ދިޔައެވެ. އަދި ދެދުވަހެއް ތެރޭ ގައުމުން ބޭރަށްވެސް ދިޔައެވެ. އޭގެ ފަހުން ކާފަ އަނބުރާ ރާއްޖެ އައީ 3 އަހަރު ފަހުންނެވެ. އައި އިރު އެކަމުގެ އަސަރެއް ހަބަރެއް ނެތެވެ. މަންމަ ގެއްލިގެން ބަޔަކު ރިޕޯޓެއްވެސް ކޮށްފައެއް ނެތެވެ. މުޅި ދުނިޔެ އަހަރެންގެ މަންމައަށް ބީރުކަންފަތެއް ދިނީއެވެ. ސުކޫލާ އާއިލާ މީހުންނާ މަންމަގެ ރަހުމަތްތެރިންވެސް މަންމަ ގެއްލުމުން، މާމައާއި ސުވާލެއްވެސް ނުކުރެއެވެ. ކީއްވެ ހެއްޔެވެ؟ 

އަހަރެން އެ ސުވާލު ހިތުގައި އުފެދުނު އިރު، މާމަ ސަލާމަތް ކޮށްދިނީ ކާކުތޯވެސް އަހަން ބޭނުން ވިއެވެ!

 

ނުނިމޭ.......