ބުލީ ކުރުން، ނުވަތަ ދިވެހިން ބުނާނަމަ ހަނގާ ކުރުމަކީ މުޖުތަމަޢުގައި ވަރަށް އާންމު ކަމެކެވެ. ޚާއްސަކޮށް ސްކޫލުތަކުގެ ކުދިންގެ މެދުގައި މިކަން ފެންނަ މިންވަރު ވަރަށް ބޮޑެވެ. މިއީ ބެލެނިވެރިންގެ ކަންބޮޑުވުމަށް ވެފައި އޮތަސް، ރަނގަޅު ހައްލެއް ލިބިފައި ނުވާ މައްސަލައެކެވެ.

މި ލިޔުމުގައި މި އަލިއަޅުވައިލަނީ، ކުޑަކުދިން ބުލީންނަށް ވަނީ ކިހިނެއް ކަމާ މެދުގައެވެ. ބުލީ ކުރުމުގެ ފަހަތުގައި ވަރަށް ބައިވަރު ސަބަބުތައް ހުރެއެވެ. ވަކި ކުއްޖަކު ބުލީ ކުރަނީ މިހެންވެގެންނޭ ބުނަން ދަތި ވިޔަސް، ތިރީގައި މި ވާ ސަބަބުތަކުގެ ތެރެއިން ކޮންމެވެސް އެއް ސަބަބަކަށް ގިނަ ފަހަރު ފެތޭނެއެވެ. 

1. ގޭތެރެއިން ސަމާލުކަން ލިބޭ ވަރު މަދުވުން

ކުޑަކުދިން ބޮޑުވަމުން އަންނައިރު އެންމެ ބޭނުންވާ އެކައްޗަކީ އަޅާލުމާއި ސަމާލުކަމެވެ. ޚާއްސަކޮށް ގޭތެރެއިން މަންމައާއި ބައްޕަގެ ސަމާލުކަމެވެ. ނަމަވެސް ބައެއް ކުދިންނަށް މި ބޭނުން ފުރިހަމައެއް ނުވެއެވެ. މައިންބަފައިން ވަރިފަށަށް އަރާފައި ތިބޭ އާއިލާތަކުގައި ކުދިންނަށް ސަމާލުކަން ލިބޭ މިންވަރު ކުޑަކަން ދިރާސާތަކުން ދައްކައެވެ. ނަތީޖާއެއްގެ ގޮތުން ގޭތެރެއިން ނުލިބޭ ސަމާލުކަން ހޯދުމަށް ކުއްޖާ މި ދަނީ އެހެން ދިމަދިމާލަށެވެ. އަދި އެ ބޭނުން ފުރިހަމަކުރުމަށް، އެކި ގޮތް ގޮތް ޚިޔާރު ކުރެއެވެ. ބައެއް ހާލަތްތަކުގައި، ބުލީ ކުރުމަކީ ވެސް ބައެއް ކުދިން، އެހެން ކުދިންގެ ސަމާލުކަން ހޯދަން ކުރާ ކަމެކެވެ. 

2. ބާރުގަދަކަން ދެއްކުން

އެއްބައި ކުދިންނަކީ ވަރަށް ބޮޑަށް ބާރުވެރިކަން އިހުސާސްކުރަން ބޭނުންވާ ކުދިންނެވެ. އެގޮތުން އެހެން ކުދިންނަށްވުރެ ބާރުގަދަ އަދި އެންމެންގެ މެދުގައި ބަސް ވިކޭ ލީޑަރަކަށް ވާން ބޭނުންވެއެވެ. ބުލީ ކޮށްގެން އެހެން ކުދިން ދަށްކޮށްލައިގެން ބާރުގަދަކަން އިހުސާސްވާ ކުދިން މަދެއް ނޫނެވެ. ތިމާ އަކީ މުޅި ކްލާހުން، ނުވަތަ މުޅި ސްކޫލުން ވެސް އެހެން ކުދިން އެންމެ ބިރު ގަންނަ، "ބޮސް" އަށް ވާން ވެގެން ބައެއް ކުދިން ބުލީ ކުރާ ކަން ފާހަގަކުރެވެއެވެ. 

