ޗައިނާގެ މީހަކު އޭނާގެ ކުންފުނީގެ އަހަރީ ދުވަހުގެ ޕާޓީގެ ލަކީ ޑްރޯގައި 365 ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއެއް ހޯދައިފި އެވެ.

ގަބޫލެއް ނުކުރެވޭ އެހެންނު؟ އާދެ، އޭނާއަށް ގްރޭންޑް ޕްރައިޒް ލިބުނު ޚަބަރު އިންޓަނެޓްގައި ވައިރަލްވެފައިވާއިރު، ވީޑިއޯތައްވެސްވަނީ ދައުރުވެފައެވެ.

ނަން ހާމަނުކުރާ ކުންފުނީގެ ޕާޓީ ކުރިއަށް ގެންގޮސްފައިވަނީ ގުއަންޑޮންގްގެ ޝެންޒެންގައި ކަމަށް ސްޓްރޭޓްސް ޓައިމްސް އިން ރިޕޯޓްކޮށްފައިވެއެވެ.

ޗައިނާގެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވައިރަލް ވީޑިއޯގައި، އެ ފަރމްގެ މެނޭޖަރުގެ މަގާމެއްގައި ހުރި ކަމަށް ބުނާ މީހާ ފެންނަނީ އަންހެނަކާއި ކުޑަކުއްޖަކާއެކު ގޮނޑިއެއްގައި އިށީނދެގެން އިންއިރު، "365 ދުވަހުގެ މުސާރަ ލިބޭ ޗުއްޓީ" ލިޔެފައިވާ ބޮޑު ޗެކެއް ހިފައިގެން އިން ތަނެވެ.