ދިވެހިރާއްޖޭގެ މާދަރީބަހަކީ ދިވެހިބަހެވެ. މުއްސަނދި ތާރީޚެއް ލިބިފައިވި ބަހެކެވެ. ދިވެހި ބަހާއިމެދު އަހަރުމެން ދިވެހީން ފަޚުރުވެރިވަމުއެވެ. އެހެންނަމަވެސް ހިތާމައަކީ، ބޮޑެތިވަމުން އަންނަ ކުދިން، މިހާރުގެ ތުއްތު ތުއްތު ކުދިން ދިވެހިބަސް މަތިން ފޫހިވެ، ދިވެހިބަހަށް ދޭންޖެހޭ އަހައްމިއްޔަތުކަން އެހެން ބަސްބަހަށް، ޚާއްޞަކޮށް އިނގިރޭސިބަހަށް ދެވޭ ތަން ފެނުމެވެ. ދޭދޭ ކުދިން ކުޅެން އުޅޭއިރު އާއި މަގުމަތީ ހިނގާފައި ދާއިރު ފެންފަދައިން އިނގިރޭސި ބަހުން ވާހަކަ ދައްކަމުންދަނީއެވެ. ބައެއް ބަސް ދިވެހިން ބުނީމާ، އެއީ ކޮން އެއްޗެއްކަން ނޭނގި، އިނގިރޭސިން ބުނީމާ އެކުދިންނަށް އެއީ ކޮން އެއްޗެއްކަން އެނގޭ ދަރަޖައަށް ދިވެހިބަސްމިވަނީ އެކުދިންގެ މެދުގައި ވަޅުލެވިފައެވެ. މިއީ ނުރައްކާތެރިކަމުގެ ރަނގަބީލެކެވެ. ކަންބޮޑުވާންޖެހޭ ކަމެކެވެ. 

އުމުރުން ނުވަ އަހަރުގެ ދަރިފުޅު ސުކޫލުން ގެޔަށް އައިސް ދެން ސުކޫލަށް ނުދާން ބޮޑާ ހާކަން ފެށީމާ ވެގެން އުޅޭގޮތް އޮޅުން ފިލުވައިލީމެވެ. ދަރިފުޅުގެ ޖަވާބަކަށްވީ ކުލާހުގެ ހުރިހާ ކުދިން އިނގިރޭސިން ވާހަކަ ދައްކާއިރު އެ ދަރިފުޅު ދިވެހިން ވާހަކަ ދައްކާތީ ބާކީ ކުރާ ކަމުގެ ޝަކުވާއެވެ. އިނގިރޭސިން ވާހަކަ ނުދައްކާތީ ކުލާހުން ރައްޓެއްސެއް ނުލިބޭތީ އެކަމުގެ ޝަކުވާއެވެ. މިއީ އަޅުގަނޑަށް މިދިޔަ އަހަރު ތަޖުރިބާ ކުރަން ޖެހުނު ކަމެކެވެ. ކުޑަކުދިން ގިނަ ވަގުތު ސުކޫލުގައާއި ޓިއުޝަންގައި ހޭދަކުރާއިރު ރައްޓެހިން ލިބެނީވެސް ނުވަތަ ހޯދަނީވެސް އެފަދަ މާހައުލުން ކަމަށްވާއިރު، މިފަދަ ގޮތަކަށް މާހައުލު ބައްޓަންވެފައި އޮންނަނަމަ، ކުދިން ރައްޓެހިން ހޯދުމަށްވެސް ދިވެހި ބަސް ދޫކޮށް އިނގިރޭސިބަހަށް ދިޔުމަށް މިވަނީ ގާތްގަނޑަކަށް މަޖުބޫރުވެފައެވެ.

ކުޑަކުދިންނަކީ ގިނަ ވަގުތު ހޭދަކުރާ މާހައުލުތަކުން ފެންނަ ކަންކަމާއި އިވޭ އަޑުތައް ނަކަލުކުރާ ކުދިންނެވެ. އެހެންކަމުން ގޭތެރެއިން އެކުދިންނާއި ވާހަކަ ދައްކާއިރު ގިނައިން އިނގިރޭސި ބަސް ބޭނުންކުރާނަމަ، ކުދިން ދިވެހިބަސް މަތިން ފޫހިވެ، ގިނައިން އިނގިރޭސި ބަސް ބޭނުން ކުރަން ފެށެއެވެ. ޚާއްޞަކޮށް މައިންބަފައިން ކުދިންނާ މުޢާމަލާތުކުރާއިރު އަބަދު ދިވެހިބަހުން ވާހަކަ ދައްކާނަމަ، ކުދިންވެސް އެގޮތަށް ހޭނޭނެއެވެ. ހަމަ އެކަނި ވާހަކަ ދެއްކުމަކުން ނުފުދެއެވެ. ކުދިން އިނގިރޭސި ބަސްބަސް ބޭނުންކުރާނަމަ، އެބަސްބަހުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ބަސް ކިޔައިދޭން ޖެހެއެވެ. މާދަރީބަސް އުނގެނި ދަސްކުރުމުގެ މުހިންމުކަން އަބަދުމެ ހަނދާންކޮށްދޭން ޖެހެއެވެ.

މިހާރަކަށް އައިސް ޓީވީ ތަކުންނާއި ރޭޑިއޯއިންވެސް ދިވެހި ލަފުޒުތަކުގެ ބަދަލުގައި އިނގިރޭސި ބަސް ވަރަށް ގިނައިން ބޭނުންކުރާތީ ފެނެއެވެ. އެގޮތުން، ލިޔުންތައް ފެންނަހެން އަރުވާއިރު ދިވެހިބަހުގައި އޮންނަ ބަސް ބަހަށްވެސް ނުވަތަ ލަފުޒުތަކަށްވެސް އިނގިރޭސި ބަސް ބޭނުންކުރުމުގެ ނަތީޖާއަކަށްވަނީ ކުދިންނަށް އެއީ ރަނގަޅު ގޮތްކަމުގައި ވިސްނުމެވެ. އެގޮތަށް ކުދިންނަށް ދަސްވެގެން ދިޔުމެވެ. އެންމެފަހުން އެގޮތަށް ކުދިން ހޭނިގެން ދިޔުމެވެ.

ކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސޭނީ ހަމައެކަނި ސުކޫލަކުން ނޫނެވެ. އަދި ސުކޫލުގައި ދިވެހިބަސް ނުވަތަ ޤައުމިއްޔަތު މާއްދާއެއް ކިޔަވައިދިނުމަކުންވެސް ނޫނެވެ. ހުރިހާ ހިސާބަކުންވެސް ބަދަލެއް މިހާރުން މިހާރަށް އަންނަން ޖެހެއެވެ. މައިންބަފައިން ދިވެހިބަހަށް ހިތްޖެހިގެން މެނުވީ ދަރިން ދިވެހި ބަހަށް ހިތް ޖެއްސޭނީ ކިހިނެއް ހެއްޔެވެ؟ މައިންބަފައިން ދިވެހި ބަހުން ވާހަކަ ނުދައްކާ ދަރިން ދިވެހި ބަހުން ވާހަކަ ދައްކާނެކަމަށް އުއްމީދު ކުރުމަކީ ބޭކާރުކަމެކެވެ. އަދި ދަޢުލަތުގެ ހުރިހާ ހިސާބަކުން ދިވެހި ބަހަކުން އިސްކަންދެވި، ރަނގަޅު ގޮތުގައި ދިވެހިބަސް ބޭނުންކުރަން އެބަ ޖެހެއެވެ. ސުކޫލުތަކުގައިވެސް ކުދިން ދިވެހި ބަހަށް ލޯބި ޖެއްސޭނޭ ގޮތްތަކެއް ހޯދައި އެކަންކަން ކުރަން މިވަނީ ޖެހިފައެވެ. އެހެން ނޫންނަމަ، މުސްތަޤުބަލުގައި ދިވެހިބަސް އަހަރުމެންގެ ދެވަނަ ބަހަކަށް ވެގެން ދިޔުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.