"ދަ ވިޗަރ" އާއި "ސުޕަމޭން"ގެ ރޯލުން ބެލުންތެރިންގެ މަގްބޫލްކަން ހޯދާފައިވާ އިނގިރޭސި އެކްޓަރު، ހެންރީ ކެވިލް، އެމެޒޯންގެ ލައިވް-އެކްޝަން ފިލްމު "ވޯލްޓްރޯން" އިން ފެނިގެންދާނެ ކަމަށް ފަހުގެ މީޑިއާ ހަބަރުތައް ބުނެފިއެވެ.

ކެވިލް، 41، ގެ އިތުރުން މި ފިލްމުން ދެން ފެނިގެންދާނީ މުޅިން އަލަށް މިދާއިރާއަށް ނިކުންނަ ޑެނިއަލް ކުއިން-ޓޯޔޭ އެވެ. 

ޑެނިއަލް ކުއިން-ޓޯޔޭ ވަނީ "ބެޑަލްޓްސް" ފަދަ ޓީވީ ފިލްމުތަކުން މީގެކުރީން ފެނިފައެވެ. އަދި، އޭނާ ވަނީ ވެސްޓްއެންޑްގެ "ރޯމިއޯ އެންޑް ޖޫލިއަޓް" ގައި ޓޮމް ހޮލަންޑްގެ އަންޑަސްޓަޑީގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.

މި ފިލްމުގެ ޑައިރެކްޝަނުން ފެނިގެންދާނީ، ކުރިން އިޢުލާންކުރެވިފައިވާ ފަދައިން، ނެޓްފްލިކްސްގެ "ރެޑް ނޯޓިސް" އާއި ޑުވެއިން ޖޮންސަން ފެނިގެންދިޔަ "ސްކައިސްކްރޭޕަރ" ފަދަ ފިލްމުތައް ލިޔެ ޑައިރެކްޓްކުރި ރޯސަން މާޝަލް ތާބާ އެވެ. ތާބާ ވަނީ، އެލެން ޝެންމަން އާއެކު މި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތްވެސް ކޮށްފައެވެ.

މިހާތަނަށްއައިއިރު، "ވޯލްޓްރޯން" ގެ ޕްލޮޓްގެ ތަފްސީލުތަކުގެ އިތުރުން ކެވިލްގެ ރޯލާ ބެހޭ އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއްނުވެއެވެ. 

މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ތާބާގެ އިތުރުން ހިޑަން ޕިކްޗަރސް މެދުވެރިކޮށް ޓޮޑް ލީބަރމަން، ބޮބް ކޮޕްލަރ އަދި ހޯބީ ފިލްމްސްގެ ޑޭވިޑް ހޯބަރމަން ހިމެނެއެވެ.

ކެވިލް އެންމެފަހުން ފެނިގެންދިޔައީ، މާވެލްގެ އެންމެ ފަހުގެ ފިލްމު "ޑެޑްޕޫލް އެންޑް ވުލްވަރީން" އިނެނެވެ.

އޭނާގެ ކުރިއަށްދެންހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި، ލަޔަންސްގޭޓްގެ ޗެޑް ސްޓަހެލްސްކީގެ "ހައިލޭންޑަރ" އާއި ގައި ރިޗީގެ "އިން ދަ ގްރޭ" ހިމެނެއެވެ.