އަބަދާއި އަބަދު ވަރުބަލިކަން އިހުސާސް ކުރެވުމަކީ، ދުވަހުން ދުވަހަށް ކުރަން ހުންނަ ކަންކަމަށް ބުރޫ އަރާ ކަމެކެވެ. މިގޮތަށް އަބަދު ވަރުބަލި ވެފައި ހުންނަ ހުރުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް ވާނެއެވެ.

މި ލިޔުމުގައި އަލިއަޅުވައިލަން މިއުޅެނީ، މާ ގިނައިން ވަރުބަލިވާން ދިމާވާ ބައެއް މައިގަނޑު ސަބަބުތަކަށެވެ. 

1) ނިދި ހަމަނުވުން: 

މިއީ ވަރުބަލިކަން އިހުސާސްވާ އެންމެ އާންމު އެއް ސަބަބެކެވެ. ރޭގަނޑުގެ ނިންޖަކީ މީހާގެ ސިކުނޑިއަށާއި ހަށިގަނޑަށް މުހިންމު ކާނާއެއް ފަދަ އެއްޗެކެވެ. ނިދިން މަހުރޫމު ވުމަކީ، ދެން ހުންނަ ކަންކަން ކުރުމަށް އެޅޭ ހުރަހެކެވެ. އެހެންކަމުން، ކޮންމެ ރެއަކުވެސް މަދުވެގެން 8 ގަޑިއިރުގެ ނިދި ލިބޭތޯ ބަލަން ވާނެއެވެ. 

2) ހަށިގަނޑަށް ބޭނުންވާ ބައެއް މާއްދާތައް ނުލިބުން:

ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ކަމަށްވާ އަޔަން، ވިޓަމިން ބީ12 އަދި ވިޓަމިން ޑީ ނުލިބުމަކީ ހަށިގަނޑު ވަރުބަލިކޮށްލާ ކަމެކެވެ. ވުމާއެކު، މި މާއްދާތައް ބަރާބަރަށް ލިބޭކަން ކަށަވަރު ކުރަންވާނެއެވެ. 

3) ސްޓްރެސް:

ސްޓްރެސް އަކީ ކޮންމެ މީހަކުވެސް ކުރިމަތިލާ އެއްޗެކެވެ. އެކަމަކު މާ ގިނައިން ސްޓްރެސްވެ، އެކަން ބައްޔަކަށް ބަދަލުވާ ހިސާބަށް ދިޔުމުން، މީހާގެ ސިކުނޑިއަށް ބާރުބޮޑުވުމުގެ އިތުރުން ހަށިގަނޑުގައި ހުންނަ ހަކަތައަށް ވެސް އަސަރުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ވަރުބަލިކަން އިހުސާސްކުރެވި، ކުރަން ހުންނަ ކަންކަން ނުކުރެވޭ ތަން އާދެއެވެ. 

4) ސިއްޙީ މައްސަލައެއް:

ސިއްޙީ މައްސަލަތައް ކަމަށްވާ ޑިޕްރެޝަން، އެނީމިއާ އަދި ތައިރޮއިޑް ޑިސްއޯޑާ އަކީ މީހާގެ އެނާޖީ ލެވެލް ދަށްކޮށްލާ ކަންކަމެވެ. އެހެންކަމުން، ހަމަ ނިދި ލިބުނަސް މުޅި ދުވަހު ވަރުބަލި ވެފައި ހުންނަނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ފަސް ނުޖެހޭށެވެ. 

5) ބޭހުގެ އަސަރު:

ބައެއް ބޭސްތަކުގައި، އޭގެން ކުރާ ނޭދެވޭ އަސަރު ނުވަތަ "ސައިޑް އިފެކްޓްސް" ލިޔެފައި ހުރެއެވެ. މިހެން ހުންނަ އެންމެ އާންމު އެއް ސައިޑް އިފެކްޓް އަކީ "ފެޓީގް" އެވެ. ފެޓީގް އަކީ ވަރުބަލިކަމަށް އިނގިރޭސިން ކިޔާ ނަމެކެވެ. އެހެންކަމުން، ތި ބޭނުންކުރާ ބޭހަކުން ވެސް މީހާ އަބަދު ވަރުބަލިވެފައި ހުރެދާނެއެވެ. 

6) މަދުން ފެން ބުޔުން

ގިނައިން ފެން ބޯށޭ މީހުން ކިޔަނީ އަނގަ ފަރިތައަކަށް ނޫނެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ވަރަށް މުހިންމު ކަމެކެވެ. އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ނަމަ ކުރާ އަސަރުތަކުގެ ތެރޭގައި ވަރުބަލިކަން އިހުސާސް ކުރެވުން ހިމެނެއެވެ. 

7) ހެލިފެލިވެ ނޫޅުން

ހެލިފެލިވެ އުޅެން ޖެހޭ އުމުރުގައި އެކަން ކުރުމުގެ ބަދަލުގައި އަބަދު އޮށޯވެގެން ނުވަތަ އިށީނދެގެން އިނދެ ދުވަހުގެ ބޮޑުބައި ވޭތު ކޮށްލުމަކީ، މީހާ ކަންނެތް ކުރުވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ކަމެއް ކުރަން ޖެހޭ ފަހަރު، ވަރުބަލިކަން އިހުސާސް ކުރެވި އެކަމެއް އެންމެ ރަނގަޅު ގޮތުގައި ކުރުމަށް ހުރަސްއެޅެއެވެ.