މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ސްޓެލްކޯގެ ސަބްސްޓޭޝަން އެތަނުން ނެގުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި ހުސައިން ފަހުމީ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ އެ ޓްރާންސްފޯމަރުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ އުނދަގޫތަކުން ސަލާމަތްކުރާނެ ކަމާށް ވިދާޅުވެފައެވެ.

އެގޮތުން، އެ ކުންފުނީގެ އެމްޑީ ފަހުމީ، ދެއްވި ޔަގީންކަމާއި އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށް ވާގޮތަށް މާވެޔޮ މިސްކިތް ކައިރީ، މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ސަބްސްޓޭޝަން އެތަނުން ނެގުމަށްޓަކައި ބަހައްޓަންޖެހޭ ފުރަތަމަ ޓްރާންސްފޯމަރު ރޭ ވަނީ ބަހައްޓައިފައެވެ.

ސްޓެލްކޯ އިން ބުނީ، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އައު ސަބްސްޓޭޝަންގެ މަސައްކަތް ނިންމައި، މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ސަބްސްޓޭޝަން ނަގައި، އޭގެ ފަސޭހަ ރައްޔިތުންނަށް ލިއްބައިދިނުން ކަމަށެވެ.

މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު އެ ތަނުގައި ބަހައްޓާފައި ހުންނަތާ ގާތްގަނޑަކަށް ހަ އަހަރެއްހާ ދުވަސް ވެފައިވާއިރު، އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި، އެ މަގު ބޭނުންކުރާ ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ ޓްރާންސްފޯމަރެކެވެ.