ބޮލީވުޑް ތަރިންނަކީ އެއްވެސް ވިސްނުމެއް ނެތް، ބޮޑާ ބައެއް ކަމަށް އެކްޓްރެސް ކަންގަނާ ރަނައުތު ބުނެފިއެވެ.

ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރި ނަމަވެސް، އަބަދުވެސް އެ އިންޑަސްޓްރީގެ އެހެން މީހުންނާ ދެކޮޅުވެރިކަން އޮންނަ ކަންގަނާ މިގޮތަށް ވާހަކަ ދައްކާފައި ވަނީ ދާދިފަހުން އޭނާގެ ފިލްމެއް ޕްރޮމޯޓު ކުރުމަށް ދިން އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގައި، ކަންގަނާގެ އެއްވެސް އެކުވެރިއެއް ބޮލީވުޑްގައި ހުންނާނެތޯ ނޫސްވެރިޔާ ސުވާލުކުރުމުން އޭނާ ވަނީ ވަގުތުން އިންކާރުކޮށްފައެވެ. އަދި އެ އިންޑަސްޓްރީގެ މީހުންނާ އެކުވެރިކަން ބާއްވަން ބޭނުންނުވާ ސަބަބުތައް ކިޔައިދިނެވެ.

ކަންގަނާ ބުނީ ބޮލީވުޑް މީހުންނަކީ ބޮޑާކަމުން ފުރިފައި ތިބި ބައެއް ކަމަށާއި، އަމިއްލަ ނަފްސު ނޫން އެހެން ކަމަކާ ދޭތެރޭ ނުވެސް ވިސްނާ ކަމަށެވެ. އަދި އެމީހުންނަކީ ވިސްނުމެއް ނެތް، "ގަމާރު" ބައެއް ކަމަށް ބުންޏެވެ. ނަމަވެސް ބޮލީވުޑްގެ ހުރިހާ އެންމެން އެހެން ނުވާނެ ކަމަށް ނޫސްވެރިޔާ ބުނުމުން ކަންގަނާ ވަނީ އެކަމާ ވެސް ދެބަސްވެފައެވެ. 

ކަންގަނާ ބުނި ގޮތުގައި އޭނާއަށް އެމީހުންގެ އުޅުން ހުރީ ރަނގަޅަށް ފެނިފައެވެ. އެމީހުންގެ އުޅުން ސިފަކުރަމުން ކަންގަނާ ބުނީ، ޖިމަށް ދިއުމާއި ޕްރޮޓީން ޝޭކް ބުއިން ނޫން ކަމެއް ކުރަން ނޭނގޭ ކަމަށެވެ. އަދި ދުނިޔޭގައި ހިނގާ އެއްވެސް ކަމެއްގެ އޮއެއް ވައެއް އެމީހުންނަށް ފަހުމު ވެސް ނުވާ ކަމަށް ބުންޏެވެ.

"އޭގެ ދެމީހަކު އެއްވެގެން ދައްކަން އޮންނާނެ ވާހަކަ އަކީ އަމިއްލަ މީހާގެ ރީތިކަމުގެ ވާހަކައާ، މުއްސަނދި ދިރިއުޅުމާއި ކާރުތަކުގެ ވާހަކަ." ކަންގަނާ ބުނެފައިވެއެވެ.

ހަމައެހެންމެ، އެމީހުންނާ ޝާމިލްވެގެން، އެމީހުން ބާއްވާ ޕާޓީތަކަށް ދިއުމަކީ ލަދެއް ކަމަށްބުނެ ފާޑުކިޔާފައި ވެއެވެ. "އެކަހަލަ ބަޔަކާ އަހަރެން ދައްކަން އޮންނާނީ ކޮން ވާހަކައެއް؟"

ކަންގަނާ އަކީ ފިލްމީ ދާއިރާއާ އެއްވަރަށް ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވާ މީހެކެވެ. އަދި ހުރިހާ ކަމަކާ ބަސްބުނެ، ފާޑުކިޔުމަކީ އޭނާ އަބަދުވެސް ކުރާ ކަމެކެވެ. ކަންގަނާ ޑައިރެކްޓުކޮށް ލީޑު ރޯލު ކުޅެފައިވާ ފިލްމު "އިމަޖެންސީ" އަޅުވަން ތައްޔާރުވެފައި އޮތް އިރު، އެއީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ސިޔާސީ ޙަޔާތުގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ. އޭގައި ކަންގަނާ ކުޅެފައިވަނީ އިންދިރާގެ ކެރެކްޓާއެވެ. 

ކަންގަނާ އަކީ އިންޑިއާގެ ޤާނޫނު ހަދާ މަޖީލީހުގެ ގޮނޑިއެއް ފުރަމުންދާ މީހެކެވެ. އަދި އޭނާއަށް އެ ގޮނޑި ކާމިޔާބުވުމުން، ފިލްމު ކުޅުން ހުއްޓާލާނެ ކަމަށް މީގެ ކުރިން އޮތީ ބުނެފައެވެ.