އެންމެ ފަހުގެ މުބާރާތުގެ ތަށި އުފުލާލި ފްރާންސްގެ ބަލިކޮށް އާޖެންޓީނާ އިން ދުނިޔޭގެ ޗެމްޕިއަންކަން ހާސިލްކޮށް ކެޕްޓަން ލިއޮނަލް މެސީގެ ހުވަފެން ހަޤީޤަތަކަށް ހަދައިފިއެވެ.
ފަހު ހާފުގައި ކުޅެން ނިކުތް ފުލްބެކް ގޮންޒާލޯ މޮންޓިއެލް ވައްދާލި ހަތަރުވަނަ ޕެނަލްޓީ އާއެކު އާޖެންޓީނާ އިން ޕެނަލްޓީ ޝޫޓްއައުޓްގައި ފްރާންސްގެ މައްޗަށް ކުރިހޯދީ 4-2 އިންނެވެ.
މިއީ އާޖެންޓީނާ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ތިންވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ވަނީ 1978 އާއި 1986 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެހެންކަމުން، އެ ޓީމުން މި ފަހަރުގެ މުބާރާތް ކާމިޔާބުކުރީ 36 އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.
ލުސައިލް އައިކޮނިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި އާޖެންޓީނާ އިން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ އެންހެލް ޑި މާރިއާ އަށް ފްރާންސްގެ އޮސްމާނޭ ޑެމްބެލޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެސީ އެވެ.
މި ގޯލާއެކު މެސީ ވަނީ ވޯލްޑް ކަޕްގެ ދެވަނަ ބުރާއި، ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގެ އިތުރުން ފައިނަލް މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެއިތުރުން، މި މެޗާއެކު މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ވެސް މުގުރާލައިފައެވެ. ކުރީން މި ރެކޯޑް އޮތް ޖަރުމަނުގެ ލޮތާ މަތެއަސް 25 މެޗު ކުޅުނުއިރު، ރޭގެ މެޗާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި 26 މެޗު ހަމަކޮށްފައެވެ.
މި މެޗުގައި އާޖެންޓީނާ އިން ޖެހި ދެވަނަ ލަނޑު، 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑި މާރިއާ އެވެ. މިއީ ފްރާންސުން ކުރިއަށްޖެހި ކުޅެމުންދިޔަ ދަނޑިވަޅެއްގައި މެސީ އާއި ރޮޑްރިގޯ ޑެ ޕޯލް ގުޅިގެން ތަނަވަސްކުރި ކައުންޓަ އެޓެކޭއްގައި އަލެކްސިސް މެކަލިސްޓާ ދިން ބޯޅައަކުން ޑި މާރިއާ ކާމިޔާބުކުރި ގޯލެކެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ގެނައި ބަދަލުތަކާއެކު އެ ޓީމުން ވަނީ 80 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީއަކުން ފަރަގުކުޑަކޮށްފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ފްރާންސްގެ ފޯވާޑް ރެންޑަލް ކޯލޯ މުއާނީ އަށް އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ފްރާންސުން ލަނޑުޖެހިތާ 97 ސިކުންތު ފަހުން، އެމްބާޕޭ ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. މިއީ މާކަސް ތުރާމްއާ ގުޅިގެން އުފެއްދި އެޓޭކަކުން ޕެނަލްޓީއޭރިޔާ ތެރެއިން ވެއްޓިގެންފަ އެއްފަހަރުން ފޮނުވާލި ބޯޅައަކުން އެމްބާޕޭ ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެފަހުން، މެޗުގެ ފަހު ފަހުވަގުތުކޮޅުގައި ފްރާންސް މޮޅުކޮށްދޭން ކޯލޯ މުއާނީ އަށް ލިބުނު ފުރުޞަތުގެ ބޭނުމެއްނުހިފުނެވެ. އޭނާ ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު، ދެ ޓީމު 2-2 އިން އެއްވަރުވުމުން ދެން ކުޅެވުނު އިތުރުވަގުތުގެ 30 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުނުކުރެވުނެވެ. މި ހާފުގައި ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ދެ ފުރުޞަތުވެސް އާޖެންޓީނާގެ ލަޓާރޯ މާޓިނޭޒަށް ލިބި ބޭނުންހިފޭގޮތެއްނުވިއެވެ.
އިތުރުވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ އަލުން ލީޑްނަގައިފައެވެ. މެޗުގެ 108 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެސީ އެވެ. މިއީ އެ ޓީމުގެ ފޯވާޑް މާޓިނޭޒް ފޮނުވާލި ބޯޅައެއް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ މެސީ އަށް ލިބުމުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި ނަތީޖާ އޮވެ، އިތުރުވަގުތުގެ ދެވަނަ ހާފު ނިމެން ދަނިކޮށް ފްރާންސަށް އަނެއްކާވެސް އެއްވަރުކޮށްދިނީ އެމްބާޕޭ އެވެ. މެޗުގެ 118 ވަނަ މިނެޓުގައި ވައްދާލި މި ޕެނަލްޓީއާއެކު އެމްބާޕޭ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އާޖެންޓީނާގެ ޑިފެންޑަރު މޮންޓިއެލް އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
މިއީ 1966 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ފައިނަލްގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކެވެ. އެފަހަރުގެ މުބާރާތުގައި ހެޓްރިކް ހެދީ އިންގްލެންޑްގެ ޖިއޯފް ހާސްޓް އެވެ. އަދި މިއީ މި މުބާރާތުގެ ފައިނަލްގައި ބަލިވި ޓީމެއްގެ ކުޅުންތެރިއަކު ހެޓްރިކް ހެދި ފުރަތަމަ ފަހަރު ވެސް މެއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ފްރާންސުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީއެވެ. އެއީ އެމްބާޕޭ އާއި ކޯލޯ މުއާނީ ފޮނުވާލި ޕެނަލްޓީއެވެ. އެ ޓީމުގެ ކިންގްސްލީ ކޯމަން ފޮނުވާލި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއިރު، އައުރެލިއަން ޗުއަމޭނީ ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
އާޖެންޓީނާގެ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެސީ، ޕައޮލޯ ޑިބާލާ، ލެއަންޑްރޮ ޕަރެޑެސް އެވެ. އާޖެންޓީނާ މޮޅުވި ޕެނަލްޓީ ވައްދާލީ މޮންޓިއެލް އެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ގޯލްޑެން ބޯލް ހޯދީ މެސީ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހާސިލްކުރީ ފްރާންސްގެ ތަރި އެމްބާޕޭ އެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި 8 ލަނޑުޖަހައިފައެވެ. މި އެވޯޑާ އެމްބާޕޭއާ އެންމެ ގާތުން ވާދަކުރި މެސީ ހަތް ލަނޑުޖެހިއެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އެވެ. އެންމެ މޮޅު ގޯލްކީޕަރަށްދޭ ގޯލްޑެން ގްލޯވް ހާސިލްކުރީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒް އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން