ރުއިމުގައްޔާއި ނަފްސާނީ ސާބިތުކަމުގައި އަންހެނުންނާ ފިރިހެނުން މިނެ ކިރެއެވެ. ފިރިހެން ކުއްޖެއްވިއްޔާ ނުރޯނެ އޭ ބުނެ އެ ކުއްޖަކަށް ހިތްވަރު ދެއެވެ. ފިރިހެން ކުއްޖަކު ރޯނަމަ، ތީ ފިރިހެންކުދިން އުޅޭ ގޮތެއް ނޫނޭ ބުނެއެވެ. ބޮޑު ފިރިހެނަކު ރޯތަން ފެނިއްޖެނަމަ އެއީ ބޮޑު "ބިހެކޭ" ނުވަތަ "ރަނޑެކޭ" ބުނެވެއެވެ. އަދި ފިނޑިއެކޭވެސް ބުނެވޭތަން އެބަ އާދެއެވެ. އާދޭހެވެ! ފިރިހެނެއް ވިއްޔާ ނުރޯނެ ހެއްޔެވެ؟ ނޫނެކެވެ! ފިރިހެނުންވެސް ރޯނެއެވެ. އެހެނަސް އަންހެނުންނަށްވުރެ ފިރިހެނުންނީ ނަފްސާނީ ސާބިތުކަން ގަދަ ބައެކެވެ. އެހެން އިބާރާތުން ބުނާނަމަ ހިތްގަދަ ބައެކެވެ.

ފިރިހެނަކު ކަރުނައަޅާ ގިސްލަމުން ރޯނަމަ އެކަމުން ދޭހަކޮށްދެނީ އެ ފިރިހެނެއްގެ ފިނޑިކަމެއް ނޫނެވެ. ޒަމާނުއްސުރެ ކިޔާ އުޅޭ ވާހަކައެއް އޮވެއެވެ. ފިރިހެނުންގެ ހިތް ދަގަނޑެވެ. އެހެނަސް ދަގަނޑަކީވެސް ވިރުވީމާ ވިރޭ އެއްޗެކެވެ. އާދޭހެވެ! ފިރިހެނަކު ރޯނީ ވަރަށް ވަރުވީމައެވެ. މިކަން އަންހެނަކަށް އިހުސާސް ނުވެ ދާނެއެވެ.

ކެތްކުރުމުގައި ބައެއްކަހަލަ ކެކުޅުންތަކުގައި ފިރިހެނުންނީ އަންހެނުންނަށްވުރެ ސާބިތު ބައެކެވެ. މިއީ ހަމައެކަނި ބުނެލާ ބަހެއް ނޫނެވެ. މިއީ ހަގީގަތެވެ. އެތައް ދިރާސާތަކެއްވެސް މިކަމުގެ މައްޗަށް ކުރެވިފައިވާ ކަމެކެވެ. އާދޭހެވެ! ފިރިހެނުން ރޮނީ އެމީހުންގެ އިހުސާސްތަކުގެ މައްޗަށް ކެތްކުރުމުގެ ގަދަ ބާރަކުން ކެތްކުރުމަށް ފަހުގައެވެ. އެއީ އޭނާގެ ފިނޑިކަމަކުން ނޫނެވެ.

ފިރިހެނުން ފުރަތަމަވެސް ރޮނީ އޭނާގެ ވިސްނުމާ ފިކުރުމުގެ ތެރެއިންނެވެ. ދެން އޭނާގެ ހިތުންނެވެ. އޭނާގެ ސިކުނޑީގެ ވިސްނުމަށާއި ހިތުގެ އިހުސާސްތަކަށް ކެތް ނުވުމުން ރުއިމުގެ އަސަރު ބޭރުފުށުން ދައްކައެވެ. މިއީ ހަގީގަތެކެވެ. 

ފިރިހެނަކު އޭނާގެ މައިންބަފައިންނަށްޓަކައި ރޮއެފި ނަމަ އެކަމުން ދޭހަ ކޮށްދެނީ އެ މައިންބަފައިންނަށްޓަކާ އޭނާގެ ހިތުގައި އޮތް ލޯތްބާއި އިހްތިރާމެވެ. ދަރިންނަށްޓަކައި ރޮއެފި ނަމަވެސް ހަމަ އެފަދައެވެ. އަދި ލޯބިވާ މީހާ ނުވަތަ އަނބިމީހާގެ މައްޗަށް ހިތާމަކޮށް ރޯ ރުއިމުގައި ވެސް ވަނީ ލޯތްބާ ހަމްދަރުދީއެވެ. އަލާލުމާއި ޖަޒުބާތެވެ. އެއީ އެ ފިރިހެނާގެ ފިނޑި ކަމަކުން ނޫނެވެ. އާދޭހެވެ! ފިރިހެނުން ރޯނެއެވެ. އެހެނަސް އެކަން ބޭރުފުށުން ފެންނާނީ މަދު ފަހަރަކު އެވެ. ބޭރުފުށުން އެކަން ފެނިއްޖެނަމަ، ގަބޫލުކުރާށެވެ! އޭނާ އެ ރޮނީ ވަރަށް ކެތްކުރުމަށް ފަހުގައެވެ. 

މުޖުތަމައު ގަބޫލުކުރާ ހަމައިގެ ސަބަބުން ފިރިހެނުންނަށް ރޮވޭކަން އެއްވެސް ފިރިހެނަކު އަނެކަކަށް ދައްކާކަށް ބޭނުމެއް ނުވެއެވެ. އެ ސަބަބާހުރެވެސް ފިރިހެނުން ވެފައިވަނީ ރުއިމުގައި ޖަޒުބާތުތައް ފޮރުވާ ބަޔަކަށެވެ. މުޖުތަމައުގެ ވައްޓަފާޅީގައި ގަބޫލުކުރާ މި ކަންކަން ބަދަލު ކުރަން އެބަ ޖެހެއެވެ. ރޯނީ ހަމައެކަނި އަންހެނުންނެއް ނޫނެވެ. އަންހެން ކުދިންނެއްވެސް ނޫނެވެ. ފިރިހެން ކުދިންވެސް ރޯނެއެވެ. ފިރިހެނުންވެސް ރޯނެއެވެ. އަދި ރޯން ކެރެންވެސް ޖެހޭނެއެވެ. އެހެނީ އެއީ އާދައިގެ ކަމެކެވެ. އިންސާނަކަށްވީތީ، ހިތެއް އޮތީތީ ތަރުތީބުވާ ނަފްސާނީ އަދި ޖިސްމާނީ އިހުސާސެކެވެ.