ސުކޫލުގައި ކުއްޖާ ހޯދާ ރަން ވަނަތަކާއި ކާމިޔާބީއިން ކުއްޖާގެ ޤާބިލުކަމާއި ހުނަރުވެރިކަން މިނެކިރަމުން އަންނަކަމީ ދެބަސްވެވެންނެތް ހަޤީޤަތެކެވެ. ތަޢުލީމަކީ ދިރިއުޅުމުގައި މުހިންމު އަސާސެކެވެ. ޢިލްމަކީ އަހަރުމެން އުނގެނެން ޖެހޭ އެއްޗެކެވެ. އެކަން ޤަބޫލު ކުރަމެވެ. ނަމަވެސް ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ކޮންމެ ކުއްޖެއްގެ ޤާބިލުކަމާއި ހުނަރުތައްވެސް ތަފާތުވާނެއެވެ. އެކި ކުދިން މޮޅުވާނީ އެކި ކަންކަމަށެވެ. ކިޔެވުމުގައި މިއަދު ސުކޫލުން އެއްވަނަ ނުހޯދޭނަމަ ކުއްޖާގެ ޤާބިލުކަމާމެދު ޝައްކު އުފެއްދެއެވެ. ކުއްޖާގެ ހުނަރާއި ޤާބިލިއްޔަގު ނަޒަރް އަންދާޒް ކުރެވެއެވެ. ސުކޫލުގައި ރަންވަނަތައް ނުހޯދޭކަމީ ދިރިއުޅުމުގައި ކުއްޖާ ފެއިލްވެފައިވާކަމުގެ ހެއްކެއް ނޫނެވެ.
ދިރިއުޅުމުގެ މައިދާނުގައި ހަރުދަނާ ޝަހުސިއްޔަތަކަށްވުމަށްޓަކައި ތަޢުލީމު ބޭނުންވުމެވެ. ޢިލްމާއި ތަޖުރިބާ ބޭނުންވެއެވެ. ނަމަވެސް ތަޢުލީމާއި ޢިލްމު މިންކޮށްފައި އިންނަ މަގު ނުހުނު ހަންޏެވެ. ތަޢުލީމާއި ޢިލްމުގެ މުރާދު ބޭނުން ކުރަނީ ވަރަށް ހަނި ގޮތަކަށެވެ. ތަޢުލީމާއި ޢިލްމަކީ ހަމައެކަނި ސުކޫލުތަކުގައި ނަގާ އިމްތިޙާންތަކެއް ނޫނެވެ. މަޢުލޫމާތުތައް ދެނެގަނެ، ހުނަރުތައް ބިނާކުރުމަކީ ވެސް ޢިލްމާއި ތަޢުލީމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ނަމަވެސް ސުކޫލު ދައުރުގައި 'ނުކިޔަވާ' ހުންނަ މީހަކީ ޢިލްމާއި ތަޢުލީމެއް ނެތް މީހެއްކަން ޤަބޫލުކުރާ މީހުން މަދުން ނަަމަވެސް އުޅެއެވެ. އެމީހަކަށް އެންމެ ކަމުދާ، އެކަމަކަށް އެމީހަކު އެންމެ ހުނަރުވެރި މަސައްކަތް ކުރިޔަސް، ގިނަ ސަނަދުތަކެއް ނެތީވިއްޔާ ތަޢުލީމެއް ލިބިފައިވާކަމަކަށް ނުވެއެވެ. އެއީ ބަދަލުކުރަން ޖެހިފައިވާ ވިސްނުމެކެވެ.