3. ނަކަލުކުރުން

ކުރިން އެހެން ކުއްޖެއް ނުވަތަ މީހެއްގެ ސަބަބުން ބުލީގެ ޝިކާރައަކަށް ވެފައި ހުންނަ ކުއްޖަކު، ފަހުން ބުލީ އަކަށް ވުމުގެ ފުރުސަތު ވެސް ކުޑައެއް ނޫނެވެ. ނުވަތަ ގޭތެރެއިންނާއި ކައިރި އެހެނިހެން މާހައުލުތަކުން ބުލީ ކުރާ މަންޒަރު ފެނިގެން، އެކަން ނަކަލު ކުރެވެން ފަށައެވެ. މިއަށް ކިޔަނީ "ދަ ޑޮމިނޯ އިފެކްޓް" އެވެ. ބުލީ ކުރުމަކީ ގިނަ ފަހަަރަށް ކޮންމެވެސް ތަނަކުން ފެނިގެން ނަކަލު ކުރާ ކަމެކެވެ. އަނެއްބައި ފަހަރަށް، ކުއްޖާގެ އެކުވެރި އެހެން ކުދިން ބުލީ ކުރާތީ، އެކުދިންގެ ގްރޫޕަށް ފިޓުވުމަށް ނުވަތަ އެކުދިންގެ މެދުގައި މަޤުބޫލު ކުއްޖަކަށް ވުމަށް ބުލީ ކުރަން ފަށައެވެ. 

4. އެއްބަނޑު އެއްބަފާ ކުދިންގެ ފަރާތުން

ބައެއް އާއިލާތަކުގައި، އެއްބަނޑު ކުދިންގެ މެދުގައި އޮންނަނީ ރުޅިވެރި ގުޅުމެކެވެ. ބޭބެ ނުވަތަ ދައްތަ، ހަގަށް ހުންނަ ކުއްޖާއާ ދިމާއަށް އެއްޗެހި ކިޔައި ދެރަކޮށްލައެވެ. ދެން އެކުއްޖާ އެކަން ދަސްކޮށްގެން ސްކޫލަށް ގޮސް އެހެން ކުދިންނާމެދު އެގޮތަށް އަމަލު ކުރާ ތަން ބައެއް ފަހަރު ފެނިގެންދެއެވެ. 

5. މީހުން މީހުންގެ ގޮތުގައި ބަލައިގަންނަން ނޭނގުން

ގިނަ ފަހަރަށް ބުލީ ކުރަނީ، ކުއްޖެއްގެ ހުންނަ ސިފައަކާ ގުޅިގެންނެވެ. މިކަން މިގޮތަށް ވަނީ، ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަން މައިންބަފައިން ބުނެދީފައި ނެތީމައެވެ. އަދި އެ ތަފާތުތައް ބަލައިގަނެ، ހުރިހާ ކުދިންނާ ގުޅިގެން އުޅެން ދަސްވެފައި ނެތީމައެވެ. 

 

މިކަން ހުއްޓުވާނީ ކިހިނެއް؟

ބުލީ ކުރުމުގެ މައްސަލައާ މެދު ސްކޫލުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް، އެންމެ ފުރަތަމަ ޒިންމާ އޮންނާނީ މައިންބަފައިންގެ އަތްމަތީގައެވެ. ތިމާގެ ދަރިފުޅު އުޅޭ ނޫޅޭ ގޮތް ބަލައި، ރަނގަޅު ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެ މައްޗަށް ލާޒިމް ކަމެކެވެ. އަދި ކުއްޖާއަށް ގޭތެރެއިން ދޭންޖެހޭ ލޯތްބާއި އަޅާލުން ދީ، ނުރަނގަޅު ސިފަތަކާ ދުރުކުރުމަށް ބާރުއަޅަން ވާނެއެވެ. ތިމާގެ ދަރި ތިމާއަށް ދޮންފުތު ވެފައި އޮންނަ މުޖުތަމަޢެއްގައި، ބުލީ ފަދަ މައްސަލަތައް ހައްލުކުރުން ވަރަށް އުނދަގޫ ވާނެއެވެ. ތިމާގެ ދަރި އަކަސް، ގޯސް ކަމެއް ކޮށްފިއްޔާ އެއީ ގޯސް ކަމެކެވެ. އަދި އެއާ ގުޅިގެން ދޭންޖެހޭ އަދަބު ވެސް ދޭން ވާނެއެވެ.