ފިހާރަތަކުން ގަންނަ ކާބޯތަކެއްޗާއި ހެދުން ފަދަ ތަކެތި ގެންދިއުމަށް މީހުން ބޭނުންކުރަނީ ގިނަފަހަރު ޕްލާސްޓިކް ކޮތަޅުތަކެވެ. ޕްލާސްޓިކް ކޮތަޅުތަކަކީ ތިމާވެއްޓަށް ގެއްލުން ލިބިދާނެ އެއްޗެއްކަން އަޅުގަނޑުމެންނަށް އެނގޭ ނަމަވެސް އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. އާބަން ސޮލިޑް ވޭސްޓަށް ބަލާއިރު، ޕްލާސްޓިކް ކޮތަޅުތަކަކީ ކުނި ނިޒާމުގެ އެންމެ ބޮޑު ގޮންޖެހުމެވެ.

ޕްލާސްޓިކް ކޮތަޅުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ބޮޑު އަސަރަކީ އެ ކޮތަޅުތައް ފަނާވެގެންދިއުމަށް އެތައް އަހަރެއް ނަގާތީ އެވެ. މީގެ އިތުރުން އިރުގެ އަލިން ޕްލާސްޓިކް ކޮތަޅުތައް ނައްތާލުމުން ވިހަ މާއްދާތައް ބިމަށް ދޫވެ، ޕްލާސްޓިކް ކޮތަޅުތައް އަންދާލައިފިނަމަ ވައިގެ ތެރެއަށް ވިހަ މާއްދާދޫކޮށްލާ މާހައުލުގެ ވައި ތަޣައްޔަރުވެއެވެ. ސިމަންސް (2005) ހާމަކުރައްވާ ގޮތުގައި، ކާސިނޯޖެނިކް ކޮމްޕައުންޑްތައް ރެގިއުލޭޓް ނުކޮށް ޖަމާވުމުގެ ސަބަބުން، ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމުން ކެންސަރުގެ ބަލިތަކަށް މަގުފަހުވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓަނުން ޓަނަށް ހެކްޓަރުގެ ބިން ހިފާފައިވާ ކުނިކޮށިތަކަށް ކޮތަޅު އުކާލާއިރު، އެ ކުނިކޮށިތަކުން ނުރައްކާތެރި މީތޭން އަދި ކާބަން ޑައިއޮކްސައިޑް ފަދަ ގޭސްތަކުގެ އިތުރުން ވަރަށް ވިހަ މާއްދާތައް ކުނިކޮށިތަކުން ދޫކުރެއެވެ.

ޕްލާސްޓިކް ކޮތަޅުގެ ސަބަބުން ރާއްޖެފަދަ ޖަޒީރާ ޤައުމުގެ ވެއްޓަށްލިބޭ ގެއްލުން އަންދާޒާނުކުރެވޭހާ ބޮޑެވެ. ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކޮތަޅާއި އެހެނިހެން ޕްލާސްޓިކް ސާމާނުގެ ސަބަބުން ކަންޑުގެ ދިރުންތަކަށް އެތައްގެއްލުމެއް ލިބެއެވެ. މިކަމުގެ ސަބަބުން މޫދާއި ގޮނޑުދޮށް ތަޣައްޔަރުވުމާއި، ބައެއް ޤައުމުތަކުގެ ކޯރުތައް ބަންދުވުމާއި، ބިމުގެ ތެރެއަށް ވިހަމާއްދާ ފޯރާ ތިމާވެއްޓަށް ގެއްލުންހުރި ގިނަ އަސަރުތަކެއް ކުރިމަތިވެފައިވެއެވެ. ޕްލާސްޓިކުން ލިބޭ ގެއްލުމުގެ ސަބަބުން ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވަނީ ޕްލާސްޓިކް ބޭނުންކުރުން މަނާކޮށްފައެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުންކުޑަކުރުމުގެ މަޤްޞަދުގައި ޕްލާސްޓިކް ކޮތަޅު ވިއްކާ ގޮތަށް ނިންމުމުން ގިނަ މީހުންނަށް ފާހަގަ ވެގެންދިޔައީ ހަމައެކަނި ކޮތަޅު ގަންނަން ޖެހޭކަން އެކަންޏެވެ.

 އެކަމުގެ ސަބަބުން ތިމާވެއްޓަށް ލިބިގެންދާނެ ލުޔަށް ވިސްނާލީ މަދުބައެކެވެ. ކޮންމެ ބޭފުޅަކުވެސް އަމިއްލަ ވެށި ތިމާގެ އަމިއްލަ ސިއްހަތަށާއި ދަރިންގެ މުސްތަޤްބަލަށް ވިސްނާލުމަށްފަހު ފަރުދީޒިންމާ އަދާކުރަމާތޯއެވެ. ޕްލާސްޓިކް މަދުކުރުމަށް ކޮތަޅު އެއްލާނުލާ ބޭނުންކުރަން އާދަކުރައްވާށެވެ. ނޫނީ ބާޒާރުކުރަން ދުރުވާއިރު ގެއިން ކަރުދާސް ނުވަތަ ފޮތިކޮތަޅު ގެންދަވާށެވެ. ނޫންނަމަ ބާސްކެޓެއް ފަދަ އެއްޗެއް ބާޒާރު ކުރާއިރު ބޭނުންކުރެވިދާނެއެވެ.މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެންމެ ތަހުޒީބު ޤައުމުތަކުގައިވެސް ގިނަ ރައްޔިތުން ބާޒާރުކުރާގޮތެވެ.

ތިމާވެށި ހަލާކުވެއްޖެނަމަ އަލުން އިޔާދައެއް ނުކުރެވޭނެއެވެ. ތިމާވެށި ހިމާޔަތްކުރުމަށް މަސަތްކަތް ކުރަން މިހާރިވެސް މިވަނީ ލަސްވެފައެވެ. ވަގުތު ފާއިތު ނުވަނީސް އަޅުގަނޑުމެނަށް އެޅުނު ފިޔަވަޅެއް މިކަމުގައ އަޅައިގެން ތިމާވެށި ހިމާޔަތް ކުރަމާތޯއެވެ.