މީޑިއާނެޓްގެ ވެބް ސީރީޒް "ގާރލް ފްރެންޑްސް" މި ހިނގާ އޮގަސްޓު 12 ގައި ސްޓްރީމްކުރަން ފަށާނެކަން ހާމަކޮށްފިއެވެ. އެގޮތުން ރޭގެ ވަގުތެއްގައި ވަނީ މި ސީރީޒްގެ ރަސްމީ ޓްރެއިލަރވެސް އާންމުކޮށްފައެވެ.

https://youtu.be/8d3JsWeppOg

މި ސީރީޒްގައި ކިޔައިދޭނީ މާލޭގެ ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައި ދިރިއުޅޭ ހުސްހަށިބައި ފިރިހެނަކާއި، އެތަނުން ކޮޓަރިއެއް ކުއްޔަށް ނަގައިގެން އެކުގައި ދިރިއުޅެމުން އަންނަ ތިން އަންހެންކުދިންގެ ދިރިއުޅުމުގައި ކުރިމަތިވާ ކަންތައްތަކެވެ.

މި ސީރީޒްގެ މައިގަނޑު ރޯލުތައް ކުޅެނީ ޢާއިޝާ ޢަލީ، ފާޠިމަތު މައިހާ، ޢާއިޝަތު ލަހުފާ (ލަހޫ) އަދި އަޙްމަދު ޝާރިފްއެވެ. ސީރީޒްގެ ޓެކްނިކަލް މަސައްކަތްތަކަށް ބަލައިލާއިރު ސްކްރީންޕްލޭ ލިޔުނީ ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ސްކްރީން ރައިޓަރ މަހުދީ އަޙްމަދުއެވެ. މުޙައްމަދު މުންތަސިރު (މުންކޮ) ކޮންސެޕްޓާއި އާޓް ޑައިރެކްޝަން ހެދިއިރު ސީރީޒް ކެމެރާކޮށް ޑައިރެކްޓްކުރީ ތަޖުރިބާކާރު ކެމެރާމަން އަދި ކުރީގެ އެކްޓަރ އިބްރާހީމް ވިޝާން (ކަނޑި) އެވެ.

އޮގަސްޓު 12 ގައި މީޑިއާނެޓްގެ މަލްޓި ސްކްރީނުން ސީރީޒް "ގާރލް ފްރެންޑްސް" ސްޓްރީމްކުރަން ފަށާއިރު މީޑިއާނެޓްގެ އެމްއެސް ޓީވީއިންވެސް ސީރީޒް ބަލައިލެވޭނެއެވެ.