އެމެރިކާގެ ފްލޮރިޑާގެ ކިސިމީއަށް ނިސްބަތްވާ މެގަން ކެސިޑީ، ވިދިވިދިގެން އެންމެ ގިނަ ދުވަހު އަލްޓްރާ މެރެތަން ދުވުމުގެ ގިނިސް ވޯލްޑް ރެކޯޑް ޤާއިމުކޮށްފިއެވެ. 23 ދުވަސްވަންދެން މޭގަން ދުވެފައިވާއިރު، ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އޭނާވަނީ މި މެރެތަންގައި 31.1 މޭލު ނުވަތަ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުވެފައެވެ.

ގިނިސް ވޯލްޑް ރެކޯޑްގެ ފަރާތުން މިކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ ޖެހިޖެހިގެން އެންމެ ގިނަ ދުވަހު އަލްޓްރާ މެރެތަންއެއް ދުވި އަންހެނާގެ ރެކޯޑަކީ 23 ދުވަސް ކަމަށާއި، މިއީ އެމެރިކާގެ ފްލޮރިޑާގެ އޮރލަންޑޯގައި ޑިސެމްބަރު 17، 2022 އިން ޖެނުއަރީ 8، 2023 އަށް މެގަން ކެސިޑީ ޤާއިމުކުރި ރެކޯޑެއްކަމަށެވެ.

މި ރެކޯޑް ކުރިން އޮތީ 22 ދުވަސް ވަންދެން އަލްޓްރާ މެރެތަންއެއް ދުވި ދުވުންތެރިއެއްގެ ކިބައިގައެވެ. މޭގަން އެ ރެކޯޑް މުގުރާލިއިރު، އޭނާ އަސްލު ބޭޏނުންވީ 23 ދުވަހަށްވުރެވެސް ގިނަ ދުވަސްވަންދެން ދުވާށެވެ.

އެހެންނަމަވެސް އެނބުރި މަސައްކަތަށް ނިކުންނަން ޖެހުމުގެ ސަބަބުން އޭނާއަށް 23 ދުވަހުން މެރެތަން ނިންމާލަން ޖެހުނީއެވެ.

މޭގަން މިހާތަނަށް 100 އަށް ވުރެ ގިނަ މެރެތަން ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރޭގައި ބޮސްޓަން، ޝިކާގޯ، ބަރލިން، އަދި ލަންޑަންގެ މަޝްހޫރު މެރެތަންތައް ހިމެނެއެވެ. 2024 ވަނަ އަހަރު އޮންނަ ޓޯކިޔޯ އާއި ނިއުޔޯކް މެރެތަން ކާމިޔާބުކަމާއެކު ފުރިހަމަ ކުރުމުން މޭގަންއަށް ދުވުންތެރިންގެ 6-ސްޓާރ މެޑަލް ހާސިލުކުރެވޭނެއެވެ.