ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 90 ޕަސެންޓް ނިިމިއްޖެއެވެ.

އެމްޓީސީސީ އިން ބުނީ ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް ވަނީ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 28,175 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1,740 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމަށް ވަނީ ނިންމާފައެވެ. އަދި 3,817 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން 264 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށް ވެސް ވަނީ ނިންމާފައެވެ. އަދި 1933 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، 15 މީޓަރު ދިގު 2 މީޓަރު ފުޅާ 2 ބްރިޖް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 38.49 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.