އިއްޔެއަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. ދުވަސް ބައްދަލު ކުރިއިރު، ދުނިޔޭގެ ހުރިހާ ބިތެއްގައި ވެސް މިވަނީ ކޮރޯނާ ވައިރަހުގެ ބިރުވެރިކަން ފެތުރި ގިނަ ބަޔަކަށް ނަފްސާނީ ބަލިކަށިކަމެއް ކުރިމަތިވެފައެވެ. އެ ބިރުވެރިކަން މި ކުޑަކުޑަ ދިވެހި މުޖުތަމައުއަށް ވެސް މިވަނީ އިސާހިތަކު ފޯރާފައެވެ. އެކަން އެނގިގެންދަނީ މީސްމީޑިއާގެ މަންސަތަކުންނާއި ޚަބަރު ފަތުރާ ވަސީލަތްތަކުންނެވެ.
ނަފްސާނީ ގޮތުން އިންސާނާ ބަލިކަށި ކޮށްލާ ކިތަންމެ ކަމެއް އެބަ ހުއްޓެވެ. މަޢުޟޫއިން ބޭރަށް ދިޔުމުގެ ބޭނުމެއްނެތެވެ. މިއަދު ގިނަ ދިވެހިންގެ ވިސްނުން ހުސްކޮށްލަން ޖެހިފައިވާ އެއްކަމަކީ އާމްދަނީ ލިބޭނެ ގޮތަކާމެދުއެވެ. ކޮރޯނާގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އެފުށްމިފުށަށް ޖެހުމުގެ ސަބަބުން އެތައް އާއިލާއެއް މިވަނީ ބިކަވެފައެވެ. ވަޒީފާ ގެއްލި ރަށުގައި ހުންނަން ޖެހުމުން އަތްމަތިވަނީ ދަތިވެފައެވެ. މި ހުރިހާ ދުވަހު އަދާ ކުރާ ވަޒީފާއިން ލިބޭ އެއްޗަކުން އެކަނި، އަދި ލިބޭ މުސާރަ ހިތު ހުރި ގޮތަކަށް ބުރުވަމުން އައި މީހުން މިއަދު މިވަނީ މާދަމާ ކާނެ ގޮތަކާމެދު ވިސްނަން ޖެހޭ ދަރަޖައަކަށް ވެއްޓިފައެވެ. ރަށުގައި އަމުދުން އަދާކުރާނޭ ވަޒީފާއެއް ނެތެވެ. ސަރުކާރުން ލިބޭ އިނާޔަތް ހޯދަން ކުރަން ޖެހޭ ތަކުލީފް ބޮޑުވެ އެކަމާ އުޅެވޭ ވަރެއް ނޫނެވެ. އުޅުނަސް ލިބޭނެ ކަމުގެ އުއްމީދެއްނެތީއެވެ. މި ކަންކަމާ ހުރެ އެތައް ޒުވާނުންނެއް މިއަދު މިވަނީ ނަފްސާނީ ބަލިމަޑުކަމުގެ ތެރެއަށް ވެއްޓިފައެވެ.
އާމްދަނީގެ ވާހަކަ އެއް ފަރާތް ކޮއްލާށެވެ. ކޮވިޑަށް ފައްސި ވެގެން ނުވަތަ ކަރަންޓީނުގައި އޮތް ރަށަކުން މީހަކު އަޔަސް، އެމީހަކު މުޖުތަމައުއިން ބޭކާރު ކޮށްލަނީ މަދެއްކޮށެއް ނޫނެވެ. ނުދަންނަ ބަޔަކު އަދި ވާހަކަ ނުދެއްކިޔަސް، އާއިލާ ތެރެއިން ވެސް ކޮށްލަނީ ބާކީއެވެ. ބަލީގެ ބިރުވެރިކަން ހިތަށް އަރުވައިގެން ހުއްޓާ އެ މީހަކަށް ނަފްސާނީ ގޮތުން މުޖުތަމައު ދޭ އަނިޔާ މާ ބޮޑެވެ.
ކަމުގެ ހަގީގަތް ބަލައިނުލާ ކަމުގެ ދެކޮޅުވެސް ބެލުމެއްނެތި ޔޯލަ ޔޯލަ އަށް ދައްކާ ވާހަކައެއްގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވަނީ ކިތައް ކިތައް މީހުން ހެއްޔެވެ؟ ތިމާއާ އަމުދުން ނުވެސް ވާ މީހަކު ނުވަތަ ބަޔަކާ ބެހޭ ގޮތުން ބުނެވޭ އެންމެ ބަހަކުންވެސް ނުވަތަ ދެކެވޭ ވާހަކައަކުން ވެސް އަނެކާ ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެދާނެކަން ދަންނަން ޖެހެއެވެ.
ނަފްސާނީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެނެވެ. ސައްހަ މަޢުލޫމާތު ފޯރު ކޮށްދެވިގެންނެވެ. ސަރުކާރުން ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ކަންކަން ތަރުތީބު ކުރެވިގެނެވެ. ފަސޭހަ ގޮތްތަކެއް ކަނޑައަޅައިދީގެނެވެ. ފަރުދީ ޒިންމާ ނަގައިގެނެވެ. ނުބެހޭ ކަންކަމާ ނުބެހި ތިބެގެނެވެ. އަނެކާގެ އިހްސާސްތަކަށް އިހްތިރާމް ކޮށްގެނެވެ. އެހެން ނޫނީ މި ބަލިމަޑުކަމުން ސަލާމަތް ވާއިރު މި މުޖުތަމަޢު އެހެން ބަލިމަޑުކަމެއްގެ ތެރޭގައި ވާނީ ކަސްތޮޅު އެޅިފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން