އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު ސްޓެލްކޯއިން މަރާމާތު ކުރުމަށްފަހު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.

މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ކުރަން ފެށި މަސައްކަތެކެވެ.

މި މަސައްކަތުގެ ނިމުން ފާހަގަ ކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒު ގޯތިތެރޭ ބޭއްވި ހަފްލާގައި މަސައްކަތް ނިމުނުކަމުގެ ލިޔުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ.

މި ހަފްލާގައި މިނިސްޓަރ ޝަހީމް ވިދާޅުވީ، މެނޭޖިންގ ޑިރެކްޓަރ ހުސެން ފަހުމީގެ އިސްނެންގުވުމަށް ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ މާރީތިކޮށް ސްޓެލްކޯއިން އެތަން ހަދާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެތަނުގެ ރީތިކަން ދެކި، އެ ހިތްހަމަޖެހުން އެ ފަރާތްތަކުން ލިބިގަންނާނެ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، 40 އަހަރަށްވުރެ ގިނަ ދުވަސްވީ އެ އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯއިން އެތަން މަރާމާތުކޮށް، އިސްލާމީ މަރުކަޒަށް 40 އަހަރުވުމާއި ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުވައިދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މި ހަފްލާގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ސައްތައިންސައްތަ ދިވެހިން މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުން ނުވާ ކަމަށާއި، އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށް ކަމަށެވެ. އަދި ދިވެހިންގެ ތާރީޚާއި ސަގާފަތާ ގުޅޭ އެތަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ އުއްމީދުކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

އަދި މި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރާއި، މިނިސްޓްރީން ދެއްވި ކަމަށްޓަކައި، ޝުކުރު ދަންނަވާ ކަމަށާއި، އަދި އެހާ ފުރިހަމަކޮށް އެ މަސައްކަތް ނިންމާދެއްވި ކަމަށްޓަކައި އެ ކުންފުނީގެ އެ މަސައްކަތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.