ކޮންމެ މީހަކަށްވެސް އެންމެ ބޮޑު އިސްކަމެއް ދެވޭ އެއް ކަމަކަށް މޫނުގެ ސާފުކަމާއި އޮމާންކަން ވާނެއެވެ. ކޮންމެ ކުލައަކަށް ނިސްބަތްވި ނަމަވެސް މޫނު ރީތިކަމަށް ގިނަ ފަހަރަށް ބެލެވެނީ ލަނުކާއި ބިހިނެތް، އޮމާން ސާފު ހަންގަނޑެއް ލިބިފައިވާ ނަމަވެވެ. މިކަމުގައި ފިރިހެނުންވެސް އިސްތިސްނާއެއް ނުވެއެވެ.

މި ދަނޑިވަޅަކީ އެންމެން ގޭގައި ތާށިވެގެން ތިބެން މަޖުބޫރުވެފައިވާ ވަގުތެއް ކަމުން ލަކުނުތަކުގެ ކުލަ ފަނޑުކޮށްލުމަށް ގޭގައި ފަރުވާއެއް ލިބިގަތުމަށް މިއީ ވަރަށް ރަގަޅު ވަގުތެކެވެ. އެހެންކަމުން މިއަދު މި ބަލާލަނީ ބަދިގެއިން ލިބެންހުރި ތަކެތި ބޭނުންކޮށްގެން ލަކުނު ފިލުވާލަން ކުރެވިދާނެ ބައެއް ކަންކަމަށެވެ.

  1. އެލޯވެރާ

އެލޯވެރާ ފަތުގެ އެތެރޭގައިވާ ޖެލީބައި ނެގުމަށްފަހު، ކުދި ބުރަށްވާ ގޮތަށް މޫނުގައިވާ ލަކުނުތަކުގައި އުނގުޅާށެވެ. 5 މިނިޓް މިހެން އުނގުޅުމަށްފަހު ބައިގަޑިއިރު ބަހައްޓާށެވެ. އޭގެ ފަހުގައި ފިނިފެނުން ރީތިކޮށް މޫނު ދޮވެލާށެވެ. ދުވާލަކު ދެފަހަރު މިކަން ތަކުރާރު ކުރާށެވެ.

  1. ވިޓަމިން-އީ

ވިޓަމިން-އީ ކެޕްސޫލެއް ފަޅާލުމަށްފަހު، އެތެރޭގައިވާ ތެޔޮ، ލަކުނުތަކުގައި އުނގުޅާލުމަށްފަހު 10 މިނިޓް މަސާޖްކުރާށެވެ. 20 މިނިޓް ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ. ދުވާލަކު 3 ފަހަރު މިގޮތަށް ތަކުރާރު ކުރަމުން ގެންދާށެވެ.

  1. މާމުއި

ނިދުމުގެ ކުރިން މޫނުގައިވާ ލަކުނުތަކުގައި ތުނިކޮށް މާމުއި ފަށަލައެއް އުނގުޅާށެވެ. ބެންޑޭޖަކުން ރީތިކޮށް ބަންދުކޮށްލާށެވެ. ރޭގަނޑު އެއްކޮށް މިހެން ބެހެއްޓުމަށްފަހު، ހެނދުނު ބެންޑޭޖް ނައްޓާލުމަށްފަހު ތާފަނާ ފެނުން ދޮންނާށެވެ. މިއީ ކޮންމެ ރެއެއްގެ އާދައަކަށް ހަދާށެވެ.

  1. ކާށިތެޔޮ

ސަމުސަލެއްގެ ތެޔޮ ކުޑަކޮށް ހޫނުކޮށްލާށެވެ. މިތެޔޮ ބޭނުންކޮށްގެން ލަކުނުތަކުގައި 10 މިނިޓް ވަންދެން މަސާޖްކުރާށެވެ. އިތުރު 1 ގަޑިއިރު މިހެން ބަހައްޓާށެވެ. ދުވާލަކު ދެފަހަރު މިކަން ތަކުރާރު ކުރާށެވެ.

  1. ލުނބޯ

ލުނބުއެއް ދިގަށް 4 ފަޅިއަށް ފަޅާލުމަށްފަހު، މޫނުގައިވާ ލަކުނުތަކުގައި މަޑުމަޑުން އުނގުޅާށެވެ. މަޑުންމަޑުން ފިތަމުން ހަމުގެ ތެރެއަށް ހުތްތައް ވަންނަ ހެނެވެ. 10 މިނިޓް ބެހެއްޓުމަށްފަހު ފިނިފެނުން މޫނު ދޮވެލާށެވެ. ކޮންމެ ދުވަހަކު އެއް ގަޑިއެއްގައި މިކަން ކުރާށެވެ.

ކޮންމެ މީހެއްގެ ހަންގަނޑަކީ ތަފާތު އެއްޗެކެވެ. އެކިމީހުނަށް އެދެވޭ ނަތީޖާފެންނަނީ އެކި ބާވަތްތައް ބޭނުން ކުރުމުންނެވެ. ރަގަޅު ބަދަލެއް ފެންނަންދެން އަޖުމަ ބަލަމުން ގެންދާށެވެ.