ވަގުތަށް ކަމޭހިތުމަކީ މިއަދު ދިވެހިންގެ ތެރޭގައި ނެތެމުންދާ އާދައެކޭ ބުނެވިދާނެއެވެ. ވަގުތަށް ކަމޭނުހިތުމަކީ އަމުދަކުން މާ މޮޅު ކަމެއް ކަމުގައި ދެކި، އެކަމުގެ މައްޗަށް ފަހުރުވެރިވާ މީހުންވެސް މިއަދު އަހަރެމެންގެ ތެރޭގައި އެބަ އުޅެއެވެ. ވަގުތަކީ ހަމަ ކޮންމެ މީހަކަށްވެސް މުހިއްމު އެއްޗެކެވެ. ވަގުތުގެ އަގަކީ ފަގީރަކަށްވިޔަސް މުއްސަނދި ސާދާގަރަކަށްވިޔަސް ހަމަ އެއް އަގެކެވެ. ވަގުތުކީ ފަގީރަކަށް ވިޔަސް މުއްސަނދި ސާދާގަރަކަށްވިޔަސް އެއްވަރަކަށް އޭގެ މުހިއްމުކަން ބޮޑު އެއްޗެކެވެ.

ކަންމިހެން ހުރުމާއި އެކު، ވަގުތަށް ކަމޭހިތުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ވާޖިބެކެވެ. ތިމާގެ ދަރަޖަ، ތިމާގެ ހައިބަތު، ތިމާގެ މަގާމާއި ތިމާގެ ނަސަބަކީ ވަގުތަށް ކަމޭހިތުމުގައި ރިޢާޔަތްކުރާ ކަންކަމެއް ނޫނެވެ. މުއްސަނދި ސާދާގަރަށް ވަގުތު މުހިއްމު ވީ ފަދައިން ދެރަ ނިކަމެތިމީހާއަށްވެސް އެވަގުތުކޮޅު ހަމަ އެހާ މުހިއްމު ވެދެއެވެ. ވަގުތަށް ކަމޭހިތުމަކީ ވަކި ބަޔަކަށް އޮތް ވާޖިބެއް ނޫނެވެ. އެއީ އެންމެނަށް ހަމަހަމަކޮށް އޮތް ވާޖިބެކެވެ.

ބައެއް ކަހަލަ ސައްލާތަކުގައި އިސްބޭބޭފުޅުން ދުރުވާނީ ވަގުތު ފާއިތުވާ ފަހުންނެވެ. މާ ފަހުންނެވެ. އެ ސައްލާތަކަށް ޖަމާވާ އާދައިގެ މީހުން ގަޑިއަށް ފަރުވާތެރިވިޔަސް ވެރިންނާ އިސްފަރާތްތަކުގެ ފަރުވާތެރިކަމެއް އެ ވަގުތުތަކަކަށް ނުބަހައްޓައެވެ. ވެރިޔާ އަބަދުވެސް އަންނާނީ ލަހުންނެވެ. ގަޑިއަށްވުރެ ލަހުންނެވެ. ހީވާ ކަހަލައެވެ. ވެރިންނާ އިސްފަރާތްތަކަކީ ވަގުތައް ކަމޭހިތުން ނެތް ބައެއް ކަހަލައެވެ.

އާދައިގެ ދެރަ ރައްޔިތަކު ކަމަކަށް އެދި ތަނަކު ދަންނަވާނަމަ، ދުރާލާ ކުރިޔާލާ އަންގަން އެބަ ނަސޭހަތްތެރި ވެއެވެ. ވަގުތު ކުޑަތަން ވެފައި އޮތަތީ އެކަމެއް ނުކޮށްދެވޭނޭ ކަމަށަވެސް އެބަ އަންގައެވެ. ހަގީގަތަކީ އެއީ އާދައިގެ ދެރަ ރައްޔިތެއް ކަމުގައި ވީތީއެވެ. މާތުރަ ވެރިންނާ ބޮޑުން، އެމީހުންގެ ކަމަކު އެމީހުންގެ ދަށުގައި ތިބޭ މީހުނަށް ވަގުތު ކުޑަތަން ކޮށްފައި ކަމަކު ކިޔަސް މި ޖެހެނީ ކޮށްދޭށެވެ. ވަގުތުގައި ތަނެއް ނެތަސް، ހޯދައިގެން މި ޖެހެނީ ކޮށްދޭށެވެ.

އެނގޭހެއްޔެވެ! މިއީ އަދި ދުނިޔެއެވެ. އާރަކާއި ބާރެއް މިއަދު އޮތަތީ ވަގުތަކީ ތިމާ އެއަށް އިހްތިރާމް ކުރަން ޖެހޭ އެއްޗެއް ކަމުގައި ނުދެކެވިދާނެއެވެ! އެހެނަސް ވަގުތުގެ ބޭނުން ތިމާ ހިފަން ޖެހޭ ހަމަ ސިކުންތެއް އަޔަސް އެކަން ތިމާއަށް އިހުސާސް ކުރަން ޖެހޭނެއެވެ. އެހެންކަމުން ވަގުތަށް ކަމޭހިތުމަކީ ދެރަ މީހާވެސް މޮޅު މީހާވެސް ކުރަން ޖެހޭނެ ކަމެކެވެ. 

ވަގުތު ބުނެދެނީ ޒަމާނެވެ! ޒަމާން ބުނެދެނީ އަބަދު އެއްގޮތަކަށް ކަންކަން ނުވާނެ ކަމެވެ. މިއަދި ތިބާ އަކީ އާރާ ބާރުގައި ހުރި މަގުބޫލު މީހެއް ކަމުގައި ވެދާނެއެވެ. ނަމަވެސް ވަގުތުގެ ސަބަބުން މާދަމާ ތިބާއީ ދެރަ ނިކަމެއްޗެއް ކަމުގައި ވެދާނެއެވެ. މިއަދު ދެރަ ހާލެއްގައި ތިބާ އުޅުނެއް ކަމަކު، ވަގުތުގެ ސަބަބަބުން މާދަމާ ތިބާއީ އާރާ ބާރު ހުރި ވެރިއެއް ކަމުގައި ވެދާނެއެވެ. އެހެންކަމުން ވަގުތަކީ ކޮންމެ ފަންތިއެއްގެ ކޮންމެ ގިންތިއެއްގެ މީހަކަށްވިޔަސް އިހްތިރާމް ކުރަން ޖެހޭނެ އެއްޗެކެވެ. ވަގުތަކީ ނުހަނު އަގުބޮޑު އެއްޗެކެވެ. ވަގުތައް ކަމޭހިތާށެވެ. މީހުން ކައިރި ކަންކަމު ކިޔާއިރު، ވަގުތު އޮއްވާ ބުނާށެވެ. މީހާގެ ފެންވަރަކާ ވަގުތަކާ އަޅައެއް ނުކިޔޭނެއެވެ. ވަގުތަކީ ހަމަހަމަ، އަދުލުވެރި ނިޔާއެއް އިއްވާ އިންސާފުވެރި ހާކިމެކެވެ.