ކޮންމެ ކުލައެއްގެ ހަންގަނޑެއް ނަމަވެސް ސާފުކޮށް ހުރުމަކީ ރީތިކަން އިތުރުކޮށްދޭ ކަމެކެވެ. ހަމުގައި ބިހި ނެގުމާއި ލަށްޖެހުންފަދަ ކަންކަމުން ދުރުކޮށް އުޖާލާ ހަންގަނޑެއް ހޯދުމަށް ބާރުގަދަ ކެމިކަލް ނުވަތަ އަގުބޮޑު ތަކެތި ބޭނުމެއް ނުވެއެވެ. ގިނަ ބާވަތްތަކަކީ ގޭގެ ބަދިގެއިން ލިބެން ހުންނަ ބާވަތްތަކެވެ. އެހެންކަމުން މިއަދު މި ބަލާލަނީ ގޭތެރެއިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ހަންގަނޑު ސާފުކޮށްލެވޭނެ ބައެއް ގޮތްތަކަށެވެ.

  1. 5 ފިނިފެންމަލުގެ ފިޔަ ފެންތައްޓަކަށް އަޅާފައި ރޭގަނޑު ބަހައްޓާށެވެ. ހެނދުނު ވުމުން ފިޔަތައް ޗިސްކޮށްލުމަށްފަހު ކުޑަ ކިރުފޮދެއް އަޅައިގެން ގަށާލާފައި މޫނާއި އަތުގައި އުނގުޅާށެވެ. 15 މިނިޓް ބެހެއްޓުމަށްފަހު ފިނިފެން ފޮދަކުން ދޮވެލާށެވެ.

  2. ރީނދުލާއި ކިރު އެއްކޮށްގެން ބަނދެލިއެއް ތައްޔާރު ކުރާށެވެ. މުޅިގައިގައި އުނގުޅައިގެން 15 ހުރުމަށްފަހު ފެންވަރާލާށެވެ. ހަންގަނޑު މަޑުވެ ހަމުގައިވާ ލަކުނުގެ ކުލަ ފަނޑުވެ މުޅި ހަންގަނޑު އުޖާލާ ކަމަށް ފެންނާނެއެވެ.

  3. 1 ސަމުސާ ކިރު އަދި 1 ސަމުސާ މާމުއިގެ ތެރެއަށް 1 ސަމުސާ ކެލާ ޕައުޑަރ އަދި ސެފްރަން އަޅައިގެން ބަނދެލިއެއް ތައްޔާރު ކުރާށެވެ. މޫނާއި މުޅި ހަށިގަނޑުގައި އުނގުޅާފައި 15 މިނިޓް ބަހައްޓާށެވެ. އޭގެފަހުން ތާފަނާފެނުން ދޮވެލާށެވެ.

  4. ހިތިފަތް ނުވަތަ ގަނދަކޯޅިފަތް އަވީގައި ބަހައްޓައިގެން ހިއްކާށެވެ. ރީތިކޮށް މުރަނަ ވަންދެން ހިކުމުން މުގުރާލާފައި ފުށަށް ހަދާލާށެވެ. އޭގެ ތެރެއަށް 1.5 ސަމުސާ ފިނިފެން (ރޯސް ވޯޓަރ) އަޅައިގެން ރީތިކޮށް ގަށާލާށެވެ. މުޅި ހަށިގަނޑާއި މޫނުގައި އުނގުޅައިގެން 15 މިނިޓް ހުރުމަށްފަހު ތާފަނާފެނުން ދޮވެލާށެވެ.

  5. އެލޯވެރާ ގަހުގެ ފަތް ބުރިކޮށްލުމަށްފަހު މޫނުގައި އުނގުޅުމުންވެސް ހަމުގައިވާ ލަށްތައް ފިލާ ބިހި ނަގާ ނަމަ އެކަމަށްވެސް ރަގަޅު ހައްލަކަށް ވާނެއެވެ.

  6. ބައި ސަމުސާ ޓޮމާޓޯ ޖޫސް ބައި ސަމުސާ ލުނބޯ ހުތުގެ ތެރެއަށް އަޅާފައި އެއްކޮށްލާށެވެ. މުޅި ގައިގައި އުނގުޅުމަށްފަހު 15 ފަހުން ފިނި ފެނުން ދޮވެލާށެވެ.

  7. ކުދީނާފަތް ރީތިކޮށް ފުނޑާލުމަށް އޭގެ ދިޔަ މޫނުގައި އުނގުޅުމުންވެސް ހަމުގައި ހުންނަ ލަށް ފިލާ ހަންގަނޑު އުޖާލާ ކޮށްދޭނެއެވެ.

  8. މާމުޔާއި ޔޯގަޓް އެއްވަރަށް އަޅައިގެން އެއްކުރުމަށްފަހު މޫނާއި މުޅި ހަށިގަނޑުގައި އުނގުޅާށެވެ. 20 މިނިޓް ވުމުން ފެންވަރާލާށެވެ. ހަމުގެ ކުލަ އަލިވެ މަޑުކަން ފާހަގަ ކުރެވޭނެއެވެ. މިއީ ހަމުގެ ތެތްކަން ދަމަހައްޓާ ހަންގަނޑު ސާފުކުރުމަށް ވަރަށް މުހިންމު ފަރުވާ އެކެވެ.