ކޮންމެ ކުލައަކީ އެކުލައަކުން އެތައް ވާހަކައެއް ބުނެދޭ ކުލައެކެވެ. އެތައް މާނައަކާއި އެތައް މަފްހޫމެއް އޭގައި އެކުލެވިގެންވާ ކުލައެކެވެ. އެގޮތުން ނޫކުލައަކީވެސް އެކުލައަކާއި ގުޅިގެން އެތައް ވާހަކައެއް ބުނެދޭ ކުލައެކެވެ.

ކޮންމެ ކުލައަކަށް ވަކި ހާއްސަ ވޭވްލެންތެއް ހުނައިރު، ނޫކުލައިގެ ވޭވްލެންތަކީ ގާތްގަނޑަކަށް 450 އާއި 495 ނެނޮމީޓަރެވެ. ނޫކުލައަކީ އަސާސީ ކުލަތަކުގެ ތެރޭގައު ހިމެނޭ ކުލައެކެވެ. ދުނިޔޭގެ އެއްމެ ބޮޑު ދެ ސަރަހައްދު ނުވަތަ ދެ ބައި ކަމުގައިވާ އުޑާއި ކަނޑު ރަމްޒުކޮށްދޭ ކުލައަކީ ނޫކުލައެވެ.

ނޫކުލައަކީ އެކުލައަކާއި އެކުވެގެން ނަފްސާނީ އެތައް ހަމަޖެހުމެއްވެސް ގެނުވައިދޭ ކުލައެކެވެ. އެގޮތުން ނަފްސާނީކަންތައްތަކާ ބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައު ނޫކުލަ އަކީ ހަމަހިމޭން ކަމާއި ފިނިކަން ރަމްޒުކޮށްދޭ ކުލައެކެވެ. ނޫކުލައަކީ އެކުލައެއްގެ ސަބަބުން ހަމަހިމޭންކަން ވެރިކުރުވާ އަދި ހަމަޖެހުންވެސް މެދުވެރި ކުރުވާ ކުލައެކެވެ. އެހެންކަމުން ހާސްކަމާއި ނުތަނަވަސްކަން ފިލުވާލުމަށް ނޫކުލައިގެ ބޭނުން ހިފިދާނެއެވެ. ހަމައެފަދައިން ނޫކުލަ އަކީ ބަރޯސާވުމުގެ އިތުބާރެއް ރަމްޒުކޮށްދޭ ކުލައެކެވެ.

ޝައުގުވެރިކަމާ ސަމާލުމަކީވެސް ނޫކުލަ ރަމްޒުކޮށްދޭ ކަންކަމެވެ. ނަފްސާނީ ދިރާސާވެރިން ދެކިލައްވާގޮތެއްގައި ނޫކުލަ އެތަނެއްގައި ވާނަމަ، އެމީހަކަށް އެމީހަކު ކުރާ މަސައްކަތަކަށް ސަމާލުކަންދީ އެ މަސައްކަތެއް ކުރުމުގެ ޝައުގުވެރިކަން އިތުރުވެއެވެ. 

ނޫ އުޑާއި ނޫ ކަނޑު ފެނި އެ ލިބޭ ހިތްހަމަ ޖެހުމާއި ހަމަޖެހުމާއި، އެ ނޫ ކަނޑާއި އެ ނޫ އުޑުން އެ ލިއްބައިދޭ ޝައުގުވެރިކާ ސަމާލުކަމަކީ އެކަންކަން ތަޖުރިބާ ކުރާ ފަރާތްތަކަށް އެނގި ޔަގީންވާނެ ކަމެކެވެ. ހަމަޖެހުމުގެ ނޭވާއެއް ލުމަށް ގިނަބަޔަކު އިހްތިޔާރު ކުރާ އެއް މަންޒިލަކީ އަތިރިމަތިތަކެވެ. މިއީ ނޫ އުޑާއި ނޫ ކަނޑުގެ އެ ނޫ ޖައްވުގެ ކުލަތައް ގިނަ މަންޒިލެކެވެ. ނޫކުލައިން މި ލިބޭ ނަފްސާނީ ބައެއް ކަހަލަ ހިތްހަމަ ޖެހުމަކީ އެކަކު އަނެކަކާވެސް ތަފާތުވެދާނެ ކަމެކެވެ. އެއް ބަޔަކު ނޫކުލައަށް އަމުދަކުން މާ ބޮޑު ޝައުގުވެރިކަމެއް ހުރެދާނެއެވެ. އެއީ އިންސާނީ ޠަބީއަތެވެ.