އަންހެނަކަށް ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާ ކަމަށް ރަނގަޅަށް ކިޔައިދިނީ ބޮލުގެތެރެއިން އިވެމުންދިޔަ އަޑުތަކެއް ކަމަށް އިނގިރޭސިވިލާތުގެ ޑޮކްޓަރުން ބުނެފި އެވެ. ކުރިން ނަފްސާނީ މައްސަލައެއް ނެތް އަންހެން މީހާ ގޭގައި ކިޔަވަމުން ދަނިކޮށް ފުރަތަމަ އަޑު އިވުނީ ބިރު ނުގަތުމަށާއި އެއީ ރައްޓެއްސެއްކަމާ އޭނާ އަށް އެހީތެރިވާން ބޭނުންވާ ކަމަށް ބުނެއެވެ.އަދި އަންހެންމީހާ މޮޔަވީކަމަށް ހީކޮށް، ބިރުގަނެގެން ޑޮކްޓަރުގެ އެހީތެރިކަން ހޯދިއެވެ.

ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް މިސްޓަރ އިކެޗުކުވޫ އަޒުއޮންޔޭ ވަނީ އޭނާ އެ އަންހެންމީހާއަށް ފަރުވާ ދިނުމާ ބެހޭ ގޮތުން އިނގިރޭސި މެޑިކަލް ޖާނަލްގައި ލިޔެފައެވެ.

އޭނާ ބުނީ ކައުންސެލިންގ އާއި ބޭސް ދިނުމަށް ފަހު ރަނގަޅުވި ކަމަށް ފެނުނު ނަމަވެސް ޗުއްޓީގައި ހުއްޓާ ހޭލޫސިނޭޝަން އަނބުރާ އައިސްފައިވާ ކަމަށެވެ. މިފަހަރު އިވުނީ ދެއަޑެކެވެ. އެތަނުން އެއްއަޑު ބުނީ އަންހެންމީހާގެ ކަމެއް ގޯސްވެފައިވާތީވެ ވަގުތުން އިނގިރޭސިވިލާތަށް އެނބުރި ދިއުމަށެވެ. އަންހެންމީހާ ލަންޑަންއަށް އައިސް އެ އަޑުތަކުން އޭނާއަށް ދާންވީ އެޑްރެހެއް ދިނެވެ. އެއީ ލަންޑަންގެ ބޮޑު ހޮސްޕިޓަލެއްގެ ބްރެއިން ސްކޭން ޑިޕާޓްމަންޓެވެ. އެ އަންހެން މީހާ އޭނާގެ ފިރިމީހާއަށް ވިސްނައިދީގެން އޭނާ އެތަނަށް ދިޔައެވެ.

އަންހެންމީހާ ހޮސްޕިޓަލުން ސްކޭން ހެދުމުން ސިކުނޑީގައި ޓިއުމަރެއް ފެނިފައިވާއިރު، އެ ޓިއުމަރު ރަނގަޅަށް ނަގައި، އޭގެ ފަހުން އޭނާ ވަނީ ފުރިހަމައަށް ރަނގަޅުވެފަ އެވެ. އޮޕަރޭޝަނަށްފަހު ހޭވެރިކަން ލިބުމާއެކު އެންމެ ފަހު ފަހަރަށް އެ އަޑުތައް އިވުނެވެ.

އެމީހުން ބުނީ، “އަހަރެމެން ކަލެއަށް އެހީތެރިވެދިނުމުން ވަރަށް އުފާވެއްޖެ. ވަރަށް ސަލާން." މިސްޓަރ އަޒުއޮންޔޭ މި މައްސަލަ ސިފަކޮށް މެޑިކަލް ކޮންފަރެންސެއްގައި ހުށަހެޅި އެއް ބަޔާނުގައި ބުނެފައިވަނީ އޭނާގެ ބޮލުގައި އިހުސާސެއް ކުރެވިފައިވާތީ ޓިއުމަރެއް އުފެދިފައިވާ ކަމުގެ ބިރު ގަތީކަމުގައެވެ.