ދިވެހިންގެ ދިރިއުޅުމާ ދިރިއުޅުމުގެ ވައްޓަފާޅީގައި ތަރައްގީވެފައިވާ ގައުތަކާއި ވަރަށް ބޮޑެތި ތަފާތު ތަކެއް ހުރެއެވެ. ހިމޭން ކަމާއި ހަމަޖެހުމަކީ ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ގިނަ ބަޔަކު ހައިރާން ކުރުވާ އެއް ކަމެވެ. ހާއްސަކޮށް ރަށްފުށުގެ ދިރިއުޅުމުގައެވެ. 

ގޭތެރޭގައި އެވެނި މިވެނި ކަމެއް ނުވަތަ މަސައްކަތެއް ކުރުމަށްފަހު، އެކަމުން އަވަދިވެ އަރާމުކަމެއް ހޯދަން އެދޭ މީހާ އަވަސްވެގަންނަނީ ކޮންމެވެސް ދިމާލަކުން ގޮނޑުދޮށަށް ނުކުމެލާށެވެ. އަތިރިމައްޗަށް ނުކުމެލާށެވެ. މިއީ ދިވެހި ރަށްފުށުގެ ދިރިއުޅުމުގައި އާދައެވެ. ކިޔަވާކުދިންވެސް އެފަދައެވެ. އިންޓޯލަށް ގެއަށް ފޮނުވާލިޔަސް، ގެއަށް ނުވަދެ ފުރަތަމަވެސް ފައިބަނީ އަރިތިމައްޗަށެވެ. އެ ހިތްގައިމު ހަމަޖެހޭ މާހައުލުގައި އުފާވެރި ސިކުންތުކޮޅެއްނަމަވެސް ހޭދަކުރުމަށްފަހު ނޫނީ އެކުދިން ގެއަށް ނުދެއެވެ. އިންޓޯލުގަޑީގައި ސައި ބޮއުމާއި އެކުވެސް އެދަރިންގެ މިސްރާބު އަނެއްކާ އެނބުރެނީ ކޮންމެވެސް މަގެއް ކޮޅަށެވެ. ޔުނީފޯމުގައި އެކުދިން އެއްވަނީ އަތިރިމަތީ ހުންނަ ކޮންމެވެސް ޖޯލިފައްޗަކަށެވެ. އެއީ އަދި އިންޓޯލު ގަޑިތާއެވެ. ސުކޫލު ނިމުމުންވެސް އެކުދިންގެ މިސްރާބަކީ އެއީއެވެ. ފޮތް ކިޔުމާއި ފިލާވަޅު ދަސްކުރުމުގައިވެސް އެކުދިން އެއްމެ ގަޔާވާ މާހައުލަކީ އަތިރިމަތި ސަރަހައްދެވެ. މަގެއްކޮޅުގައި ހުންނަ ކޮންމެވެސް ގަހެއްގެ ދަށެވެ.

ބޮޑެތިމީހުންގެ އާދައަކީވެސް ހަމަ މިއީއެވެ. ގޭގައި ބުރަކޮށް އުޅިފައި ފިނިކޮށްލަން އޭސީ ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ރަށްފުށުގައި އަތިރިމައްޗަށް ނުކުތުމަކީވެސް އާދައެކެވެ. ފަރިތަކަމެކެވެ. ކަނޑުގައި ބީހިފައި އަންނަ ފިނި ވައިރޯޅިތައް މަޑުމަޑުން މޫނުގައި ބީހެމުން ދަނީ ނަފްސަށާއި ޖިސްމަށް އަރާމުކަމެއް އިހުސާސް ކުރުވަމުންނެވެ. ހިމޭންކަމާއި ހިތްހަމަޖެހުމުގެ ޖަޒުބާތުތަކެއް ސިކުނޑީގައި އުފައްދަމުންނެވެ. ބައެއް އަންހެންވެރިން ނިލިއަނބުރާށާ ރޯނުވަށަން ވެސް ނުކުންނަނީ މަގެއްކޮޅަށެވެ. ފަންގަނޑެއް ވިނދެލުމަށާއި މަދުކޮޅެއް ފަޅަންވިޔަސް، އަތި އިލޮށިކޮޅެއް މަށާލަން ވިޔަސް އަތިރިމަތި ވަރެއް ނެތެވެ. މާމަދަރިންނާއި ކާފަދަރިން ގޮވައިގެންވެސް ނުކުމެލާ ހިތްހަމަ ޖައްސާލަން އަތިރިމަތިތަކާއި މަގުގޮޅުތަކަކީ އަޖައިބެއްކަހަލަ އިހުސާސްތަކެއް ކުރުވާ ތަންތަނެވެ. ގިނަ ޒުވާނުންވެސް މިއަދު އެމީހުންގެ ހުސްވަގުތު ތަކުގައި ފޯނާކުޅެންވެސް ނުކުމެލަނީ ކޮންމެވެސް މަގެއް ކޮޅަށެވެ. އެ މަގުކޮޅުތަކުގައި ބެންޗުތައް ހަދައިގެންނެވެ. ޖޯލިފަތިތަކާ އުނދޯލިތައް އެލުވައިގެންނެވެ. ފެންޑާތަކާއި ފިނިއަށިތައް ހަދައިގެންނެވެ.

ކުރިއަށް އޮތީ ރޯދަމަހެވެ. މިއީ މިފަދަ މަގުކޮޅުތަކަށް ބާރުބޮޑު ދުވަސްވަރެކެވެ. އެހެންކަމުން މަގުކޮޅުތަކާއި އަތިރިމަތިރަކަށް ނުކުންނަ ކޮންމެ މީހަކުވެސް އެއީ އާންމު އިޖްތިމާއީ ސަރަހައްދުތަކެއްކަން ދެނެގެން އެތަންތަނަށް އިހްތިރާމް ކުރަންވާނެއެވެ. މަގުކޮޅުތަކަށާއި އަތިރިމަތިތަކަށް ކުނި ނޭޅުމާއި ހަޑިނުކުރުމާއި އެތަންތަނުގައި ހުންނަ ތަކެއްޗަށް ގެއްލުން ނުދިނުމަކީ އަހަރެމެން ކުރަން ޖެހޭނެ ކަންކަމެވެ. އެހެނީ އެތަންތަނުގެ ބޭނުން ތިމަތިމާމެންނާ ތިމާމެންގެ ލޯބިވާ އާއިލާ މީހުންނާއި އެކުވެރި ރަހުމަތްތެރިންވެސް ކުރާނެތީއެވެ. އެހެންކަމުން މަގުކޮޅުތަކަށާއި އަތިރިމަތިތަކަށް އެތަންތަނުގެ ހައްގު އަދާކުރާށެވެ.