ސްޕެނިޝް މަލްޓިނޭޝަނަލް ރީޓެއިލާ ޒާރާ، އިސްރާއީލާ ގުޅުން އޮތުމުން ބޮއިކޮޓް ކުރަންޖެހޭ ބްރޭންޑްތަކުގެ ލިސްޓުން ޖާގަ ހޯދައިފިއެވެ.

ޣައްޒާގެ ފަނާކުރަނިވި ހާލަތާއި ގުޅުވައިގެން ހަދާފައިވާ ކަމަށް ގިނަ ބަޔަކަށް ފެނުނު އާ ކަލެކްޝަން ތައާރަފް ކުރުމުން އެ ބްރޭންޑާއި މެދު ގިނަބަޔަކު ނަފްރަތުކޮށް ފާޑުކިއުން އިތުރު ވެއްޖެއެވެ.

މި ކަލެކްޝަންގެ ޕްރޮމޯޝަނަލް ކެމްޕޭން “ދަ ޖެކެޓް” ގެ ތަސްވީރުތަކުން ފެންނަނީ ހުދު ފޮތިގަނޑަކާއި ޕްލާސްޓިކުން އޮޅާލާފައިވާ މެނޭކިންތަކެކެވެ.ގިނަ ބަޔަކު ބުނީ އެ ތަސްވީރުތައް  ވައްތަރު ވަނީ ޣައްޒާގެ ހަަގުރާމާއިގައި ޝަހީދުވި ފަރާތްތައް ވަޅުލާ ކަފުން ކޮށްފައިވާ މަންޒަރަށް ކަމަށާއި ، ކެމްޕޭނަށް މިފަދަ ރަމްޒުތަކާއި ފަނާކުރަނިވި މަންޒަރުތައް ނެގުން ކުށްވެރިކުރާ ކަމަށެވެ

އިތުރު ގިނަ ބަޔަކު ވަނީ ޣައްޒާގެ ހާލަތާއި މެދު ދައްކާފައިވާ އިހުތިރާމް ކުޑަކަމުން އެ ބްރޭންޑް ބޮއިކޮޓް ކުރުމަށް އިލްތިމާސްކޮށް، މާޔޫސްކަމާއި ރުޅިވެރިކަން ފާޅުކޮށްފަ އެވެ.

“އަހަރެމެންގެ ތަކުލީފަކީ ތިޔަބޭފުޅުންގެ ހިތްހަމަޖެހުމެއްނޫން. އަޅުގަނޑުމެންގެ މަރުވަމުންދާ ކުދިންނަކީ ތިޔަބޭފުޅުންގެ އިންސްޕިރޭޝަންގެ މަސްދަރެއް ނޫނެވެ. ކޮންމެވެސް ވަރަކަށް ލަދުގަންނަންޖެހޭ. ކޮންމެވެސް އިންސާނިއްޔަތުކަމެް ހުންނަށް ޖެހޭ،” ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވެއެވެ.

އަނެއް ބަޔަކު ވަނީ ހުދު ހެދުމެއްގައި އޮޅާލައިގެން ލޯބިވާ މީހުންގެ މަރުވެފައިވާ ހަށިގަނޑުތައް ހިފައިގެން ތިބި ފަލަސްތީނުގެ ފޮޓޯތައް ހިއްސާކޮށް، ޒާރާގެ އާ ކަލެކްޝަންގައި ބޭނުންކުރާ ބްރޭންޑިންއާ އަޅާކިޔާފައެވެ.

“އެމީހުން އެމީހުންގެ އާ ކަލެކްޝަން އިސްތިހާރުކުރީ ޣައްޒާގައި ހިނގަމުންއަންނަ ނަސްލު ނައްތާލުމުގެ މައްސަލަ ބޭނުންކޮށްގެން. އަދި ހަމައެހެންމެ އެމީހުން ވަނީ އުއިގޫރު މުސްލިމުން ލައްވާ  މުދާ އުފެއްދުމުގައި މަޖުބޫރުން މަސައްކަތްތައް ކުރުވާފައި،” ކުރީގެ ޓްވިޓާ އެކްސްގެ ޔޫޒަރަކު ލިޔެފައިވެއެވެ.

2021 ވަނަ އަހަރު ވެސް އެ ކުންފުނީގެ ހެޑް ޑިޒައިނަރު ސޯޝަލް މީޑިއާގައި ފަލަސްތީނާ ދެކޮޅު ވާހަކަތަކެއް ދެއްކުމުން އެ ކުންފުންޏަށް މިފަދަ ކަމަކާއި ކުރިމަތިލާން ޖެހުނެވެ. ޒާރާ ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭ މީހުނ ްގެ މެދުގައި ވެސް މަގުބޫލްވުމުގެ ބޮޑުކަމުން ގިނަބަޔަކު ޒާރާގެ އުފެއްދުންތައް ރާއްޖޭގައިވެސް ވިއްކައެވެ.