ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ތަރާވީހު ނަމާދުކުރުމަށްޓަކައި ހާފިޒުން ގެނެވެއެވެ. ތަރާވީހު ނަމާދުގައި ހަތިމަށް ކިޔެވުމަށްޓަކައި ދުނިޔޭގެ ބޮޑެތި އިސްލާމީ ޤައުމުތަކުންވެސް މިކަން މި މޭރުމުން ކުރެއެވެ. ދިވެހި ރާއްޖޭގެ އާބާދީގައި ހާފިޒުންގެ އަދަދު މަދު ކަމާއި އެކު ރާއްޖޭގެ ގިނަ މިސްކިތްތަކެއްގައި ހަތިމަށް ތަރާވީސްކުރެވެން ނެތުމާއި އެކު އަވައްޓެރި ގައުމުތަކުން ހާފިޒުން ގެނެއެވެ. މިއީ އިއްޔެއަކު މިއަދަކު މި ރާއްޖޭގައި ކުރަން ފެށި ކަމެއް ނޫނެވެ. މިއީ ދިވެހިންގެ އާދައެކޭވެސް ބުނެވިދާނެއެވެ.

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި މިއަދު ސިޔާސީ ކުލަވަރާއި ނަފްރަތާއި ފިތުނައިގެ ހުޅު މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. އާދޭހެވެ! އެންމެފަހުން ތަރާވީސް ކުރަން ގެނައި ހާފިޒުވެސް ސިޔާސީ ވެއްޖެއެވެ. މިއީ ރާއްޖެތެރެ ރަށެއްގައި މި ހިނގާ ރަމަޟާން މަހު ފެނިގެންދިޔަ ހިތާމަވެރި މަންޒަރެކެވެ. މި ވާހަކަތައް ތިލަވެ ފެންމަތިވީ މީސްމީޑިޔާގައި ކަމުން މިފަދަ ކަމެއް ރާއްޖޭގެ އެހެން ހިސާބެއްގައި ފެންމަތި ވިޔަ ނުދިނުމަށްޓަކައި މި ހާދިސާ ހިއްސާކޮށްލާނަމެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ތަރަވީސް ކުރުމަށްޓަކައި ހާފުޒަކު ގެނަން އުޅޭކަމުގެ އަޑުތަކެއް އެރަށުތެރޭގައި ގަދަވިއެވެ. އެއާއި އެކު އެކަމަށް ތާއީދު ކުރާ މީހުންނާއި ނުރުހޭ މީހުންގެ އަޑުތައް އެކި ދިމަ ދިމާލުން އިވެން ފެށިއެވެ. ކޮންމެ އަކަސް ހާފިޒަކު ގެނައުމަށް ނިންމާ، ރަށުގެ ދީލަތި ފަރާތްތަކުގެ އެހީތެރިކަމަށްވެސް ރަށު ކައުންސިލުން އެދުނެވެ. ސަބަބަކަށް ވެފައިވަނީ، އެކަމަށް ހިނގާ ހަރަދު ބޮޑުވުމާއި އެކު، އެކަމުގައި ގިނަ އާންމުންގެ ބައިވެރިވުން ހިމެނުން ކަމުގައި އަޅުގަނޑު ގަބޫލު ކުރަމެވެ. މިކަމަށް ޝައުގުވެރި ވީ ފަރާތްތަކުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭތީ ދުށީމެވެ. އަދި މިއީ ބޭކާރު ހަރަދެކޭ ކިޔާތީވެސް އަޑު އެހީމެވެ.

