އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޓީވީ ތަރި، އަދި ބިލިއަނަރު ކިމް ކާޑޭޝިއަންގެ އަމިއްލަ ޖެޓެއް އޮންނަކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ކިމް ވަނީ ހޫލޫ އިން ދައްކާ "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް"ގައި އޭނާގެ ޕްރައިވެޓުު ޖެޓުގެ ޓުއާއެއް ބެލުންތެރިންނަށް ދައްކާލައިފައެވެ.

"ކިމް އެއާ"ގެ ނަން ދީފައިވާ އެ ޖެޓަކީގެ ގަލްފްސްޓްރީމް ޖެޓެކެވެ. ކިމް ވަނީ އެ ޖެޓު އޭނާ ބޭނުންވާ ގޮތަށް މޮޑިފައި ކޮށްފައެވެ. އޭގެ އިންޓީރިއާގެ ބޮޑުބައެއް ހަދާފައި ވަނީ ކެޝްމިއަރ މެޓީރިއަލުންނެވެ. ކެޝްމިއަރ އަކީ ކަޝްމީރު ބަކަރީގެ، ވަރަށް މަޑު ހިމަ ކެހެރިއެކެވެ. މިއީ ހޯދަން އުނދަގޫ، ވަރަށް އަގުބޮޑު އެއްޗެކެވެ. 

ކިމް ބުނީ އަމިއްލަ ޖެޓެއް މިލްކުކުރުމުގެ ހުވަފެނަކީ ދުވަހަކުވެސް ދެކިފައިނުވާ ހުވަފެނެއް ކަމަށެވެ. ނަމަވެސް އެކަން ކުރެވޭހާ ތަނަވަސްކަން ލިބުމުން ކިމް ބޭނުންވީ، އޭނާ ދަތުރު ކުރަން ބޭނުންކުރާ މަތިންދާބޯޓަކީ، އޭނާ ދިރިއުޅޭ ގޭގެ އެއްބައި ކަމަށް ދެކޭށެވެ. އެ ބޯޓު އޭނާ ބޭނުންވާ ގޮތަށް މޮޑިފައި ކުރި ސަބަބަކީ އެއީ ކަމަށް ބުންޏެވެ. "އާންމުކޮށް މަތިންބޯޓުތައް ހުންނަނީ ގަދަ ކުލައެއްގަ، މަޑު ލެދާއެއް ބޭނުންކޮށްފަ. އެކަމަކު އަހަރެންގެ މަތިންދާބޯޓު މިހުރީ އަހަރެން ބޭނުންވިހެން ހުސް މަޑު ކުލައިން" ، ކިމް ބުންޏެވެ.

އެ ބޯޓުގެ ކޮންމެ ސީޓެއްގައި ފޯނު ޗާޖު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކުރިމަތީގައާއި ފަހަތުގައި ޖުމްލަ ދެ ފާހާނާ ހުރެއެވެ. އަދި ބޯޓު ތެރޭގައި ބޫޓާއި ފައިވާނަށް އެރުން މަނާކޮށްފައި އޮތް އިރު، ހަމައެކަނި އެރޭނީ ކިމްގެ ބްރޭންޑު ކަމަށްވާ "ސްކިމްސް"ގެ ފައިވާނަށް ކަމަށް ކިމް ބުނެއެވެ. 

ކިމް، 43، ގެ މިލްކިއްޔާތަކީ 1.7 ބިލިއަން ޑޮލަރު ކަމަށް ފޯބްސްގެ އަންދާޒާއިން ރިޕޯޓުކުރެއެވެ. ކިމްގެ ޕްރައިވެޓް ޖެޓް އޭނާ ގަތީ 2022 ވަނަ އަހަރު، 150 މިލިއަން ޑޮލަރަށެވެ.