މަސައްކަތުގެ މާހައުލުގައި އެކުވެރިން ތިބުމަކީ އެތައް ގޮތަކުން ރަނގަޅު ކަމެކެވެ. އެއީ ބުރަ މަސައްކަތުގެ ސަބަބުން ކުރިމަތިވާ ބޯ ހާސްކަމާއި، ބޮސްގެ ފަރާތުން ކުރިމަތިވާ ފިއްތުންތަކުން ސަލާމަތް ކޮށްދޭން ބަޔަކު ތިބޭނެތީއެވެ. އަނެއްކޮޅުން، އެކަކު އަނެކަކުގެ ހަޔާތުގެ ވާހަކަތައް ހިއްސާކޮށް، އޮފީހުން ބޭރުގައި ވެސް ގާތްކަން ބޭއްވޭނެއެވެ.

ނަމަވެސް، އެހެން ތަންތަނެކޭ އެއްގޮތަށް، މަސައްކަތު މާހައުލުގައިވެސް ތަފާތު މިޒާޖުތަކުގެ މީހުން އުޅެއެވެ. އޭގެތެރެއިން ބައެއް މީހުންނަކީ، ގާތްކަން ބޭއްވުމަށްވުރެ ހަމައެކަނި މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކައިލަން ރަނގަޅު މީހުންނެވެ. ނުވަތަ، އެއްގޮތަކަށްވެސް ވާހަކަ ދެއްކުން އެކަށީގެން ނުވާ މީހުން ވެސް އުޅެދާނެއެވެ. މިފަހަރު މި ފާހަގަކޮށްލަނީ، އޮފީހުގައި އުޅޭއިރު ގާތްކަން ބޭއްވުން އެކަށީގެންނުވާ މީހުންނާއި، ވަކި ދުރުމިނެއް ބާއްވަންޖެހޭ މީހުންނެވެ.

1. އިންތިހާއަށް އަނގަގަދަ މީހުން

އޮފީހުގައި އުޅޭއިރު މަސައްކަތާ ނުގުޅޭ ވާހަކަ ދެއްކުމަކީ ބައެއް ފަހަރު ކޮށްލަން ރަނގަޅު، ފައިދާހުރި ކަމެކެވެ. ނަމަވެސް ބައެއް މީހުންނަކީ، ވާހަކައެއް ފައްޓާ ގޮތަށް ހުއްޓައިލަން ނޭނގޭ މީހުންނެވެ. އެފަދަ މީހުންނާ ހެދި އެހެން އެންމެންގެ ވަގުތު ބޭކާރުވެގެން ގޮސް، އެދުވަހެއްގައި ނިންމަންޖެހޭ މަސައްކަތަކަށް ވެސް ބުރޫއަރައި، ގަޑިއަށް ނުނިންމޭތަން އަންނާނެއެވެ. އެއީ މަސައްކަތަށް ފަރުވާކުޑަ މީހުންގެ މިޒާޖެވެ. އެހެންކަމުން، އޮފީހުގައި އުޅޭ އަނގަގަދަ މީހުންނާ ދުރުގައި އުޅުމުން، މަސައްކަތް ނިންމޭލެއް އަވަސް ވާނެއެވެ. 

2. ހުރިހާ ކަމެއް ވެސް "އެނގޭ" މީހުން

މިކަހަލަ މީހުން ދެކޭނީ، އޮފީހުގައި ދެން އުޅޭ އެންމެންނަކީ ވަރަށް "ދަށް" ބައެއްގެ ގޮތުގައެވެ. އެގޮތުން، ކޮންމެ ކަމެއްގައި ވެސް ބަސްބުނެ، ހުރިހާ ކަމެއް އެނގޭ މީހާއަށް ވެގެން އުޅޭނެއެވެ. މިފަދަ މީހެއްގެ ހާޒިރުގައި ހިޔާލު ފާޅުކުރަން އެހެން މީހުން ޖެހިލުންވާނެއެވެ. އެހެންކަމުން، މިކަހަލަ މީހުންނާ ދުރުގައި އުޅުން މާ ރަނގަޅު ވާނެއެވެ.

3. ނެތިމޮށޭ މީހުން

މޫނުމަތީގައި މާ ރަނގަޅު ކަމަށް ހެދިފައި، ތިބާ ހަމަ ފުރަގަސްދޭން ވާއިރަށް ދެންތިބި މީހުންގެ ކައިރީގައި ތިބާގެ ގޯސް ވާހަކަ ދައްކާ މީހުންނާ އެއްގޮތަކަށްވެސް ގާތްކަން ނުބާއްވައްޗެވެ. މިކަހަލަ މީހެއް އޮފީހުގައި އުޅޭ އެންމެންގެ ނެތިމޮށޭނެއެވެ. އެހެންކަމުން، މިފަދަ މީހުންނަށް ތިބާގެ އެއްވެސް ސިއްރެއް ހިއްސާކޮށްގެން ނުވާނެއެވެ. ނޫންނަމަ، މާ ގިނަ ދުވަސްތަކެއްނުވެ މުޅި އޮފީހުގައި އެވާހަކަ ފަތުރައިލާނެއެވެ.

4. އަގުވައްޓަން އުޅޭ މީހުން

މިއީ އެހެން މީހުންގެ ކާމިޔާބީއާ ދޭތެރޭ ހަސަދަވެރިވާ މީހުންނެވެ. އެމީހުން ބަލާނީ، ލިބޭ ކޮންމެ ފުރުސަތެއްގައި ތިބާގެ އަގު ވައްޓައިލެވޭތޯއެވެ. އަދި ތިބާއަށް އޮޅިގެން ގޯސްކޮށް ކަމެއް ކުރެވުނަސް، އެކަން ވަރަށް ބޮޑު ކަމަކަށް ހަދާލައިގެން ވާހަކަ ދައްކާނެއެވެ. ހަމައެހެންމެ، އޮފީހުގެ އިސްވެރިންގެ ކުރިމަތީގައި ވެސް ތިބާގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދައްކާނެއެވެ.