މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ މެޗުތަކަށްފަހު މޮރޮކޯ އާއި ފްރާންސުން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޕޯޗުގަލް އަތުން މޮރޮކޯ 1-0 އިން މޮޅުވިއިރު، ފްރާންސުން ވަނީ 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކޮށްފައެވެ.

މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ފްރާންސް ދަތުރުކުރި ހަތްވަނަ ފަހަރެވެ. އަދި 1982 އާއި 1986 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ސެމީގައި ކުޅޭ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ކުއާޓާ ފައިނަލުން އިންގްލެންޑް ކެޓި ހަތްވަނަ ފަހަރެވެ. މިހާތަނަށް އެ މުބާރާތުގެ ކުއާޓާ އިން އެންމެ ގިނަ ފަހަރު ކަޓާފައިވާ ޓީމަކީ ވެސް އިންގްލެންޑެވެ.

އަލް ބައިތު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފްރާންސަށް ގޯލް ހުޅުވާލައިދިނީ އައުރެލިއަން ޗުއަމެނީ އެވެ. މިއީ އެ ޓީމުގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ދިން ޕާހަކުން ޕެނަލްޓީއޭރިޔާ ބޭރުން ޗުއަމެނީ ކާމިޔާބުކުރި ގޯލެކެވެ. މި ހާފުގައި އިންގްލެންޑަށް ލަނޑެއްޖަހައިދޭން ޖޫޑް ބެލިންހަމް އާއި ހެރީ ކޭން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއްނުހިފުނެވެ. ބެލިންހަމް އާއި ކޭން ފޮނުވާލި ހަމަލާތައް ފްރާންސްގެ ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް މަތަކުރިއެވެ.

އިންގްލެންޑުން ދެވަނަ ހާފު ރަނގަޅަށް ފެށިއިރު، އެ ޓީމުން އެއްވަރުކުރި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭން ކާމިޔާބުކުރި ގޯލެކެވެ. މިއީ މެޗުގެ 54 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން އިންގްލެންޑްގެ ބުކާޔޯ ސަކާ އަށް ފްރާންސްގެ ޗުއަމެނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު ކޭން ވަނީ އިނގްލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ވޭން ރޫނީގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

މޮރޮކޯގެ ފޯވާޑް ޔޫސުފް އެން-ނެސީރީ (ވ) ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ފްރާންސަށް އަލުން ލީޑްނަގައިދިނީ އޮލިވިއޭ ޖިރޫ އެވެ. މިއީ ގްރީޒްމަން ނެގި ހުރަހަކުން ލިބުނު ބޯޅައެއް ޖިރޫ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ މި މުބާރާތުގައި ޖިރޫ ޖެހި ހަތަރުވަނަ ލަނޑެވެ. އޭގެކުރީން، މެޗުގެ 72 ވަނަ މިނެޓުގައި ލޫކް ޝޯ ނެގި ހުރަހަކުން ފްރާންސްގެ ޕެނަލްޓީއޭރިޔާ ތެރެއިން ސަކާ އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވިއެވެ.

މެޗުގެ 84 ވަނަ މިނެޓުގައި އިންގްލެންޑަށް އެއްވަރުކޮށްދޭން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން އިންގްލެންޑްގެ މޭސަން މައުންޓް އަށް ފްރާންސް ތިއޯ ހެނާންޑޭޒް ކުރި ފައުލަކަށް ރެފްރީ ދިން މި ޕެނަލްޓީ ކޭން ފޮނުވާލުމުން ދިޔައީ ގޯލްގެ މާމަތިން ބޭރަށެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ހިލޭޖެހުމަކުން މާކަސް ރަޝްފޯޑް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ކުއާޓާގެ އަނެއް މެޗުގައި މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ހައިރާންކުރަނިވި ނަތީޖާތައް ނެރެމުން އަންނަ ޓީމުތަކުގެ ތެރޭގައި ހިމެނޭ މޮރޮކޯ އިން ވަނީ ގަދަފަދަ ޕޯޗުގަލް އަތުން 1-0 އިން މޮޅުވެފައެވެ. މިއާއެކު، އެ ޓީމު ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ސެމީ އިން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ޓީމުގެ ޝަރަފު ހޯދައިފައެވެ. އެ ޓީމުން ވަނީ މި ފަހަރުގެ މުބާރާތުގައި ބެލްޖިއަމް އާއި ސްޕެއިން ފަދަ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރުތައް ބަލިކޮށްފައެވެ.

ރޭގެ މެޗުގައި މޮރޮކޯ އިން ޖެހި ހަމައެކަނި ލަނޑު، 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔޫސުފް އެން-ނެސީރީ އެވެ. މިއީ އެ ޓީމުގެ ވާތު ފުލްބެކް ޔަހްޔާ އަތިޔަތުﷲ ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެރޭ އާޖެންޓީނާ ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. ދެވަނަ ސެމީގައި ބުދަ ދުވަހުގެރޭ ފްރާންސް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.