ހާފިޒަކު ގެންނަން މީސް މީޑިޔާގައި ގަދަވެގެން ދިޔައީ އެކަމަށް އިންކާރުކޮށް ވާހަކަ ދެކެވޭ އަޑެވެ. މި މޭރުމުން ވާހަކަ ދައްކާ ގިނަ މީހުން ބުނާ ގޮތުގައި ތަރާވީސް ކުރަން ގެންނަ ބޭރުމީހާ، ހަތިމު ކުރުމަށްޓަކައި އަވަސް އަވަހަށް ކިޔަވާކަމުގެ ޝަކުވާއެވެ. ކިޔާ އެއްޗެއް ނޭނގޭ ކަމުގެ ވާހަކައެވެ. ނުބައިކޮށް ކިޔަސް ނޭނގޭ ވާހަކައެވެ. ދެން ކުރެވުނު ޝަކުވާއަކީ، ދައުލަތުން އެހެން ކަންކަމަށް ބޮޑެތި ހަރަދު ކުރާއިރު، ރާއްޖެތެރޭ ރަށަކަށް ހާފިޒަކު ގެންނަން ވުމުން ރައްޔިތުން ކިބައިން އެހީއަށް އެދުމުން ކުރެވުނު ޝަކުވާއެވެ.

މި ޝަކުވާތައް މިހެން ކުރެވެމުން ދަނިކޮށް ތަރާވީސް ކުރުމަށް ހާފިޒަކު ގެނެވި، ތަރާވީސް ނަމާދު، ހަތިމަށް ކުރެވެން ފެށިއްޖެއެވެ. ކިޔެވުމުގައި މާ އަވަސްކަމެއް ނެތެވެ. ކިޔާ އެއްޗެއް ރީތިކޮށް ސާފުވެއެވެ. ހާފިޒު ކިޔޭ ކުއްތައް މައުމޫމުންނަށް އެނގި އިސްލާހުވެސް ކުރެވެއެވެ. ޖަމާއަތުގައި ތަރާވީސް ކުރާ މީހުން ވަކި މަދެެއްވެސް ނޫނެވެ. އާދައިގެ މަތިން ތަރާވީސް ނަމާދު ކުރެވެމުން ދަނިކޮށް އަނެއްކާ މީސް މީޑިޔާގައި ބައެއްގެ ޝުއޫރުތައް ހާމަކޮށްލައިފިއެވެ. އާދޭހެވެ! އެމީހަކެ ދެކޭ ގޮތުގެ ވާހަކަ ހާމަ ކުރުމަކީ ނެތްކަމެއް ނޫނެވެ. އަދި އެއީ ކުރަންވެސް ޖެހޭނޭ ކަމެކެވެ.

ތަރާވީސް ނަމާދުގައި ދިގުކޮށް ކިޔަވާ ކަމުގެ ޝަކުވާއެވެ. އެކަން ކުރަނީ ބަޔަކު ސިޔާސީ ގޮތުން ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށް ތުހުމަތު ކުރެވުނެވެ. އެކަން ކުރުވާ ބަޔަކަށް މިސްކިތަށް މުސްކުޅިންނާއި ކުޑަކުދިން ދާނޭކަން ނޭނގޭ ކަމުގެ ޝަކުވާއެވެ. ތަރާވީސް ކުރުމުގައި ހަތިމެއް ނުކުރިޔަސް ފުދިދާނޭ ކަމަށްބުނެ ދެކެވޭ ވާހަކަ ތަކެވެ. އާދޭހެވެ! މިސްކިތުގައި މުސްކުޅިން އަދި ކުޑަކުދިން ތިބޭނެއެވެ. ތަރާވީސް ދިގުވެގެންދާނަމަ އުނދަގޫތަކެއް ކުރިމަތިވާނޭ ބަޔަކު ތިބޭނެއެވެ. ވަރަށްވެސް ބޮޑު ތެދެކެވެ. ދެން އޮތީ ތަރާވީސް ނަމާދުގެ ހުކުމެވެ. މިއީ ސުންނަތް ނަމާދެކެވެ. ކެރި ކުޅަދާނަވީ މިންވަރަކުން ކުރަން އޮތް ނަމާދެކެވެ. އެހެންކަމުން ކުޅަދާނަ ވާ މިންވަރަކަށް ކޮށް، ކުޅަދާނަ ނުވާ މީހާ ނަމާދުން ދެން ވަކިވެލާނީއެވެ. އާދޭހެވެ! އެއް މިސްކިތުގައި ހަތިމަށް ކިޔަވާނަމަ، ދެ މިސްކިތް ހުންނަ ރަށްރަށުގައި ހަތިމަށް ނުކިޔަވާ މިސްކިތެއް ހުންނާނޭ ކަމަށް ގަބޫލު ކުރެވެއެވެ. އެހެންވެއްޖެނަމަ، ހަތިމަށް ކިޔަވާ މިސްކިތުގައި ރަކުއަތް ދިގުވާނަމަ، ހަތިމަށް ނުކިޔަވާ މިސްކިތުން ކުރާ ކުރު ރަކުއަތް ތަކުގައި ބައިވެރިވުމަކީވެސް އޮތް ފުރުސަތެކެވެ.

ގަބޫލުކުރައްވާށެވެ! މިއީ ހަގީގަތުގައި ޝަކުވާ ކުރެވެން އޮތް ކަމެއް ނޫނެވެ. އެހެނީ މިއީ ސުންނަތް ނަމާދެކެވެ. އިސްލާމްދީނަކީ ލުއިފަސޭހަ ދީނެކެވެ. އަދި އެހެން މިސްކިތެއްގައި ނުވަތަ މިސްކިތްތަކެއްގައިވެސް ތަރާވީސް ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އާންމުންގެ އެހީއަށް އެދުމުން، އެހީ ވާން ބޭނުން ނުވާ މީހާ އެހީ ނުމުގެ ފުރުސަތު އެބަ އޮތެވެ. ޘަވާބާއި ދަރުމައަށް އެދިގެން އެހީތެެރިކަން ފޯރުކޮށްދޭ ފަރާތްތަކުން އެހީތެރިކަން ފޯރުކެއްދޭނެއެވެ. ތަރާވީސްނަމާދާއި އެ ނަމާދު ކުރުމަށް ގެނެވުނު ހާފިޒުންގެ ކަންކަމަކީ އާންމުންގެ މީހާގެ މައްޗަށް އެއްވެސް ކަމެއް ވާޖިބުވެގެންދާ ކަމެއް ނޫނެވެ.

ހިތާމައަކީ ބައެއް ރަށްރަށުގައި މިކަން ސިޔާސީ ކަމަކަށް ހަދާތީއެވެ. ފާޅުގައި އެކަން އެ މޭރުމުން ބުނަމުންދާއިރު، ބައެއް މީހުންގެ މަސްމަގުންވެސް އެކަން ހާމަވެއެވެ. ހާފިޒަކު ގެނައުމުގެ ކުރިން ކުރި އެއް ޝަކުވާއަކީ ކިޔާ އެއްޗެއް ނޭނގޭ ވާހަކައެވެ. ހާފިޒަކު ގެނެސް ކިޔަވަން ފެށުމުން، ކިޔެވުމުގެ ރީތިކަމާއި ސާފުކަން އެނގުމުން ދެން ކުރަން ފެށި ޝަކުވާ އަކީ ދިގުކޮށް ކިޔަވާ ކަމުގެ ޝަކުވާއެވެ. އާދޭހެވެ. ނުރުހޭނަމަ، ރުހޭނޭ މަގަކުން ހަމަ އެއްކަމެއްވެސް ނުކުރެވޭނެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.

މިފަދަ ހާދިސާއެއް ހިނގީތީ ހިތާމަ ކުރަމެވެ. އަދި މިފަދަ އެތައް ހާދިސާތަކެއް ހިނގާފައިވެސް އެބަ ހުއްޓެވެ. ހިނގަމުން އެބަ ދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައެވެ. މިހުންނަނީ ހައްތަހާވެސް އެނގުމާއި ނޭނގުމުގެ ތަފާތެވެ. ނުވަތަ ފިތުނައާއި ނަފްރަތުގެ ބަސްތަކެވެ. މާތް ﷲ އަޅަމެން އެންމެނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އަދި ފުއްސެވުމާއި ދިންނެވުމުގެ މި މާތް މައްސަރުގައި އަޅަމެންގެ ފާފަތައް ފުއްސަވާ، ނަރަކައިން ދިންނަވާފާންދޭވެ! އާމީން..