ކައިވެންޏަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ކުރާނެ އެންމެ މުހިއްމު އެއް ކަމެވެ. އަދި ކައިވެނީގެ ގޮތުން ގުޅެން ހޮވާ ބައިވެރިޔަކީ އެމީހަކާ އެންމެ ވިސްނުން ދިމާވާ، އެކީގައި ދިރިއުޅެން އެންމެ އެކަށީގެންވާ މީހާތޯ ކައިވެނީގެ ކުރިން ބެލުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ. ނޫންނަމަ މާ ގިނަ ދުވަސްތަކެއްނުވެ ކައިވެނީގެ ގޮށް މޮހާލަން ޖެހޭ ހިސާބަށް ގޮސްދާނެއެވެ.

ތިރީގައި މި ބަލައިލަނީ، ކައިވެނީގެ ކުރިން ދެމީހުންގެ މެދުގައި ކޮންމެހެން ވެސް މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކަށެވެ. މިއީ ކައިވެނި ގިނަ ދުވަސްތަކަކަށް ދެމެހެއްޓުމަށް އެޅޭ ފިޔަވަޅެކެވެ.

1. އާއިލާ ބިނާކުރުން

އިނދެގެން ދަރިން ހޯދައި އާއިލާއެއް ބިނާ ކުރުމަކީ ކައިވެނީގެ މައިގަނޑު ބޭނުމެވެ. ނަމަވެސް ތިބާ އިންނަން ތިއުޅޭ މީހާ ދަރިން ހޯދުމާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ ބަލަން ވާނެއެވެ. ސަބަބަކީ، އެއްބައި މީހުންނަކީ ވަކި އުމުރެއްގައި ނޫނީ ދަރިން ހޯދަން ބޭނުންނުވާ މީހުންނެވެ. ނުވަތަ ކައިވެނީގެ ފުރަތަމަކޮޅު ދަރިން ހޯދަން ބޭނުންވާ މީހުންވެސް އުޅެއެވެ. މީގެ އިތުރުން، ހޯދާނެ ދަރިންގެ އަދަދާމެދު ވެސް ކުރީބައިގައ ދެމީހުން ވެގެން އެއްބަސްވުމަކަށް އަންނަން ވާނެއެވެ.

2. މާލީ ތަނަވަސްކަން

މާލީ ތަނަވަސްކަމާ ބެހޭގޮތުން އެކަކު އަނެކަކަށް އޮޅުވައި ނުލައްޗެވެ. އަދި މިއީ ކައިވެނީގެ ކުރިން ކިޔައިދޭން ޖެހޭ ވާހަކަތަކެވެ. ޙާއްސަކޮށް ފިރިހެން މީހާއަކީ އިންނަން އުޅޭ އަންހެން ކުއްޖާ ބެލެހެއްޓޭނެ ފެންވަރުގެ މީހެއްތޯ ނުވަތަ ނޫންތޯ ބުނެދޭން ވާނެއެވެ. ހަމައެހެންމެ، އިނދެގެން ފައިސާ ޚަރަދު ކުރާނެ ގޮތާ އެއްޗެހިވެސް އެކަކު އަނެކަކަށް ކިޔައިދޭން ވާނެއެވެ. އޭރުން އިނުމަށްފަހު ފައިސާއާ ބެހޭގޮތުން ޖައްސާނެ މައްސަލައެއް ނޯންނާނެއެވެ.

3. ލަނޑުދަނޑިތައް

ކުރިއަށް ދާން ބޭނުންވާ ދާއިރާއާއި، ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް އެކަކު އަނެކަކަށް ކިޔައިދޭން ވާނެއެވެ. އޭރުން ކައިވެނީގެ ފަހުން ބައިވެރިޔާ އެކަންކަމަށް ހުރަސް އެޅުމުގެ ފުރުސަތު ކުޑަވާނެއެވެ. 

4. އެހެނިހެން ސިއްރުތައް

ތިމާއާ ބެހޭ މުހިއްމު ވާހަކައެއް ބައިވެރިޔާއަށް ނޭނގި އޮއްވައި ކައިވެނިކޮށް، މާފަހުން އެކަންތައް އެނގިއްޖެނަމަ ބައިވެރިޔާ ހިތްހަމަނުޖެހި ފޫހިވެދާނެ ހެން ހީވާ ކަހަލަ ވާހަކައެއް ނަމަ ކުރީބައިގައި ބުނަން ވާނެއެވެ. ބައެއް ކަންތައްތަކަކީ ފޮރުވަން ނުޖެހޭ ކަންތައްތަކެވެ.