ކަންކަމާއި މެދު މީހުން ވިސްނާ ގޮތް ތަފާތު ވެދާނެއެވެ. މިކަމުގައި އެއްވެސް މީހަކު އަނެކާގެ މައްޗަށް ހިތްބުރަ ކުރުމެއް އޮވެގެނެއް ނުވާނެއެވެ. ނަމަވެސް އަނެކާގެ ވިސްނުމަކީ މުސްލިމަކު ވިސްނައިގެން ނުވާނޭ ހިސާބަކަށް ނުވަތަ އިސްލާމީ އަސްދަނޑީގެ ބޭރުން ވިސްނާ ވިސްނުމެއް ނަމަ އެކަން އިސްލާހުކޮށް ހެޔޮގޮތް ބުނެދިނުން ހުއްޓެވެ.

ދުނިޔޭގައި ހިނގާ ކޮންމެ ކަމަކާއި އަދި މީހަކު ބުނާ ބަހަކާއި މެދުގައި ވެސް އެހެން އިންސާނުން ވިސްނާނެއެވެ. އެ ބުނެވޭ ބަހެއްގެ ނުވަތަ އެ ހިނގާ ކަމެއްގެ އަސްލު ނުވަތަ މާނަ ހޯދުމަށް އެހެން އިންސާނުން މަސައްކަތް ކުރާނެއެވެ. ނަމަވެސް މާތް ﷲ ގެ ވަޙީ އާއި މާތް ރަސޫލާގެ ސުންނަތަކީ ތިމަ ތިމާމެން ބޭނުންހާ ގޮތަކަށް ވިސްނައިގެން އޭގެ މުރާދު ހޯދެން އޮތް ކަންކަމެއް ނޫނެވެ. އެކަމު ޢިލްމާއި މައުރިފާ ހުރި ފަރާތްތަކަށް ނޫނީ އެކަން ކުރުމުގެ ކުޅަދާނަކަމެއް ކިރިޔާވެސް ލިބިގެނެއް ނުވެއެވެ. އެހެންކަމުން އެ ވާހަތަކާއި ބަސްފުޅުތަކާއި މެދު އެކި ވިސްނުން ގެންގުޅުމަކީ އެކަމުގެ ޢިލްމު ނެތް ބަޔަކު ކޮށްގެންވާނޭ ކަމެއް ނޫނެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ އިންސާނުން އެކެއް އަނެކަކާއި ދެމެދު މުހާތަބު ކުރުމުގައި ބުނެވޭ ބަސްބަހާއި އުޅުމުގައި ކުރެވޭ ކަންކަމުން އެހެން މީހުން އެކަން ކަމާއި ނުވަތަ އެ ބަސްތަކާއި މެދު ތަފާތު ނަޒަރިއްޔާއިން ދެކޭނެ ވާހަކައެވެ. ތިބާ ބަޔަކާ މުބާތަބުކޮށް، ކިތަންމެ ހެޔޮ ނިޔަތުގައި ނަމަވެސް ބަހެއް ބުނެފިނަމަ، އެ ބަހަކުން އިތުރު އެހެން މުރާދުތަކެއް ކުރާނޭ ބަޔަކު އަބަދުވެސް ތިބޭނެއެވެ. މިއީ ޒަމާނުއްސުރެ ދުނިޔޭގައި އުފެދިފައި އޮތް އެކި އެކި ވާދަވެރިކަމުގެ ތެރެއިން އާދަވެ ތަމްސީލުވަމުން ހިނގާ ކަންކަމެވެ. އެހެންކަމުން ދިވެހި ބަހުގައިވެސް މިކަމަށް އިޝާރާތްކޮށް ބުނެ އުޅޭ ސާދާ ބަހެއް އޮވެއެވެ. އެއީ ބަހެއް ބުނުމުގެ ކުރިން ބަހަކީ ތިބާގެ އަޅެކެވެ. ނަމަވެސް ބަސް ބުނުމަށް ފަހުގައި ތިބާއީ ބަހުގެ އަޅެކެވެ.

އާދޭހެވެ! މިއީ ވަރަށްވެސް ބޮޑު ހަގީގަތެކެވެ. ކަން އޮތީ މިހެންނެވެ. އެހެންކަމުން ކޮންމެ ތާކުނަމަވެސް އަދި ކޮންމެ ހާލެއްގައި ނަމަވެސް ތިބާ ބުނާ އެއްޗެއް ބުނަން ވާނީ ވަރަށް ވިސްނާފައެވެ. ބަހެއް ބުނެ ތިބާގެ މޫނު އަނެއްފަރާތަށް ކުރިމަތިކުރާއިރު، ތިބާ ބުނި ބަހުން ތިބާއަށް ބަޔަކު ހަމަލާދޭތަން ފެނި ދާނެއެވެ. ނުވަތަ އެ ބަސް އަމިއްލަ އަަށް އައިސް ތިބާގެ ކަރުގައި މަޅިއެއް ލާފާނެއެވެ. މި ސަބަބަށްޓަކައި ބަހެއް ބުނުމުގެ ކުރިން އެކަމަށް ސަވާލުވުން މުހިންމެވެ.

މިފަދައިން އިންސާނާ ބުނާ ބަހެއްގެ މުރާދު އޮޅުވާލައިގެން ބަޔަކު އެވާހަކަ ދައްކާނަމަ، އޭނާގެ މައްޗަށް އެއީ ދޮގެއްކަމާއި އެއީ އޮޅުވާލައިގެން ދައްކާ ވާހަކައެއްކަން ސާބިތުކޮށްދޭން އެބަ ޖެހެއެވެ. އަތި ތިމަންނާ ބުނީ އެވެނި މިވެނި މާނައެއްގައި ކަމަށާއި ބަޔަކު އެވާހަކަ އޮޅުވާލީ ކަމަށް ބުނެ ވަކާލާތު ކުރަން ޖެހޭ މަންޒަރު މި ދިވެހި ފަސްގަނޑުންވެސް ވަރަށް އާންމުކޮށް ފެނެއެވެ. މިއީ ހަގީގަތުގައި އެ ބަހެއް ބުނުމުގެ ކުރިން ވިސްނާނުލާ ބުނެވޭ ބަސްތަކުގެ ސަބަބުން ދިމާވާ ކަންކަމެވެ. ތިބާ ހުންނަ މަގާމެއްގެ ގޮތުން އެފަދައިން ބުނެވޭ ބަހެއްގައި ހިފައިގެން އެ ބަހުގެ ދިފާއުގައި ތިބާގެ މުޅި އުމުރު ހޭދަވެސް ކުރަން ޖެހިދާނެއެވެ. 

ވިސްނާށެވެ. ބަހެއް ބުނުމަށްފަހުގައި ތިބާއީ އެ ބަހުގެ އަޅެކެވެ. އެކަން އަބަދުވެސް ހަނދާންކުރާށެވެ. ހިތްހަމަ ނުޖެހުނަސް، ނަފްރަތާއި ރުޅިވެރިކަން އިންތިހާއަށް އުތުރެމުން ދިޔަސް، ތިބާ ބުނާ އެއްޗެއް ބުންނަންވާނީ ވިސްނާފައެވެ. ކުޑަކޮށް ނަމަވެސް ވިސްނާފައެވެ. ވިސްނުމެއް ނެތި ބުނާ އެފަދަ ބަސްތަކުގެ އަޅަކަށްވެ މުޅި އުމުރު އެކަމުގައި ހޭދަކުރުން އެއީ ދިލަހުރި ވޭނެކެވެ.