މިއީ އުސްތާޛަކު އޭނާގެ ދަރިވަރުންނަށް ކިޔައިދިން ވާހަކައެކެވެ. އުސްތާޛުވިދާޅުވާ ގޮތުގައި މިއީ ހަގީގީ ހާދިސާއެކެވެ.

އުފަން ގައުމު ދޫކޮށް އެހެން ގައުމަކަށް ތައުލީމު ހާސިލުކުރަން ދިޔަ ޒުވާނެކެވެ. އޭނާ ތައުލީމު ޙާޞިލުކުރަމުން ދިޔަ ދުވަސްތަކުން ދުވަހެއްގައި އޭނާގެ ގެއިން ބަޔަކު މީހުން ވައްކަން ކޮށްފިއެވެ. އޭނާގެ އަގުބޮޑު މުދާތަކާއި ފައިސާއާއި ގެއްލުނެވެ. އަމުދުން މީހާ މުޅިން ހުސްވެ ބިކަވިއެވެ. މާޔޫސްވެ ގޮތް ހުސްވިއެވެ. މުޅިން ބީރައްޓެހި ގައުމެއްގައެވެ.

ކަންދިމާކުރި ގޮތުން އޭނާގެ ޖީބުގައި ހުރި ފައިސާކޮޅު އެމީހުންނަކަށް ނުގެންދެވުނެވެ. މިއީ މިޒުވާނާއަށް އޮތް ކިރިޔާވެސް އުންމީދެވެ.

ދެތިން ދުވަސް ފަހެވެ. އެޒުވާނާ އޭނާގެ މައިންބަފައިންނަށް އެހަބަރު ދިނެވެ. ނަމަވެސް އެމީހުންގެ ފަރާތުން ފައިސާގެ އެހީއެއް ލިބެން މަހެއްހާ ދުވަސް ނަގާނެ ކަމަށްބުންޏެވެ. އެކަމާ އެޒުވާނާ މުޅިން ގޮތްހުސްވިއެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯދުން އެޒުވާނާއަށް މަޖުބޫރުވިއެވެ.

އެޒުވާނާ ކުރަން ނިންމި ކަމަކީ ފިހާރައަކުން ދަރަންޏަށް ފައިސާ ނެގުމެވެ. އެގޮތުން އޭނާ ދެކެފަރިތަ ފިހާރަތަކުން ފިހާރައަކުން ދަރަންޏަށް ފައިސާ ނެގިއެވެ. އެއް ހަފްތާތެރޭ ދައްކާ ހަލާސްކުރާން ނިންމާ ވައުދުވެފައެވެ. އެފައިސާއިން އެ ހަފްތާގެ ބޭނުންތައް ކޮށް ބާކީވެސް ހުއްޓެވެ. ނަމަވެސް ދަރަނި އަދާކުރަން ޖެހެއެވެ. އެކަމަށްޓަކައި އެޒުވާނާ އަނެއްކާ އެހެން ފިހާރައަކުން ދަރަންޏަށް ފައިސާ ނެގިއެވެ. ހަމަ އެއް ހަފްތާތެރޭ ދައްކާ ގޮތަށެވެ. ފުރަތަމަ ހަފްތާ މުޅިން ނުނިމެނީސް ފުރަތަމަ ފިހާރައިގެ ދަރަނި އަދާކުރީ އަނެއް ފިހާރައިން ނެގި ފައިސާއިންނެވެ. މިފަދަ ގޮތަކަށް ތިން ހަތަރު ފިހާރައަކުން ދަރަނި ނަގާ ބަރާބަރަށް މުއްދަތަށް ދަރަނި އަދާކުރަމުން ދިޔައީ އަބަދުވެސް ބޮލުގައި ދަރަންޏެއް އެޅި އެދަރަނި ބޮޑުވަމުންނެވެ. ނަމަވެސް އެ ފިހާރަތަކުގެ ވެރިންނަށް އެ ޒުވާނާއަށް އިތުބާރު ކުރެވެއެވެ. ދަރަނި އަދާކުރުމުގައި އިހްލާސްތެރިވާތީއެވެ.

ކޮންމެ އަކަސް އެޒުވާނާގެ އެ އަމަލުތައް ތަކުރާރުވާން ފެށުމުން، މިއިން އެއް ފިހާރައެއްގެ ވެރިމީހާ އެޒުވާނާއަށް ފާރަވެރިވިއެވެ. އަދި އުޒުވާނާގެ ހާލަތު ހޯދާ ދެނެގަނެތެވެ. އެއަށްފަހު އެ ވިޔަފާރިވެރިޔާގެ ހިތުގައި ހަމްދަރުދީ އުފެދި އެ އިހްލާސްތެރި ދަރަނިވެރި ޒުވާނާގެ ހުރިހާ ދަރަންޏެއް އަދާކޮށްދީ އަދި އިތުރު ފައިސާދީ އޭނާގެ ފިހާރައިގައި ވަޒީފާ އަދާކުރުމުގެ ފުރުސަތުވެސް އެޒުވާނާއަށް ދިނެވެ.

މިއީ އިހްލާސްތެރި ދަރަނިވެރިއެއްގެ ހަޔާތް ބަދަލުކޮށްލަދިން ހާދިސާއެކެވެ. މި ހާދިސާ ހިއްސާކޮށްލެވުނީ އެއްވެސް ހާލެއްގައި ދަރަނިވެރިވެ ހުރުމަށް ނުވަތަ ދަރަންޏަށް ފައިސާ ނެގުމަށް ހިތްވަރުދޭކަށް ނޫނެވެ. ނަމަވެސް ދަރަނިވެރީން އިހްލާސްތެރި ނިޔަތަކާއެކު ދަރަނި އޭގެ ވަގުތުގައި އަދާކުރުމުގެ މުހިންމުކަން ބަޔާންކޮށްދިނުމުގެ ގޮތުންނެވެ.