މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ރޭ ކުޅެވުނު މެޗުތަކަށްފަހު މޮރޮކޯ އާއި ޕޯޗުގަލް އިން އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ސްވިޒަލެންޑް އަތުން 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕޯޗުގަލް މޮޅުވިއިރު، މޮރޮކޯ އިން ވަނީ ޕެނަލްޓީޖަހައިގެން ސްޕެއިން ބަލިކުރީ 3-0 އިންނެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ޕޯޗުގަލް އިން ކުއާޓާ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. މީގެކުރީން އެ ޓީމުން ކުއާޓާ އަށް ދަތުރުކުރި ދެ ފަހަރު ވެސް ސެމީ ފައިނަލުން ޖާގަ ހޯދާފައިވެއެވެ. އެގޮތުން، 1966 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ މަގާމް ހާސިލްކުރިއިރު، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ލިބުނީ ހަތަރުވަނަ އެވެ.
މި ފަހަރުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ނެދަލެންޑްސް އިން އާޖެންޓީނާއާ ދެކޮޅަށް ނިކުންނައިރު، ދެވަނަ މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލް ނުކުންނާނީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި ފްރާންސާއި އިންގްލެންޑް ވާދަކުރާއިރު، ފަހު މެޗުގައި ޕޯޗުގަލް ކުޅޭނީ މޮރޮކޯއާ ދެކޮޅަށެވެ.
ރޭގެ މެޗަށް ޕޯޗުގަލް ނިކުތްއިރު ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ އެންމެ ފަހުން ދެކުނު ކޮރެއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ކުޅުނީ އެންމެ ތިން ކުޅުންތެރިންނެވެ. އެއީ، އެ ޓީމުގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ އާއި ޕެޕޭ އަދި ޑިއޯގޯ ޑަލޮޓް އެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗު ފެށީ ބެންޗުންނެވެ. ރޮނާލްޑޯގެ ބަދަލުގައި ރޭގެ މެޗުގައި އެ ޓީމުގެ ފޯވާޑްލައިނުން ފެނުނީ ބެންފީކާގެ ޒުވާން ފޯވާޑް ގޮންކާލޯ ރާމޯސް އެވެ.
މިއީ 2008 ވަނަ އަހަރުގެ ފަހުން ރޮނާލްޑޯ ފިޓްކޮށްހުރެ، ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ނުހިމެނުނު ފުރަތަމަ ފަހަރެވެ. މި މުއްދަތުގައި އެ ޓީމުން ވަނީ 31 މެޗު ކުޅެފައެވެ.
ލުސައިލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 17 ވަނަ މިނެޓުގައި ޕޯޗުގަލް އިން ލީޑްނެގީ ރާމޯސް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ޔާއޯ ފެލިކްސް ދިން ޕާހަކުން ވަރަށް ހަނިއޭންގަލަކުން ރާމޯސް ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު ރާމޯސް ވަނީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ޕޯޗުގަލް ޓީމަށް ލަނޑުޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ، ރޭގެ މެޗުގައި ލަނޑުޖެހިއިރު އޭނާގެ އުމުރަކީ 21 އަހަރާއި 169 ދުވަހެވެ.
މެޗުގެ 33 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ނެގި ކޯނަރަކުން ޕެޕޭ ބޮލުން ކާމިޔާބުކުރި ގޯލާއެކު ޕޯޗުގަލް އިން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ. އަނެއްކޮޅުން މި ގޯލާއެކު ޕެޕޭ ވަނީ ނޮކްއައުޓް ބުރުގައި ލަނޑުޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި މެޗުގައި ކުޅުނުއިރު ޕެޕޭގެ އުމުރަކީ 39 އަހަރާއި 283 ދުވަހެވެ.
މި ހާފުގައި ސްވިޒަލެންޑަށް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ރެމޯ ފްރޮއިލާ ބޮލުން ފޮނުވާލި ބޯޅަ ޑަލޮޓް ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ޕޯޗުގަލްގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް ރާމޯސް އެވެ. މިއީ އެ ޓީމުގެ ކަނާތު ފުލްބެކް ޑަލޮޓް ނެގި ހުރަހަކުން ރާމޯސް ކާމިޔާބުކުރި ގޯލެކެވެ. އޭގެ ހަތަރު މިނެޓުފަހުން، ޕޯޗުގަލްގެ އޮޓާވިއޯ އިސްވެ ހުރެ ފެށި ކައުންޓަ އެޓޭކުގައި ރަފައެލް ގުރޭރޯ ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ރާމޯސް އެވެ. ޕޯޗުގަލް އިން މި ލަނޑުޖެހިތާ ތިން މިނެޓުގެ ތެރޭގައި ސްވިޒަލެންޑުން ނެގި ކޯނަރެއްގެ އެހީގައި ޑިފެންޑަރު މެނުއެލް އަކާންޖީ ވަނީ އެ ޓީމަށް ސުން ކަނޑުވާލައިދީފައެވެ.
އޭގެފަހުން، މެޗުގެ 67 ވަނަ މިނެޓުގައި ފެލިކްސް ދިން ޕާހަކުން ރާމޯސް ވަނީ ހެޓްރިކް ފުރިހަމަކޮށް، ޕޯޗުގަލްގެ ފަސްވަނަ ލަނޑުޖަހައިދީފައެވެ. މިއާއެކު، ރާމޯސް ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނުގެ މިރޮސްލާވް ކްލޯސާ ހެޓްރިކް ހެދިފަހުން އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މި މެޗުގައި ޕޯޗުގަލް އިން ޖެހި ފަހު ލަނޑު، އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަފައެލް ލެއާއޯ އެވެ. މިއީ ގުރޭރޯ ދިން ބޯޅައަކުން ލެއާއޯ ކާމިޔާބުކުރި ރީތި ގޯލެކެވެ.
މި މުބާރާތުގައި ރޭ މޮރޮކޯއާ ސްޕެއިން ވާދަކުރި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުމަށް ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިނުން ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބެއް ނުކުރެވުނެވެ. އެ ޓީމުގެ ކާލޯސް ސޮލެއާ އާއި ކެޕްޓަން ސާޖިއޯ ބުސްކެޓްސް ފޮނުވާލި ޕެނަލްޓީތައް މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ މަތަކުރިއިރު، ޕަބްލޯ ސަރާބިއާ ފޮނުވާލި ޕެނަލްޓީ ބޭރަށް ދިޔައީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
މޮރޮކޯގެ ނާކާމިޔާބުވީ ބަދްރް ބެނޫން ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ސްޕެއިނުގެ ގޯލްކީޕަރު އުނާއި ސިމޯން މަތަކުރިއިރު، އެ ޓީމުގެ އަބްދެލްހަމީދު ސަބީރީ، ހަކީމް ޒިޔެކް އަދި އަޝްރަފް ހަކީމީގެ ޕެނަލްޓީތައް ކާމިޔާބުކުރިއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން