ދަރިފުޅާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ޙާއްސަ ގުޅުމެކެވެ. އަދި ދަރިން ބަލައި ބޮޑުކުރުމުގައި އެކި މީހުން ގެންގުޅެނީ އެކި އުކުޅުތަކެވެ. އެގޮތުން، އެއްބައި މީހުން ދެކޭ ގޮތުގައި، ހަރުކަށިކަމާއެކު ޤަވާއިދުތައް ގެންގުޅެގެން ބޮޑުކުރާ ކުދިން މާ އަޙުލާޤު ރަނގަޅުވެފައި ބަސްއަހާނެއެވެ. އެހެންނަމަވެސް، ގިނަ މީހުން ޤަބޫލު ކުރާގޮތުގައި، އެންމެ ހެޔޮގޮތުގައި ދަރިފުޅަށް ތަރުބިއްޔަތުދީގެން ބޮޑުކުރެވޭނީ، އެކުއްޖާގެ އެންމެ ގާތް އެކުވެރިޔާއަށް ވެސް ވެގެންނެވެ. 

އެހެންކަމުން، ތިރީގައި މި ފާހަގަކޮށްލަނީ، ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާއަށް ވެވިދާނެ ގޮތްތަކެވެ.

1. އަބަދުވެސް ދަރިފުޅަށްޓަކައި ހުރުން

ކުއްޖާ ސްކޫލުން ގެއަށް އަންނަ ގޮތަށް އެންމެ ބޭނުންވާނީ، އެދުވަހު ހިނގައިދިޔަ ކަންތައްތައް ހިއްސާކުރާނެ މީހެކެވެ. އެހެންކަމުން، އެފަދަ މީހަކަށް ވެގެން، ދަރިފުޅު ދައްކާ ވާހަކަ އަބަދުވެސް އަޑު އަހާށެވެ. މިގޮތުގެ މަތިން ދަރިފުޅުގެ އިތުބާރު ހޯދައި، ދަރިފުޅާ ވަރަށް ގާތް ގުޅުމެއް އުފެއްދޭނެއެވެ. އެއާއެކު، ދަރިފުޅަށް ދިމާވާ އިތުރު ކަންތައްތައް ވެސް މަޑުމަޑުން ހިއްސާކުރަން ފަށާނެއެވެ. 

2. ދަރިފުޅަށް ވަގުތު ދިނުން

އެއްބައި މައިންބަފައިންނަކީ މަސައްކަތުގެ މާހައުލުގައި ވަރަށް ބުރަކޮށް އުޅޭ މީހުންނެވެ. ނަމަވެސް، އެފަދަ މީހުން ވެސް ބަލަން ވާނީ ދުވަހުގެ ކޮންމެވެސް ވަގުތެއް ދަރިފުޅާއެކު ހޭދަކުރުމަށެވެ. އެގޮތުން ދަރިފުޅާއެކީ ހޭދަކުރާ ވަގުތުގައި ކުރެވިދާނެ ބައިވަރު ކަންތައްތައް ހުންނާނެއެވެ. މިސާލަކަށް، ކުއްޖާ އެންމެ ބަލާ ހިތްވާ ކާޓޫނު ނުވަތަ ފިލްމު އޭނާއާ އެކީ ބަލާލެވިދާނެއެވެ. ނޫންނަމަ، އެކީގައި އެއްޗެއް ކައްކާލައި، ނުވަތަ ބޭރަށް ކާންވެސް ދެވިދާނެއެވެ. އެންމެ މަދުވެގެން، ހަފްތާއަކު ތިން ފަހަރު މިފަދަ ވަގުތުކޮޅެއް ދަރިފުޅާއެކީ ހޭދަކޮށްލުމަށް ތަޖުރިބާކާރުން ލަފާދެއެވެ. 

3. ޤަވާއިދުތައް ގިނަ ނުކުރުން

ޙަޤީޤަތަކީ، ކޮންމެ ބެލެނިވެރިއެއް ވެސް ބޭނުންވާނީ އެމީހެއްގެ ދަރިފުޅު ރަނގަޅު މަގުން ދިޔުމަށެވެ. އެހެންނަމަވެސް، އެގޮތަށް ވިސްނައިގެން ދަރިފުޅަށް މާ ގިނަ ޤަވާއިދުތައް ކަނޑަނާޅާށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، "އޯވާޕްރޮޓެކްޓިވް" މައިންބަފައިންގެ ކައިރީގައި ބޮޑުވާ ކުދިން ދޮގު ހެދުމާއި، ސިއްރުން ކަންތައްތައް ކުރުމުގެ ފުރުސަތު އެހެން ކުދިންނަށްވުރެ ބޮޑެވެ. ރަނގަޅު ގޮތަކީ، ހެވާ ނުބައި އެންމެ ކުޑައިރުން ފެށިގެން ދަރިފުޅަށް ކިޔައިދޭން ފެށުމެވެ. އަދި އެވެނި ކަމެއް ނުކުރަންވީ ކީއްވެގެންކަން، ކުއްޖާއަށް ވިސްނޭނެހެން، އޯގާތެރިކަމާއެކު ކިޔައިދިނުމެވެ. ހަރުކަށިކަން އިސްކުރުމަކީ ނުބައި ފާލެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. 

4. ދަރިފުޅުގެ ނިންމުންތަކަށް އިޙްތިރާމު ކުރުން

އެއްބައި ކުދިން ބޮޑުވަމުން އަންނައިރު، ލާނެ ހެދުމުން ފެށިގެން ބޮޑުވެގެން އަދާކުރާނެ ވަޒީފާއާ ހަމައަށް އެކުދިންގެ މައިންބަފައިން އޮންނަނީ ނިންމައިފައެވެ. އެހެންނަމަވެސް، އެގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި، ދަރިފުޅު ނިންމާ ނިންމުތަކަށް ވެސް އިޙްރިތާމު ކުރަން ވާނެއެވެ. 

5. ދަރިފުޅަށް އަމިއްލަ ވަގުތު ދިނުން

ކޮންމެ އުމުރެއްގެ ކުއްޖެއް ވިޔަސް، އެކަނި ވަގުތު ހޭދަކުރުމަކީ ކޮންމެވެސް ހިސާބަކުން ބޭނުންވާނެ ކަމެކެވެ. އެހެންކަމުން، އެކުދިންނަށް އެ ވަގުތު ދީފައި، އަމިއްލަ ދުނިޔެއަށް ދޫކޮށްލުން ބުއްދިވެރި ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އޭރުން ކުއްޖާގެ ޙިޔާލު ތަނަވަސްވެ، އަމިއްލަ ބައެއް މައްސަލަތައް ހައްލުކުރުމަށް އެކަނި ދަސްކުރާނެއެވެ. އެހެންނަމަވެސް، އެވަގުތުގައި ދަރިފުޅު ކުރަނީ ކީއްތޯ ދުރުދުރުން ބަލައިލުމަކީ ކުރެވިދާނެ ކަމެކެވެ