ސުކޫލު ދައުރުގައި ނެގުނު އިމްތިޙާންތަކުން ރަނގަޅު ނަތީޖާއެއް ނެރެވިފައިނުވާ ކިތަށްމެ ކުދިންނެއް މިއަދު ފާހަގަކޮށްލެވޭ ވަޒީފާތަކުގައި އުޅޭކަމީ ފެންނަން އޮތް ހަޤީޤަތެވެ. މެދުވެރިވި ކޮންމެވެސް ސަބަބަކާހުރެ ގްރޭޑް 7 ގައި ސުކޫލުން ކެނޑުނު ކުއްޖާއަކީ މިއަދު 'ކޮންސްޓްރަކްޝަން' މަސައްކަތްތަކަށް ހުނަރުވެރި، އެކަމަށް ޤާބިލު ޒުވާނެކެވެ. ފާހަގަކޮށްލެވޭ ކުންފުނިތަކުގައި މަަސައްކަތް ކުރާ ކުއްޖެކެވެ. އެކަން ކުރެވޭނީވެސް އެކަމަށް ބޭނުންވާ ޢިލްމެއް ހުރީމައެވެ. އޭގެ 'ނޮލެޖް' ހުރީމައެވެ. ސުކޫލުގައި ދަށް މާކްސް ލިބުނު ކުއްޖާއަކީ މިއަދު ޕޯޑިއަމްތަކުގައި ހުނަރުވެރިކަމާއެކު ވާހަކަދައްކާ ކުއްޖެކެވެ. ޑައިވިން އިންސްޓްރަކްޓަރ އެކެވެ. ބޮޑެތި ލާންޗުތައް ދުއްވާ ކުއްޖެކެވެ. ތަފާތުއެކި މައުޟޫތަކަށް މަޢުލޫމާތުގެ ސެޝަންތައް ނަގައިދޭ، 'ޕަބްލިކް ސްޕީކިން'އަށް ނުހަނު ޤާބިލު ކުއްޖެކެވެ. މިއީވެސް އެކަމުގެ ޢިލްމު ނެތް މީހަކަށް ކުރެވޭނެ ކަންތައްތައް ހެއްޔެވެ؟ ސުކޫލުގައި އާދައިގެ ނަތީޖާ ނެރުނު ކުއްޖާގެ އަތުގައި މިއަދު ޑިގްރީއާއި މާސްޓާސްގެ ސަނަދު އެބައޮތެވެ. ހަމަމިއާއެކު، ކުޅިވަރަށް ހިތްޖެހުނު ކުއްޖާއަކީ މިއަދު މޮޅު ފުޓްސަލް ކުޅުންތެރިއެކެވެ. އެތްލީޓެކެވެ. ވޮލީ ނުވަތަ ހޭންޑްބޯލްއަށް ކުޅަދާނަ ކުޅުންތެރިންނެވެ. ހަމައެހެންމެ، އިތުރު ހަރަކާތްތަކަށް ފޯރިހުރި ކުދިން، އެކުދިންގެ ހުރި ހުނަރަކުން ދިރިއުޅުމުގެ މައިދާނުގައި އުޖާލާވަމުންދެއެވެ. ކުރެހުންތެރިންގެ ގޮތުގައެވެ. މީޑިއާ ރިޕޯޓިންއާއި ޚަބަރުކިޔުން ފަދަ ކަންކަމުގައެވެ. ސްކްރިޕްޓު ލިޔުމާއި ރޯލްޕްލޭތަކުގައެވެ. ވާހަކަދެއްކުންތެރިކަމަށާއި ބޭނުން ޖެހޭ ޙާލަތްތަކުގައި ހެއްކާއި ޤަރީނާ ބޭނުންކޮށްގެން ބަހުސް ކުރުމުގައެވެ. ލިޔުންތެރިކަމަށާއި އަދަބިއްޔާތުގައެވެ.
އެކި ކުދިން ހުންނާނީ އެކި ހުނަރާއި އެކި ޤާބިލުކަމެވެ. ސުކޫލު ދައުރުގައި ކުއްޖާގެ ނަތީޖާއަށް ބިނާކޮށް ކުއްޖާގެ ކާމިޔާބީއާއި ނާކާމިޔާބީ މިންކޮށް، ކުއްޖާގެ ހިތްވަރާއި އުއްމީދުތައް ފުނޑުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދިރިއުޅުމުގައިވެސް ފެއިލްވެފައިވާކަމަށް ބުނެ، އެކަން އިޙްސާސްކުރުވުމަކީ އެއްވެސް މާނައެއްގައި ރަނގަޅުކަމެއް ނޫނެވެ. ދިރިއުޅުމުގައި ކުރިޔަށް ދިއުމަށް ކުއްޖާގެ ހުނަރު މުހިންމުކަމާއި، ތަޢުލީމާއި ޢިލްމުގެ މަގުން ކުއްޖާއަށް އަދިވެސް ކުރިޔަށް ދެވޭނެކަން ބުނެދިނުމުން އެކުދިންނަށް އިތުރު ހިތްވަރެއް ލިބޭނެއެވެ. ޢަޒުމުވެސް އިތުރަށް ވަރުގަދަ ވާނެއެވެ. އެކި ކުދިން ހުންނާނީ އެކި ހުނަރުކަން އަހަރުމެން ޤަބޫލު ކުރަންވީއެވެ. ދަށް ހުނަރާއި މޮޅެތި ހުނަރުތަކުގެ ނަމުގައި ހުނަރުތައް ގިންތިކޮށް، ގެންގުޅޭ ތަފާތުކުރުންތައް ނައްތާލަންވީއެވެ. އެކި ކުދިން މޮޅުވާނީ އެކި ދާއިރާއަށްކަން ބަލައިގަންނަންވީއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން