ދުނިޔޭގައި ރުފިޔާ ފައިސާ އަކީ ވަރަށްވެސް އަގުބޮޑު ރައުސުލްމާލެކެވެ. އެ އެއްޗަކަށް ހަމަ ކޮންމެ މީހަކުވެސް ބޭނުން ޖެހިފައިވާ އެއްޗެކެވެ. ފައިސާގެ ތަނަވަސްކަން ހޯދުމަކީ މި އިންސާނާ ލޯބި ކުރާ ކަމެކެވެ. ނަމަވެސް ހަގީގަތުގައި ފައިސާއަށް އޮންނަ ދަހިވެތިކަމަކީ ވަކި މިންވަރެއްގައި ގައިދުކުރަން ޖެހޭނެ ދަހިވެތި ކަމެކެވެ. އެ ދަހިވެތިކަމުގައި ހައްދުފަހަނަ އަޅާ ދިއުމެއް، އަދި އެ ދަހިވެތިކަން އެއްވެސް ވަރަކަށް ނެތުމަކީވެސް ގޯހެކެވެ. އިސްލާމް ދީނަކީވެސް މެދުމިނުގެ ދީނެކެވެ. 

މުއްސަނދި ކަމާއި ފަޤީރު ކަމަކީ އިންސާނާގެ އަޤީދާ ބަލިކަށިކޮށްލާ ކަމެކެވެ. އެހެންކަމުން މުދާވެރިކަމާ ފައިސާގެ ތަނަވަސްކަމުގައި އޮތީ މެދުމިނެއްގައި ހިފެހެއްޓުމެވެ. ފައިސާ އަކީ އެއްކޮށް ގިނަކޮށްގެން އެއަކުން ފައިދާއެއް ކުރާނޭ އެއްޗެއް ނޫނެވެ. ނަމަވެސް އެއްކޮށް ގިނަކުރި ވަރަކަށް އެއީ އެކަމުގެ ސަބަބުން ހަލާކާ ފަސާދައިގެ ތެރެއަށް އިންސާނާ ގެނބިގެން ހިނގައިދާނެ ކަމެކެވެ. ވުންވެސް ގާތީ އެގޮތެވެ. މުދާވެރިކަމާ ތަނަވަސްކަމުގައި ބޮޑާވި އިންސާނެއްގެ ވާހަކަ ކީރިތި ޤުރުއާނުގައިވެސް މާތް ﷲ ވަނީ ވަޚީ ކުރައްވާފައެވެ. އެއީ އަންނާން އޮތް ޖީލުތަކަށް އިބުރަތެއް ކަމުގައެވެ. އެއީ މޫސާގެފާނުގެ ޒަމާނުގައި އުޅުނު މުދާވެރި ޤާރޫނުގެ ވާހަކައެވެ. އެ މުދާވެރިކަމުގައި އެކަލޭގެ ބޮޑާވެރިވެ، ކިބުރުވެރި ވީހިނދު، ބިމުގެ އަޑިއަށް އެކަލޭގެ ގަންބުވައިގަތެވެ. އެހެނެއްކަމަކު އެކަލޭގެއަށް އެކަލޭގެ މުދަލުން އެއްވެސް ފައިދާއެއް ނުކުރިއެވެ.

ލޮބުވެތި މައިންބަފައިންނޭވެ! ދަރިން ކުރިމަތީގައި ފައިސާ އާމި މުދަލަށް ލޯބި ކުރާކަން ހާމަ ނުކުރާށެވެ. އެ ދަރިންނަށްވެސް ބުނެދޭންވީ ހޭދަކުރުމުގެ މުހިއްމު ކަމެެވެ. އަދި މުދާލަކީ ހަމައެކަނި ދުނިޔޭގެ އުފަލެއް ކަމުގައެވެ. އެއްކޮށް ބައްކުރި އެއްވެސް މުދަލަކުން، އާހިރުގައި ފައިދާއެއް ނުކުރާނެ ކަމެކެވެ. 

ދަރިންނަށް ކިޔަވައިދީ މޮޅު ކުއްޖަކަށް ހަދައިދޭންވީ މުދަލާ ފައިސާ ހޯދަން ދަސްކުރާކަށް ނޫނެވެ. ނަމަވެސް އެ މުދަލާ ފައިސާ ހޯދާނެ ހަލާލު ގޮތްތަކާއި ހޭދަކުރަން ޖެހޭ ކަމާއި ހޭދަ ކުރާނޭ ރަނގަޅު މަގުތަކަކީ ދަރިންނަށް ބުނެދީ ކިޔައިދީ ދަސްކޮށްދޭން ޖެހޭނެ ކަންކަމެވެ. ގިނަ ފައިސާ ލިބޭ ވަޒީފާތަކަށް ދަރިން ތައްޔާރު ކުރުމުގެ ބަދަލުގައި އިސްކަން ދޭންވީ ހަލާލު މަސައްކަތަކަށް އެ ދަރިން ތައްޔާރު ކުރާށެވެ. އުފާވެރި ކަމަކީ ފައިސާ ކަމުގައި އެދަރިންނަށް ވިސްނައި ނުދޭށެވެ. އާއިލީ ގުޅުންތަކާއި އެކުވެރިކަމުގެ ގުޅުންތަކާއި އުފާވެރި ހިތްހަމަ ޖެހޭ ހިމޭން މާހައުލުތަކަކީ އެއީ ހަގީގީ އުފާވެރިކަން ކަމުގައި ބުނެދޭން ވާނެއެވެ. 

ދުނިޔޭގައި ފައިސާ އާއި މުދަލުގެ ދަހިވެތިކަމުގައި އުޅެން ނުހަދާށެވެ. މިއީ ވަގުތީ ތަނެކެވެ. ފައިސާ އަކީ ހަލާލު ގޮތުގައި ހޯދާ، ހަލާލު ގޮތުގައި ހޭދަ ކުރާ އެއްޗެއް ކަމުގައި ހަދާށެވެ. އެއްކޮށް ބަގުޑި ބައްދާ ޖަމާ ކުރުމެކޭ، ތިމާގެ އަތުގައި އެ އެއްޗެއް ނެތުމެކޭ ތަފާތެއް ނެތެވެ. މުދަލަކީ ﷲ ގެ މިލްކެކެވެ. ﷲ ތިބާއާއި އެ މުދާ ހަވާލު ކުރައްވަނީ އަމާނާތެއްގެ ގޮތުގައި. މުދަލަކީ އެއިން ޒަކާތް ވާޖިބުވާ އަދި އެއިން ޞަދަގާތްދިނުމަށް މާތް ﷲ އަންގަވާފައިވާ އެކަލާންގެ އަމާނާތެކެވެ.