މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ކޮސްޓަ ރީކާ ކުޅުނު ދެވަނަ މެޗުގައި ޖަޕާން އަތުން 1-0 އިން މޮޅުވެ، ދެވަނަ ބުރަށް ދަތުރުކުރުމުުގެ އަމިއްލަ ބާރު ހޯދައިފިއެވެ.

މި ފަހަރުގެ މުބާރާތުގައި ޖަޕާން ކުޅުނު ފުރަތަމަ މެޗުގައި ފަހަތުންއަރައި 2-1 އިން ޖަރުމަން ބަލިކުރިއިރު، ކޮސްޓަ ރީކާ ވަނީ ފުރަތަމަ މެޗުގައި ސްޕެއިން އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. އެހެންކަމުން، މިއަދުގެ މެޗުން ޖަޕާންގެ މައްޗަށް ކޮސްޓަ ރީކާ ހޯދީ މޮޅާއެކު އެ ޓީމުން ވަނީ މުބާރާތުގައި ކުރިއަށްދާން އުއްމީދެއް ހޯދައިފައެވެ.

މި ނަތީޖާއާއެކު ގްރޫޕް އީ ގެ އެންމެ ކުރީގައި އުޅޭ ތިން ޓީމަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފައިދާ ގޯލްގެ ތަފާތުން އެއްވަނައިގައި ސްޕެއިން އޮތްއިރު، އެ ޓީމަށް މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ދެވަނަ ބުރުން ޖާގަ ލިބޭނެ އެވެ. ދެވަނައިގައި ޖަޕާން އޮތްއިރު، ތިންވަނައިގައި އޮތީ ކޮސްޓަ ރީކާ އެވެ. އެންމެ ފުލުގައި އުޅޭ ޖަރުމަނަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ގަތަރުގެ އައްރައްޔާންގައި ހުންނަ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 81 ވަނަ މިނެޓުގައި ކޮސްޓަ ރީކާ އަށް ކާމިޔާބުކޮށްދިނީ ކޭޝީ ފުލާ އެވެ.

މި މެޗުގައި ޖަޕާނުން ލަނޑެއްޖެހޭތޯ ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލުމުގައި ކޮސްޓަ ރީކާގެ ކެޕްޓަން އަދި ގޯލްކީޕަރު ކޭލޯ ނަވާސް ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ.

މި ގްރޫޕުގައި މިރޭ ކުޅޭ މެޗުގައި ސްޕެއިން ނިކުންނާނީ ޖަރުމަނާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ދަންވަރު 12 ޖަހާއިރު އެވެ.