ކޮންމެ މީހަކީވެސް އެމީހެއްގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރަން ބޭނުންވާނޭ މީހެކެވެ. ހެޔޮލަފާ ޞާލިހް ބަޔަކުކަމުގައި އެދަރިން ވާން އެދޭނޭ ބައެކެވެ. އެހެންކަމުން އެ ދަރިންނަށް ދެވޭ ތަރުބިއްޔަތަކީ ހަރުދަނާ ތަރުބިއްޔަތަކަށް ވާން ޖެހޭނެއެވެ. އެކުދިންނީ ކިޔަމަންތެރިބަޔަކަށް އަމުދުން ހަދަން ވާނެއެވެ. ހާއްސަކޮށް ކުއްޖާގެ މަންމަގެ ބަހަށް ކިޔަމަންވާން ޖެހޭނޭކަން ދަސްކޮށްދޭން ވާނެއެވެ. ސުވަރުގެ ލިބުންވަނީ އެ މަންމަގެ ފައިތިލަ ދަށުންކަން ބުނެދީ ހަނދާންކޮށްދޭން ވާނެއެވެ.

ކުދިން ބޮޑެތިވަމުން އަންނައިރު، މައިންބަފައިންގެ، ހާއްސަކޮށް މަންމަގެ އަމުރަށް ކިޔަމަން ނުވާ ކުދިން މިއަދު ވަރަށްވެސް ގިނައެވެ. އެކުދިންގެ ކިބައިން މަންމަ، އެވެނި މިވެނި ކަމަކު ބުނުމުން ފާޅުގައި އެކަމެއް ނުކުރާނަމޭ، ނުވަތަ ނޫނެކޭ ބުނާ ކުޑަ ކުދިން މިއަދު ވަރަށްގިނައެވެ. ދަރިފުޅާއޭ ނުދާށޭ، ދަރިފުޅާއޭ އަންނާށޭ، އެ ކުއްޖާގެ މަންމަ އެ ކުއްޖާއާއި ދިމާލަށް ބުނުމުން، އެ ކުޑަ ކުއްޖާ އެ މަންމަ ބުނާ ކަމެއް ކުރަން ވާނެއެވެ. ނުދާށޭ ބުނެފިނަމަ ކުރިއަށް އެއް ފިޔަވަޅުވެސް އަޅަން އެ ކުއްޖާއަށް ކެރިގެން ނުވާނެއެވެ. ތަރުބިއްޔަތުގެ ރިވެތި އުސޫލާ ހަމައިން ތަރުބިއްޔަތު ކުރެވޭނަމަ ކަން ހިނގާނީ މި ގަަވައިދުންނެވެ.

މިއީ ފެނި، ދިމައިވެފާ ހާދިސާއެކެވެ. މި މައުޟޫގައި އިންސާފުކުރާތީ ހިއްސާކޮށްލާނަމެވެ. ގޭތެރޭގައި ހުރި މަންމަ، އުމުރުން 8 އަހަރުގެ ކުއްޖަކަށް ގެއަށް އައުމަށް ގޮވަމުން ދިޔައެވެ. އެ ކުއްޖާ މަގުމަތީގައި އުޅެމުން ދާއިރު އެ އަޑު އިވެއެވެ. އަދި އިޖާބަ ދިނުމުގެ ގޮތުން "އާނ" އެކޭ ބުނެއެވެ. ނަމަވެސް އެ ކުއްޖާގެ ހިތުގައި ގެއަށް ވަނުމުގެ ކުޑަވެސް ޝައުގެއް ނެތެވެ. ދެވެނީ ގެއާއި ދުރަށެވެ. ތަކުރާރުކޮށް، ތަކުރާރުކޮށް އެ މަންމަ އެފަދައިން އަދޭސް ކުރަމުން ދިޔައިރު، އެ ކުއްޖާ އެ މަންމަ އަށް ދިނީ ބީރުކަންފަތެކެވެ. އެ މަންމަގެ އަޑު ބެދޭ ގޮތްވިއެވެ. ބަލިވެސް ވެއްޖެއެވެ. އެއްކަލަ ކުއްޖާގެ ހިތުގައި އަދިވެސް މަންމަގެ ކައިރިއަށް ދިއުމުގެ ޝައުގެއް ނެތެވެ.

އާދޭހެވެ! މިއީ ކިޔަމަންތެރިކަމުގެ ގުދުރަތީ ނިޒާމުން ކަސިޔާރު ވެފައިވާ ހާލަތެކެވެ. ވަލު ޖަނަވާރާ ކުކުޅުހާވެސް އެސޮރުމެންގެ ދަރީން، އެ ސޮރުމެންގެ މައިއެއްޗަށް ކިޔަމަން ވާނެއެވެ. ނަމަވެސް ވިސްނުމާ ބުއްދި ދެއްވާ ތަރުބިއްޔަތު ކުރުމުގެ ހުނަރާ ގާބިލުކަން ދެއްވާފައިވާ އިންސާނާ، އޭނާގެ ދަރިން، އޭނާއަށް ކިޔަމަންތެރި ނޫން ގޮތެއްގައި ތަރުބިއްޔަތު ކުރެވުމަކީ ހިތާމަ ހުރި ކަމެކެވެ. ލަދުވެތި ކަމެކެވެ. އޭގެ ނަތީޖާ ހިތިވާނޭ ކަމެކެވެ.

ަމައިންގެ ކުރިމަތީ ނޫނެކޭ ބުނެ، ކިޔަމަންވުމެއް ނެތި، އިންކާރު ކުރުމުގައި ބޮޑުވަމުންދާ ކުއްޖާއަކީ މާދަމާ ދެއުޅިއެއްނުވާ މީހަކަށް ވެދާނޭ މީހެކެވެ. ތަރުބިއްޔަތުގައި އިހުމާލުވެވޭ މި ކުޑަ ކުޑަ ކަމުގެ ނަތީޖާ މާދަމާ ފެންނާނީ ހަބަރަށް ވުރެން ހިތިކޮށް ކަން ދެނަހުރީ ކާކުހެއްޔެވެ؟ ކުއްޖާ މަގު އޮޅި، ވިޔާނުދާ އުޅުމަކަށް މަގުފަހި ކުރުވާ އެއްކަމަކީ މައިންބަފައިންނަށް، ހާއްސަކޮށް މަންމައަށް ކިޔަމަންވުން އެއީ ނެތްކަމެއް ކަމަށް ދެކިގެން ކުއްޖާ ބޮޑުވުމެވެ.

އާދޭހެވެ! މަންމައަށް ދަރިފުޅު ކިޔަމަން ނުވިޔަސް، އެ ދަރިފުޅު މަންމަ އަށް ކިޔާނީ ހަމަ މަންމައެވެ. މިއީ ކިޔަމަންތެރިކަމާ ތަރުބިއްޔަތިގައި މުޅިން އެހެން ކަމެކެވެ. މައިންބަފައިން އެމީހުންގެ ދަރީންނަކީ އެމީހުންގެ އަމުރުތަކަށާއި ބުނާ ބަސަތަކަށް ކިޔަމަންތެރިވާ ބަޔަކު ގޮތުގައި ތަރުބިއްޔަތު ކުރާށެވެ. މަންމައާއި އިންކާރު ކުރުމަކީ، މާދަމާ އޭގެ ނަތީޖާ ހިތިވާނޭ ކަމެއްކަން ކުޑަކުދިންނަށް ވިސްނައިދޭން ވާނެއެވެ. ވީނުވީ އެއް، ވާނުވާ އެއް ނޭނގި ކިތައް ކިތައް މައިން، އެމީހުންގެ ދަރިން އެމީހުންގެ ލޯމަތިން ގެއްލި މި ދުނިޔޭގައި އެބަ އުޅޭ ހެއްޔެވެ؟ ހަގީގީ ލޯބިވާ މަޔަކަށް މިއީ ބަރުދާސްތުކުރަން ވޭނީ ހިތްދަތިކަމެކެވެ. އެހެންކަމުން ވަގުތު ފާއިތު ވުމުގެ ކުރިން، ތިމާގެ ދަރިންނަކީ ތިމާއަށް ކިޔަމަންތެރި ދަރިންތަކަކަށް ހެދޭތޯ ބަލާށެވެ.