މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި 2-0 އިން މޮރޮކޯ ބަލިކޮށް ފްރާންސުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހު ފްރާންސް ނިކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. އާޖެންޓީނާ އިން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށްގެންނެވެ.

މިއީ ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމު ވަނީ 1998، 2006 އަދި 2018 ވަނަ އަހަރުގައި ފައިނަލްގައި ކުޅެފައެވެ. އޭގެތެރެއިން، 1998 އާއި 2018 ގައި ތަށި އުފުލާލިއެވެ. އަދި މިއީ ފްރާންސުން ޖެހިޖެހިގެން ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މީގެއިތުރުން، 2018 ވަނަ އަހަރު ހޯދީ ކާމިޔާބީ ފްރާންސުން ތަކުރާރުކޮށްފިނަމަ، އެ ޓީމު ވެގެންދާނީ އިޓަލީ އާއި ބްރެޒިލަށް ފަހު ވޯލްޑް ކަޕްގެ ތަށި ޖެހިޖެހިގެން ދެ ފަހަރު ހޯދާ ޓީމަށެވެ.

ފްރާންސުން މިރޭގެ މެޗަށް ނިކުތްއިރު އެންމެ ފަހުން އިންގްލެންޑާ ދެކޮޅަށް ކުއާޓާ ފައިނަލްގައި ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްފައިވެއެވެ. އެއީ ފަހަތަށް ކުޅެމުންއައި ޑަޔުޓް އުޕަމެކާނޯ އާއި މިޑްފީލްޑްގައި ކުޅެމުން އަންނަ އެޑްރިއެން ރަބިއޯގެ ބަދަލުގައި އިބްރާހިމާ ކޮނާޓޭ އާއި ޔޫސުފް ފޮފާނާ އަށް މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވުމެވެ.

ފްރާންސްގެ ތެއޯ ހެނާންޑޭޒް ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ފީފާ

މޮރޮކޯ އިން ވަނީ އަނިޔާގެ ސަބަބުން ކުއާޓާގައި ޕޯޗުގަލް އަތުން މޮޅުވި މެޗުގައި ނުކުޅެވުނު ނޫސަރް މަޒްރާއުއީ އާއި އެ މެޗުގައި އަނިޔާވެގެން ބަދަލުކުރި ކެޕްޓަން ރޮމައިން ސައީސް އަށް މި މެޗުގެ ފުރަތަމަ އެގާރައިން ފުރުޞަތު ދީފައެވެ. އެކަމަކު، މިފަހަރުގެ މުބާރާތުގައި އެ ޓީމުގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކުރި ސެންޓްރަލް ޑިފެންޑަރު ނައިފް އެގުއާޑް އަދިވެސް ހުރީ އަނިޔާގައެވެ.

ގަތަރުގެ އަލް ޚޯރްގައި ހުންނަ އަލް ބައިތު ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ފްރާންސަށް ލީޑްނަގައިދިނީ ތެއޯ ހެނާންޑޭޒް އެވެ. މިއީ އެ ޓީމުގެ އެންޓޮއިން ގްރީޒްމަން ދިން ޕާހަކުން ކިލިއަން އެމްބާޕޭ ފޮނުވާލި ދެ ހަމަލާ މޮރޮކޯގެ ކުޅުންތެރިން ދެ ފަހަރުމަތިން ބްލޮކްކުރުމުން ރީބައުންޑްގައި އެ ބޯޅަ ހެނާންޑޭޒް އަށް ލިބުމުން އޭނާ ވަނީ އެކްރޮބެޓިކް ކިކަކުން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ފުރަތަމަ ހާފުގައި މޮރޮކޯ އަށް ލަނޑެއްޖަހަން ލިބުނު އެންމެ ފުރަތަމަ ފުރުޞަތުގައި 10 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު އަޒެދީން އުނާހީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ހޫގޯ ލޮރިސް މަތަކުރިއެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ފްރާންސްގެ ލީޑް ފުޅާކޮށްދޭން އޮލިވިއޭ ޖިރޫ އަށް ލިބުނު ފުރުޞަތުގެ ބޭނުމެއް ނުހިފުނެވެ. ޖިރޫ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އޭގެފަހުން، 36 ވަނަ މިނެޓުގައި އެމްބާޕޭ އަށް ލިބުނު ފުރުޞަތު ވެސް ވީ ބޭކާރެވެ. އަދި އޭގެފަހުން، މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް މޮރޮކޯގެ ޑިފެންޑަރު ޖަވާދު އެލް ޔަމީކް އޯވަހެޑް ކިކަކުން ޖެހި ބޯޅަ ބޭރުވީ އަރިމަތީދަނޑީގައި ޖެހިފައެވެ.

މޮރޮކޯއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ދެވަނަ ހާފުގައި ފްރާންސްގެ ލީޑް ފުޅާކޮށްދޭން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މާކަސް ތުރާމް އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުމެއްނުހިފުނެވެ. އެ ޓީމުގެ ފޯވާޑް ގްރީޒްމަން ފޮނުވާލި ހިލޭޖެހުމަކުން ލިބުނު ބޯޅަ ތުރާމް ބޮލުން ފޮނުވާލުމުން ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މި މެޗުގައި ފްރާންސުން ޖެހި ދެވަނަ ލަނޑު، 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރެންޑަލް ކޯލޯ މުއާނީ އެވެ. މިއީ ފްރާންސްގެ އެމްބާޕޭ، މޮރޮކޯގެ ޕެނަލްޓީއޭރިޔާ ތެރެއިން ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށްފަހު ފޮނުވާލި ހަމަލާ ބްލޮކްކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ކޯލޯ މުއާނީ އަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ. މިއީ ފްރާންސް ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

މެޗުގެ އިތުރުވަގުތުގައި މޮރޮކޯ އަށް ލަނޑެއްޖަހައިދޭން އަބްދެއްރައްޒާޤް ހަމްދުﷲ އަށް ލިބުނު ފުރުޞަތުގައ ފޮނުވާލި ބޯޅަ ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

މޮރޮކޯ އަށް ދެން އޮތީ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އަންނަ ހޮނިހިރު ދުވަހު ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ. ފައިނަލްގެ ޖާގައެއް ނުލިބި މޮރޮކޯ ކެޓި ނަމަވެސް މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދައިފައެވެ. އެގޮތުން، މިހާތަނަށް ކުޅެވުނު 22 ވޯލްޑް ކަޕްގެ ތެރެއިން ސެމީ ފައިނަލްގައި ވާދަކުރި އެފްރިކާ އަށް ނިސްބަތްވާ ހަމައެކަނި ޓީމަކީ މޮރޮކޯ އެވެ.