ނަފްސާނީ މައްސަލަތައް، އަދި ވަކިން ޙާއްސަކޮށް ޑިޕްރެޝަންގެ ވާހަކަ މި ފަހަކުން ވަރަށް ގަދަޔަށް ދެކެވިގެން ދިޔައެވެ. ނަމަވެސް ދެތިން ދުވަސް ފަހުން އެ އަޑުތައް އަނެއްކާވެސް މަޑުވަމުން ގޮސް، މިހާރު އެވާހަކަ ފާޅުގައި ދައްކާނެ މީހަކު ނެތެވެ.
މިފަހަރު ކޮންމެހެން މި އުޅެނީ ނަފްސާނީ މައްސަލަތަކުގެ ވާހަކަ ދައްކާކަށް ނޫނެވެ. އޭގެ ބަދަލުގައި، ނަފްސާނީ ގޮތުން ބަލިކަށިވެފައި ހުރި މީހަކު، ނޭނގި ނަމަވެސް އެކަމުން އަރައިގަނެވެމުން ދާކަމުގެ ނިޝާންތައް ކިޔައިދޭށެވެ. މި ކަންތައްތައް ފެންނަ ނަމަ، އެއީ ރަނގަޅު ފާލެއް ކަމުގައި ބަލާށެވެ. އަދި އެ ކަންކަމުގައި ހިފައިގެން، ގަދަ ޢަޒުމަކާއެކު ކުރިއަށް ދާށެވެ.
1. ކަންކަމާ މެދު ރުޅިއާދެވޭލެއް ކުޑަވުން: ކުރިން ކިރިޔާވެސް ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން "އިރިޓޭޓް"ވެގެން އެކަމާމެދު ރުޅިއައިސް އުޅޭ މީހަކު ނޭނގި ނަމަވެސް ކަންކަމާމެދު ކެތްތެރިކަން އިސްކުރެވޭތަން އައުމަކީ، މީހާއަށް ނަފްސާނީ ގޮތުން އަންނަ ހެޔޮ ބަދަލެކެވެ.
2. ސާފުތާހިރުކަމަށް ފަރުވާ ދެވުން: އާންމުގޮތެއްގައި، ޑިޕްރެޝަންގެ ފުން އަނދަވަޅެއްގައި އުޅޭ މީހަކަށް، އަމިއްލަ ސާފުތާހިރުކަމަށް ވެސް ފަރުވާ ކުޑަކޮށްލެވެއެވެ. އެގޮތުން ފެންވެރުމާއި، އުޅޭތަން ސާފުކުރުން ފަދަ އެންމެ ޒަރޫރީ ކަންކަން ނުކުރެވި ދެއެވެ. ނަމަވެސް، މަޑުމަޑުން ސާފުތާހިރުކަމަށް ފަރުވާ ބެހެއްޓޭނަމަ އެއީ ރަނގަޅު ނިޝާނެކެވެ.
3. ކުރިން ނުކުރެވޭ ކަންކަން ކުރެވެން ފެށުން: ނަފްސާނީ ގޮތުން ބަލިކަށި އިރު، ކޮންމެ ދުވަހަކު ކުރަން ހުންނަ ޓާސްކުތައް ނުކޮށް ދޫކޮށްލެވިފައި ހުރެއެވެ. ގިނަ ފަހަރަށް ކިތައްމެ ކުޑަކުޑަ ކަމެއް ވެސް ހީވަނީ "ހަނގުރާމައެއް" ހެނެވެ. އެހެނަސް، އެގޮތަށް ނުކޮށް ދޫކޮށްލާފައި ހުންނަ ކަންކަން އަލުން ކުރެވެން ފެށުމަކީ ރަނގަޅު ނިޝާނެކެވެ.
4. ކެއުމަށް ފަރުވާ ބެހެއްޓުން: އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާއިރު، ކެއުން މަތިން ފޫހިވާތަން އާދެއެވެ. ބައެއް ފަހަރަށް ބަނޑުހައިކަން އިހުސާސް ވެސް ނުކުރެވެއެވެ. އެކަމަކު، މަޑުމަޑުން ބަނޑުހައި ކަން އިހުސާސްކުރެވި، ކާ ހިތް ވާން ފެށުމަކީ ހެޔޮ ބަދަލެކެވެ.
5. ހުސް ވަގުތުގެ ބޭނުން ހިފުން: ކުރިން ހުސް ވަގުތެއް ލިބިއްޖިއްޔާ ގޭގައި އެކަނި އޮންނަ ހިތް ވަނީއެވެ. ހިތްހަމަޖައްސައިލަން ކަމެއް ކުރާކަށް ހިތަކަށް ވެސް ނާރައެވެ. ނަމަވެސް، ފަހަކަށް އައިސް، ހުސް ވަގުތުތަކުގައި މީހުންނާ މުއާމަލާތްކޮށް، ހޮބީއެއްގެ ގޮތަށް ކޮންމެވެސް ކަމެއް ކުރާ ހިތް ވާކަން ފާހަގަވޭ ހެއްޔެވެ؟ މިއީ ވަރަށް ރަނގަޅު ނިޝާނެކެވެ. އަދި އެ ވަގުތުތަކުގެ ބޭނުން ރަނގަޅަށް ހިފަން ވާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން