"އޭ ކޮބާ ކައެ؟" މިއީ މިއަދު ދިވެހި ޒުވާނުންގެ މެދުގައި އެންމެ އާންމުކޮށް ބޭނުންކުރެވޭ އިބާރާތްތަކުގެ ތެރެއިން އެއް އިބާރާތެވެ. މި އިބާރާތަކީ ކުރު ނަމަވެސް، މާނައިގައި ވަރަށް ފުންކަމެއް އެކުލެވިގެންވާ އިބާރާތެކެވެ. މިއަދު ޒުވާނުންގެ މެދުގައި މުޢާމަލާތް ކުރުމުގައި މި އިބާރާތް ވަނީ ވަރަށް ބޮޑަށް އަށަގަނެ އާއްމު ވެފައެވެ.
މީހަކާ ބައްދަލުވުމުން ނުވަތަ ގުޅާލުމުން އެންމެ ފުރަތަމަ ކުރާން އޮތް ކަމަކީ ސަލާމް ގޮވުމެވެ. އެހެނަސް މިއަދު ޒުވާނުންގެ މެދުގައި މި އާދަ ވަނީ ބަދަލުވެފައެވެ. މިހާރު އެންމެ ފުރަތަމަ އަހާލަނީ "އޭ ކޮބާ ކައެ؟" މިހެންނެވެ. މީހަކަށް ގުޅާލިޔަސް، މެސެޖެއް ފޮނުވާލިޔަސް، ފޭސްބުކުން މެސެޖެއް ކުރިޔަސް، ވަޓްސްއަޕުން ޗެޓް ކުރަން ފެށިޔަސް، އެންމެ ފުރަތަމަ ލިޔެވެނީ މި އިބާރާތެވެ.
ޒުވާނުން ދެކޭ ގޮތުގައި މި އިބާރާތުގެ ޚާއްޞަ ކަމަކީ އެއް ފަހަރާ ގިނަ މަޢުލޫމާތުތަކެއް ސާފުކުރެވޭ ކަމެވެ. "އޭ ކޮބާ ކައެ؟" މި އިބާރާތުން އަނެކާގެ ހާލު އަހާލެވޭ އިރު، އޭނާ ހުރި ތަނަކާ ބެހޭ މަޢުލޫމާތުވެސް ސާފުކުރެވެއެވެ. މިސާލަކަށް، މި އިބާރާތުގެ ޖަވާބުގައި "ގޭގަ" ނުވަތަ "މަގުމަތީގަ" ފަދަ ޖަވާބެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަމަ އެހެންމެ، މި އިބާރާތުން އަނެކާގެ ހާލު ވެސް އެހިފައި ވެއެވެ. މިސާލަކަށް "ކުޑަކޮށް ބަލިކޮށް" ނުވަތަ "ފައެއްގައި ރިހޭތީ" މިފަދަ ޖަވާބު ތަކަކީވެސް، "ކޮބާ ކައެ؟" މި ސުވާލަށް ދެވޭ ޖަވާބުތަކެކެވެ! ބަހުގެ ހަމައިން ބަލާނަމަ މިއީ ކުރި ސުވާލަށް ދޭން އަސްލު އެދެވޭ ޖަވާބަކަށް ނުވި ނަމަވެސް މި އިބާރާތް ބޭނުން ކުރެވެމުން އަންނަނީ މިފަދަ ގޮތަކަށެވެ!
މި އިބާރާތުގެ ސަބަބުން ދިވެހިންގެ އިސްލާމީ ސަގާފަތުގައި އޮންނަ ސަލާމް ގޮވުމުގެ އާދަ ގެއްލެމުންދާކަން ފާހަގަކުރެވެއެވެ. އިސްލާމްދީނުގައި ސަލާމް ގޮވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޮވެފައި، މިއަދުގެ ޒުވާނުން މިކަމަށް އަހައްމިއްޔަތުކަން ނުދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. "ކޮބާ ކައެ؟" ގެ ބަދަލުގައި ފުރަތަމަ ސަލާމް ގޮވާލުން ބުއްދިވެރިއެވެ! އެއަށް ފަހު "ކޮބާ ކައެ؟" މި އިބާރާތް ބޭނުން ކުރާނަމަ، އިސްލާމީ ރިވެތި އުސޫލުތަކުގައިވެސް ހިފެހެއްޓުނީއެވެ.
ނިންމާލަމުން ދަންނަވާނީ، "އޭ ކޮބާ ކައެ؟" މިއީ ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލު އިބާރާތެއް ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ އިސްލާމީ އަދި ދިވެހި ސަގާފަތް ދެމެހެއްޓުމަށްޓަކައި ސަލާމް ގޮވުމުގެ އާދަ ދިރުވައި، އާލާކުރަން ޖެހޭނެއެވެ. އަޅުގަނޑުމެންގެ މުޢާމަލާތްތައް ފެށުމުގައި ސަލާމް ގޮވުމަށްފަހު "އޭ ކޮބާ ކައެ؟" މިހެން އެހުމަކީ މާ ރަނގަޅު ގޮތެއް ކަމުގައި ދެކެމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން